މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން "މާލެ ޓެކްސީ ލައިން" ގެ ނަމުގައި ފެށި ހިދުމަތާ ގުޅިގެން ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށް، ނޫސް ބަޔާނެއް ނެރެފިއެވެ.

މި މަހުގެ 2 ވަނަ ދުވަހު އެމްޓީސީސީން ފެށި މި ހިދުމަތާ ގުޅިގެން އެ ޖަމްއިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޓެކްސީ ޑްރައިވަރުންނަކީ ޒަމާނުއްސުރެ ރައްޔިތުންނަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ބައެއް ކަމަށެވެ. އަދި މިއީ އެތައް ސަތޭކަ ދިވެހި އާއިލާއެއްގެ ދިރިއުޅުމާއި އާމްދަނީއާ ސީދާގޮތުން ގުޅިފައިވާ ދާއިރާއަކަށްވާއިރު، ސަރުކާރުގެ ކުންފުންޏަކުން މި ދާއިރާއަށް ވަނުމަކީ އިންސާފުވެރިކަމާއި ހަމަހަމަކަން ގެއްލި، ރެގިއުލޭޓް ކުރުމުގެ ނިޒާމަށް ބުރޫއަރާނެ ކަމެއް ކަމަށް އެސޯސިއޭޝަނުން ފާހަގަކުރެއެވެ.

ޑްރައިވާސް އެސޯސިއޭޝަނުން ތުހުމަތުކުރާ ގޮތުގައި، އަމިއްލަ ޓެކްސީ ސެންޓަރުތަކާއި ޑްރައިވަރުންނަށް ހަރުކަށި އުސޫލުތައް ކަނޑައަޅައި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންދާއިރު، ސަރުކާރުގެ ޓެކްސީ ހިދުމަތް ދެމުންދަނީ ކަނޑައެޅިފައިވާ ގަވާއިދުތަކާ ހިލާފަށެވެ. އެގޮތުން ޓެކްސީ ގަވާއިދުގެ 7 ވަނަ މާއްދާ އާއި 11 ވަނަ މާއްދާގެ އެކި އަކުރުތަކާ ކަނޑައެޅިގެން ހިލާފަށް އެމްޓީސީސީން އަމަލުކުރަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ސަރުކާރުގެ އަމިއްލަ އެޕްލިކޭޝަނެއް ތައްޔާރުވަންދެން މި ހިދުމަތް ހިލޭ ދިނުމަށް ނިންމާފައިވާ ނިންމުމަކީ، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ގާނޫނާ (11/2020) ހިލާފު ކަމެއް ކަމަށާއި، މިއީ އަމިއްލަ ޑްރައިވަރުންގެ އާމްދަނީއަށް ލިބޭ ފޫނުބެއްދޭނެ ވަރުގެ ބޮޑު ގެއްލުމެއް ކަމަށްވެސް އެ ޖަމްއިއްޔާއިން ބުނެއެވެ.

"ރައްޔިތުންގެ އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީއަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން ސީދާގޮތުން ވިޔަފާރީގެ ވާދަވެރިކަމުގެ ތެރެއަށް ވަދެގެން ނުވާނެ،"
ޑްރައިވާސް އެސޯސިއޭޝަން

އެހެންކަމުން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ހިމެނޭހެން ކަމާބެހޭ އިދާރާތަކުން، އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ ޓެކްސީތަކާމެދު ހަމަހަމަ އުސޫލަކުން ގަވާއިދުތައް ތަންފީޒުކުރުމަށް އެ އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ.

މި މައްސަލައިގައި ޑްރައިވަރުންގެ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމުގައި އެ އެސޯސިއޭޝަން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ޓެކްސީ ޑްރައިވަރުންނަށް ވަނީ އަރުވާފައެވެ.