މީގެ 17 އަހަރު ކުރިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ވަޒީފާއިން ވަކިކުރި މީހަކަށް އަލުން ވަޒީފާ ދިނުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް އެއްފަހަރާ ދިނުމަށް ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ހުކުމްކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން މި ހުކުމް އިއްވާފައިވަނީ ރ. ކަނދޮޅުދޫ، ކޮތަރިވިލާ، މުހައްމަދު އިސްމާއީލްގެ ފަރާތުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާ ދެކޮޅަށް ހުށަހެޅި ވަޒީފާއާބެހޭ މައްސަލައިގައެވެ. މުހައްމަދު އިސްމާއީލް ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވަނީ މީގެ 17 އަހަރު ކުރިންނެވެ. އޭނާ ވަޒީފާއިން ވަކިކުރިއިރު ހުރީ ލާންސް ކޯޕްރަލް ކަމުގެ މަގާމުގައެވެ.

މުހައްމަދު އިސްމާއީލް ވަޒީފާއިން ވަކިކޮށްފައި ވަނީ ފުލުހުން ބަލަމުން ދިޔަ މައްސަލައެއްގެ ތަހުގީގަށް ބަންދުގައި ބެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލުމުން ތިން މަހަށް ވުރެ ގިނަ ދުވަސް ވަންދެން ވަޒީފާއަށް ހާޒިރުނުވެ ހުރުމުން ކަމަށް ދައުލަތުން ބުނެފައި ވެއެވެ. ދައުލަތުން ކޯޓުގައި ބުނެފައިވަނީ އޭނާ ވަޒީފާއިން ވަކިކުރީ ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

ވަޒީފާއަށް ހާޒިރުނުވި ކަމަށް ދައުލަތުން ބުނާ ބުނުމަށް ރައްދުދީ މުހައްމަދު އިސްމާއީލް ކޯޓުގައި ބުނެފައި ވަނީ، ފުލުހުންގެ ބަންދުން ދޫކޮށްލުމަށްފަހު އޭނާ ވަޒީފާއަށް ނުނިކުމެ ހުރީ އެމްއެންޑީއެފްގެ ވެރިން އެގޮތަށް އެންގުމުން ކަމަށެވެ. ނަމަވެސް މީގެ ކުރީގެ މަރުހަލާތަކުގައި މިކަން ސާބިތުކޮށްދިނުމަށް އެކަށީގެންވާ ހެކި ހުށަހަޅާފައި ނުވާކަމަށް ކޯޓުން ފާހަގަކޮށްފައި ވެއެވެ.

މި މައްސަލައަކީ ޝަރުއީ ކޯޓުތަކުގައި އެތައް އަހަރެއް ވަންދެން ހިނގަމުންދިޔަ މައްސަލައެކެވެ. އެގޮތުން މީގެ ކުރިން ސިވިލް ކޯޓުން ނިންމި ނިންމުމެއް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވަނީ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް އަންގާފައެވެ. ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައި ވަނީ، މުހައްމަދު އިސްމާއީލް ވަޒީފާއަށް ނުނިކުމެ ހުރީ ވެރިން އަންގައިގެންކަން ސާބިތުކުރުމަށް އެކަށީގެންވާ ފުރުސަތު ދީފައިނުވާ ކަމަށާއި، ހެކިތަކަށް ރިއާޔަތްކުރުމުގައި ކޯޓުން އަމަލުކޮށްފައިވާ ގޮތް ގޯސްކަމަށެވެ.

އެހެންކަމުން، ސިވިލް ކޯޓުން މިފަހަރު މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ އެންގުންތަކާ އެއްގޮތަށް، ދެ ފަރާތުން ހުށަހެޅި ހެކިތަކާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށެވެ. ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައި ވަނީ ދައުލަތުގެ ފަރާތުން އޭނާ ވަޒީފާއިން ވަކިކުރުމުގައި އަމަލުކޮށްފައި ވަނީ ގާނޫނީ ހަމަތަކާ އެއްގޮތަށްކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

ސިވިލް ކޯޓުން މައްސަލަ ބެލުމަށްފަހު ކުރި ހުކުމުގައި އަންގާފައިވަނީ މުހައްމަދު އިސްމާއީލްއަށް އަނބުރާ ވަޒީފާ ލިބޭނެގޮތް ހަމަޖައްސައިދިނުމަށެވެ. އަދި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، ވަޒީފާއިން ވަކިކުރި ތާރީހު ކަމަށްވާ މާޗް 10، 2009 އިން ފެށިގެން އޭނާ ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ލިބުނު ސެޕްޓެމްބަރު 9، 2016 އާ ހަމައަށް ހިނގި މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް 30 ދުވަހުގެ ތެރޭގައި ދިނުމަށް ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން، ވަޒީފާއަށް ނުނުކުމެ ހުންނަން ޖެހުމުގެ ސަބަބުން އޭނާއަށް ގެއްލިގެން ދިޔަ ޕްރޮމޯޝަންގެ ފުރުސަތުތައްވެސް ލިބޭނެގޮތް ހަމަޖައްސައިދިނުމަށް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ. މިއީ ދައުލަތުގެ މުއައްސަސާއަކުން ވަޒީފާއިން ވަކިކުރި މީހަކަށް މިހާ ދިގު މުއްދަތެއްގެ މުސާރައާއި އިނާޔަތްތައް އެއްފަހަރާ ދިނުމަށް ކޯޓަކުން ހުކުމްކުރި މަދު ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ.