ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންނަ މަހުގެ ތެރޭގައި ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ދަތުރުފުޅާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ހާއްސަކޮށް މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާތައް ފަށައިފިކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
މި ދަތުރުފުޅަށް ތައްޔާރުވުމުގެ ގޮތުންނާއި، އިންވެސްޓްމަންޓުގެ އައު ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލަންކާގެ ފިޝަރީޒް މިނިސްޓަރު ރާމަލިންގަމް ޗަންދްރަސޭކަރް އާއި ދިވެހިރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ވަނީ ލަންކާގެ ޕާލަމެންޓް އިމާރާތުގައި ދާދިފަހުން ބައްދަލުވުމެއް ބާއްވަވާފައެވެ. ލަންކާގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެކުއަޓިކް އެންޑް އޯޝަން ރިސޯސަސްއާ ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ، ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް މަސްވެރިކަމުގެ ސިނާއަތުގައި ދެ ގައުމުގެ ގުޅުން ފުޅާކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ.
މި ބައްދަލުވުމުގައި ލަންކާގެ ފިޝަރީޒް މިނިސްޓަރު ވަނީ ދެ ގައުމުގެ ދެމެދުގައި ފަންނީ ތަޖުރިބާ ހިއްސާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ތާޒާ ރޯމަހުގެ ބާވަތްތަކާއި ލަންކާގައި ކުރިއަރާފައިވާ ދަޅުމަސް ބަންދުކުރުމުގެ ސިނާއަތް ގުޅުވާލައިގެން، އައު އުފެއްދުންތަކެއް ބާޒާރަށް ނެރުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ލަންކާގައި މަސް ޕްރޮސެސްކޮށް، ދިވެހިރާއްޖޭގެ ބާޒާރަށް އަމާޒުކޮށްގެން އަގުއެއްކުރެވިފައިވާ މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށް ދެ ގައުމުންވެސް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ލަންކާގެ ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މިހާރު “މޭޑް އިން ސްރީލަންކާ” ޖަހާފައިވާ ބައެއް އުފެއްދުންތައް ރާއްޖެއަށް އެތެރެކުރަނީ ދުބާއީ މެދުވެރިކޮށެވެ. އެހެންކަމުން، އެހެން ފަރާތެއް މެދުވެރިނުކޮށް ސީދާ ލަންކާއިން ރާއްޖެއަށް މުދާ ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
