އެމެރިކާގެ ވިސްކޮންސިންގެ ގަވަރުނަރު ހޮވުމަށް ބޭއްވި އިންތިހާބު ޑޭވިޑް ކްރޯލީ، ކާމިޔާބުކުރައްވައިފިއެވެ. މިއާއެކު އޭނާ ވެގެންގޮސްފައިވަނީ އެ ސްޓޭޓްގެ ތާރީހުގައި ވެސް ގަވަރުނަރަކަށް އިންތިހާބުވި ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. އަދި އުމުރުން 40 އަހަރުގެ ކްރޯލީ ވެގެންދާނީ ފާއިތުވި ގާތްގަނޑަކަށް ސަތޭކަ އަހަރު ތެރޭގައި އެ ސްޓޭޓުން އިންތިހާބުވި އެންމެ ޒުވާން ގަވަރުނަރަށެވެ.

ކްރޯލީ މި އިންތިހާބު ކާމިޔާބުކުރެއްވީ ރިޕަބްލިކް ކޮންގްރެސް މެންބަރު ޓޮމް ޓިފާނީއާ ވާދަކުރައްވައިގެންނެވެ. މި މުހިންމު ސްޓޭޓްގެ ގަވަރުނަރުކަން އަނެއްކާވެސް ޑިމޮކްރެޓިކް ޕާޓީގެ ބާރުގެ ދަށަށް ގޮސްފައިވާއިރު އިންތިހާބުގައި ޓްރަމްޕް ތާއިދުކުރި ކެންޑިޑޭޓް ޓިފާނިއާ ބަލިވެގެން ދިއުމަކީ ޓަރްމްޕް ތާއިދެއްނެތްކަމުގެ ހެއްކެއްކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

މި އިންތިހާބުގައި ޓްރަމްޕްގެ ގާތް އެކުވެރިއެއް ކަމުގައިވާ ޓިފަނީއަށް ވަނީ އޭނާގެ ޕާޓީއާ ކުރިމަތިލާންޖެހުނު ސިޔާސީ ގޮންޖެހުންތަކުން އަރައިގަތުމުގައި އުނދަގޫތަކާ ކުރިމަތިލާންޖެހިފައެވެ. އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ސްޓޭޓްގެ ވޯޓުލާ މީހުން ރައީސް ޑޮނަލްޑް ޓްރަމްޕާ މެދު ދެކޭގޮތް ދުވަހަކަށްވުރެ ދުވަހެއް ދަށަށްދާކަން ޕޯލްތަކުން ދައްކުމާއެކު ޓިފާނީ ވަނީ އިންތިހާބު ކާމިޔާބުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ހަމައެއާއެކު މި އިންތިހާބުގައި، ޓެފާނީއާ ވާދަކުރެއްވި ކްރޯލީގެ ކެމްޕެއިން އުކުޅުތައް ވަނީ ވަރަށް ތަފާތުކޮށްފައެވެ. އެގޮތުން ކެމްޕެއިންގައި ގެދޮރުވެރިކަމާއި، ސިއްހީ ހިދުމަތާއި، އަދި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް ފަދަ އާއިލީ ހަރަދުތައް ކުޑަކުރުމަށް ހުށަހެޅި އަގުހެޔޮކުރުމުގެ ސިޔާސަތުތަކުގެ މައްޗަށް އޭނާ ވަނީ ވަރަށް ބޮޑަށް އަލިއަޅުވާލާފައިވެއެވެ.

މީގެ އިތުރުން ކްރޯލީ ވަނީ އޭނާގެ އަމިއްލަ ހަޔާތުގެ ވާހަކަ ވެސް ވޯޓުލާ މީހުންގެ ސަމާލުކަމަށް ކޮންމެހެން ގެންނަންޖެހޭ ކަމެއްގެ ގޮތުގައި ކުރިއަށް ނެރުއްވާފައެވެ. އޭނާ ބޮޑުވީ މިލްވޯކީގެ އެންމެ ފަގީރު އެއް ސަރަހައްދުގައެވެ. އަދި އޭނާގެ ޅަދުވަސްތަކުގައި އާއިލާއަށް ކުރިމަތިވެފައި ފަގީރުކަމާއި ބޯހިޔާވަހިކަމެއް ނެތުމުގެ ދަތިކަމާ ކުރިމަތިލާންޖެހުނު ގޮތް ވަނީ ހިއްސާކޮށްފައެވެ. މީގެއިތުރުން، އޭނާގެ މައިންބަފައިން ތިބީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިކަން ހާމަކޮށް ކްރޯލީ ވަނީ މިފަދަ ދަތިހާލަތުން އަރައިގަތުމުގެ ވިސްނުންތައް އިސްކުރައްވާފައެވެ.

2020 ވަނަ އަހަރު މިލްވޯކީ ކައުންޓީގެ އެގްޒެކެޓިވް މަގާމަށް އިންތިހާބުވެވަޑައިގަތުމުގެ ކުރިން، ކްރޯލީ ވަނީ ސްޓޭޓް އެސެމްބްލީގައިވެސް ހިދުމަތްކުރައްވާފައެވެ. އަދި މުޖުތަމައު ހޭލުންތެރިކުރުވާ، ސިޔާސީ އެހީތެރިއެއްގެ ގޮތުގައި ވެސް އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވެއެވެ.