މާލޭގެ މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާތާ 2 ގަޑިއިރު ފަހުން މައްސަލަ ހައްލުކޮށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދީފިއެވެ.

މިއަދު ފުރަތަމަ އެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް ކެނޑިފައި ވަނީ 11:15 ހާއިރުއެވެ. އެ ވަގުތު ކަރަންޓުގެ ހިދުމަތް ކެނޑިފައި މާގިނަ އިރުތަކެއް ނުވެ އެ މައްސަލަ ވަނީ ހައްލުކޮށްފައެވެ. ނަމަވެސް މެންދުރު ފަހު 2:50 ހާއިރު އަނެއްކާ ވަނީ މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން ބުނީ، ކަރަންޓު މެދުކެނޑެން ދިމާވި މައްސަލަ ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ކަރަންޓުގެ ހިދުމަތް އެ ސަރަހއްދަށް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކަރަންޓުގެ ހިދުމަތަށް ބުރޫއަރައި ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މިއަދު މާފަންނުގެ ބައެއް ސަރަހައްދުތަކުން ދެވަނަ ފަހަރަށް ކަރަންޓުގެ ހިދުމަތް މެދުކެންޑިފައިވާ އިރު، ކަރަންޓުގެ ހިދުމަތް ލިބިފައި އެވަނީ ދާދި ދެންމެ އަކުއެވެ. ކަރަންޓުގެ ހިދުމަތް ނުލިބި 2 ގަޑިއިރާއި 25 މިނެޓް ހޭދަވެފައި ވެއެވެ.

އަދި މިހާތަނަށް އެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވި ސަބަބު ސްޓެލްކޯ އިން ހާމައެއް ނުކުރެއެވެ.