ބުލީ ކުރުމާ ދެކޮޅަށް އެންޓި ބުލީން ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް މިސަރުކާރުން ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބުލީކުރުން ހުއްޓުވުމަށް މިސަރުކާރުން އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައެވެ.
އެގޮތުން ރައީސް ވިދާޅުވީ ބުލީކުރުމަކީ އިއްޔެއަކު މިއަދަކު ފެށުނުކަމެއް ނޫންކަމަށާއި، މިއީ ރާއްޖޭގަ އެކަނި ހިނގާ ކަމެއްވެސް ނޫންކަމަށެވެ. އަދި މިއީ ވަރަށް ބައިވަރު ކަންކަމާ ގުޅިލާމެހިފައިވާ ވަރަށް ގޯސް އާދައެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މިމައްސަލަ އަކީ އެކި އުމުރުފުރާގެ މީހުންގެ މެދުގައި އޮތްކަމެއްކަމަށާއި، މިކަން ހުއްޓުވުމަށްޓަކައި ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ގާނޫނީ ނިޒާމުގެ ތެރެއިންވެސް ބުލީ ކުރުމާ ދެކޮޅަށް ފިޔަވަޅު އެޅޭނެގޮތް ފަހިވެފައިވާކަމަށެވެ. ހާއްސަކޮށް ގާނޫނަށް، 2024 ގަ ގެނަ 6 ވަަނަ އިސްލާހާއެކު ސައިބާ ވައެލެންސް އަކީ ކުށެއް ކަމަށާއި، މީގެ ތެރޭގައި، ސައިބާ ސްޓޯކިން ވެސް ހިމެނޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މިފަދަ މަސައްލަތައް ތަހުގީގުކޮށް، ދައުވާކޮށް ޕީޖީއަށް ހުށައެޅޭނެ މަގުވެސް ގާނޫނީ ގޮތުން ފަހިވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ބުލީކުރުން އެއީ ގާނޫނީ ކުށެއްކަމަށް ކަނޑައެޅުމަށް އެންޓި ބުލީން ގާނޫނެއްގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭޖީ އޮފީހުން މިމަަސައްކަތް ކުރިއަށް ގެންދާކަމަށާއި، މިބިލް ފަރުމާކޮށް، މަޝްވަރާގެ ހުރިހާ މަރުހަލާއެއް ނިންމާ މަޖިލީހަށް ފޮނުވާނެކަމަށެވެ.
މިގާނޫނާއެކު ބުލީންގެ މައްސަލަ އަށް ލުޔެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މިގާނޫނުގައި ބުލީ ކުރުމަކީ ކޮބައިކަމާއި، އޭގެ އަމަލުތައް ސާފުކޮށް ބަޔާންކޮށް މިކަން ކުށަކަށް ވާނެ ގޮތްތައް ވެސް ތަފްސީލު ކޮށް، މިގާނޫނު ހިނގާ ދާއިރާތައްވެސް ވަރަށް ސާފުކޮށް ބަޔާންކުރާނެކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. މިގާނޫނުގައި އޮންލައިން ބުލީކުރުން ހުއްޓުވަން ބާރުއަޅާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެންޓި ބުލީން ގާނޫނުގެ އިތުރުން، ސްކޫލްތަކާއި ތައުލީމީ މަރުކަޒުތަކުގަ ބުލީކުރުން ހުއްޓުވަން ހާއްސަ ސިޔާސަތެއް އެކުލަވާލުމާއި، ބުލީ ކުރާ ކުދިންނާ ދެތޭރޭ ފިޔަވަޅު އެޅޭނެ ހާއްސަ ނިޒާމެއް އެކުލަވާލުމަށް މިސަރުކާރުން ނިންމަވާފައިވާކަަންވެސް ރައީސް ހާމަކުރެއްވިއެވެ. އެގޮތުން ބުލީކުރުމުގެ މައްސަލަތައް ހުއްޓުވުމުގެ ގޮތުން މިކަންކަން ރިޕޯޓު ކުރެވޭނެ ސެންޓްރަލް އޭޖެންސީއެއް ގާއިމުކޮށް މައްސަލަ ބަލައި މިކަން ކަން ހުއްޓުވޭނެ ނިޒާމްތައް އެކަށައަޅަން މަސައްކަތްކުރުމަށްވެސް ވަނީ ނިންމާފައެވެ. ހަމަ މިއާއެކު، ތައުލީމީ މަރުކަޒުތަކުގެ ރަސްމީ މަންހަޖުގަ މިކަންކަން ތަފްސީލުކޮށް ހިމަނައި، ބުލީ ކުރުމާއި ފުރައްސާރަ ކުރުން ހުއްޓުވަން މަސައްކަތްކުރެވޭނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެންޓި ބުލީން ގާނޫނުގައި، މިމައްސަލަ ޕްރިވެންޓްކޮށް ހުއްޓުވުމުގެ ކަންކަން ހިމަނާ، ހޭލުންތެރިކުރުމާއި، މިކަމާ ދެކޮޅަށް ނަގަން ޖެހޭ ޒިންމާ ތައްވެސް ހިމަނާފަ ވާނެކަމަށެވެ.
ރައީސް ވިދާޅުވީ ބުލީ ކުރުން ހުއްޓުވުމަކީ މިމުޖްތަމައުގެ އެންމެގެވެސް ޒިންމާއެއްކަމާއި، މިކަން ހުއްޓުވުމަށް އެންމެންގެ އެއްބާރުލުން ލިބިގެން ކާބިޔާބު ނަތީޖާއެއް ނެރެވޭކަމަށް އުއްމީދުކުރައްވާކަމަށެވެ.
