1447 ވަނަ އަހަރުގެ މަތިވެރި ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖުވެރިންގެ ދެވަނަ ގްރޫޕް މިއަދު ފުރައިފިއެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، މި ފަހަރު ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ގޮސްފައި ވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
މިއަދު ހެނދުނު ރާއްޖެ ގަޑިން 07:10 ގައި ފުރި މި ފްލައިޓުގައި ޖުމްލަ 260 ހައްޖުވެރިން ވަނީ ފުރާފައެވެ. މި ފްލައިޓު ސައުދީގެ ޖިއްދާއަށް ފޯރާނެ ކަމަށް ލަފާކުރެވެނީ ރާއްޖެ ގަޑިން މިއަދު މެންދުރު 12:00 ހާއިރުއެވެ.
މިއަހަރު ރާއްޖެއަށް ލިބިފައިވާ 1,000 ހައްޖު ކޯޓާގެ ދަށުން ހައްޖުވެރިން އުފުލުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ހަތަރު ފްލައިޓެއްގައެވެ. އެއީ ސައުދީ އަރަބިއްޔާގެ "ސައުދިޔާ" އެއާލައިންގެ ދެ ފްލައިޓާއި، މޯލްޑިވިއަންގެ ދެ ފްލައިޓެވެ. މީގެ ތެރެއިން ފުރަތަމަ ފްލައިޓު ސައުދިޔާ އެއާލައިންގައި މީގެ ކުރިން ފުރާފައިވާ އިރު، މިއަދު ފުރި މޯލްޑިވިއަންގެ ފްލައިޓަކީ މިއަހަރުގެ ދެވަނަ ފްލައިޓެވެ.
ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ބާކީ ތިބި ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހޯމަ އަދި އަންގާރަ ދުވަހުއެވެ. އެގޮތުން، ހޯމަ ދުވަހު 268 ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާއިރު، އަންގާރަ ދުވަހު ފުރާ ފަހު ފްލައިޓުގައި 253 ހައްޖުވެރިން ފުރުމަށް ވަނީ ތާވަލުކުރެވިފައެވެ.
