ދިވެހިރާއްޖޭގެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ހިންގުމާ، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް އިއްޔެ ހަވާލުކުރައްވައިފިއެވެ. އެ މަނިކުފާނު އެ މަގާމަށް އައްޔަންކުރެއްވީ އެ ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ ގޮތުގައެވެ.

ޓެރަރިޒަމްގެ ނުރައްކާތަކުން ގައުމު ސަލާމަތްކުރުމަށްޓަކައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އެންސީޓީސީގެ އިސް މަގާމުގައި މީގެ ކުރިން ހުންނެވީ ވައިސް ވަހީދެވެ. ނަމަވެސް، އެ މަގާމަށް ބަދަލު ގެންނެވީ އޭނާ އިސްތިއުފާ ދެއްވުމުން ކަމެއް ނުވަތަ މަގާމުން ވަކިކުރެއްވުމަށްފަހު ކަމެއް އަދި ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ދިވެހި އަސްކަރިއްޔާގައި 32 އަހަރަށްވުރެ ދިގު މުއްދަތަކަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި މޫސާ އަލީ ޖަލީލް ސިފައިންގެ ހިދުމަތުން ރިޓަޔާކުރެއްވީ، ސިފައިންގެ އެންމެ އިސް ވެރިޔާ (ޗީފް އޮފް ޑިފެންސް ފޯސް) ގެ މަގާމުގައި ހުންނަވައި ފެބްރުއަރީ 9، 2012 ގައެވެ.

ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތުގެ ޝަރަފު އަރުވާފައިވާ މޫސާ ޖަލީލު އަސްކަރީ ހިދުމަތަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަނީ ދިފާއީ ވަޒީރުކަން ވެސް ކުރައްވައިފައެވެ. އެހެންނަމަވެސް، އޮކްޓޯބަރު 2015 ގައި ވަނީ އެ މަގާމުން ވަކިކުރައްވައިފައެވެ. މީގެ އިތުރުން، މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވެސް މޫސާ އަލީ ޖަލީލް ވާދަކުރެއްވި ނަމަވެސް، އެ އިންތިހާބު ކާމިޔާބުވާ ގޮތެއް ނުވިއެވެ.