ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްނަގައިގެން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަމީނިއްޔާ ސްކޫލުގައި "އައިވޮންޑާ"ގެ ނަމުގައި ސެންސަރީ ކުލާހެއް ތަރައްގީ ކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ، މި ކްލާސްރޫމް ފަރުމާކޮށްފައި ވަނީ ދަރިވަރުން އުނގެނުމަށް ފަހި ތަނެއްގެ ގޮތުގައި ކަމަށާއި ކްލާސް މަރާމާތުކުރުމާއި ބޭނުންވާ ހުރިހާ ސަމާނު ފޯރުކޮށްދީފައި ވާނެ ކަމަށެވެ. އެގޮތުން ކްލާސްރޫމަށް މުހިންމު ބަދަލުތައް ގެނެސް، ދަރިވަރުން އުނގެނުމަށްފަހި މާހައުލެއް ގާއިމުކުރުމަށް ހާއްސަ ވަސީލަތްތައް ފޯރުކޮށްދީފައި ވެއެވެ.
އަމީނިއްޔާ ސްކޫލުގެ ސެން ކްލާސްތަކުގައި 170 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މީގެ ކުރިންވެސް އެކި ސްކޫލުތަކުގެ ސެން ކްލާސްރޫމްތައް ތަރައްގީކުރުމަށާއި ބޭނުންވާ އާލާތްތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އެގޮތުން އިމާދުއްދީން ސްކޫލް، ހިރިޔާ ސްކޫލް، ސަލާހުއްދީން ސްކޫލް، ވޭމަންޑޫ ސްކޫލު އަދި ގާފަރު ސްކޫލްގެ ސެން ކްލާސް ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ.
އަދި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 އަށް ވުރެ ގިނަ ސްކޫލްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައްބޭންކުން ހަދިޔާކޮށްފައި ވެއެވެ. ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދޭން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭން ބީއެމްއެލްއިން އަބަދުވެސް ހާއްސަ އިސްކަމެއްދެއެވެ.
