މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ ސިއްހަތާ ބެހޭ ދުވަހުގެ މުނާސަބަތުގައި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސައިންސާއި ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ހައްލުތަކުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ފާހަގަކުރައްވައިފިއެވެ.
މި ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، އިންސާނުންގެ ދިރިއުޅުން ދުޅަހެޔޮކޮށް، މުޖުތަމައުތައް ބާރުވެރިކުރުވުމުގައި ސައިންސަކީ ނުހަނު ބޮޑު ބާރެއް ކަމަށެވެ. އަދި ހެކިތަކުގެ މައްޗަށް ބިނާކޮށް ހޯދޭ ސިއްހީ ހައްލުތަކަކީ މުޖުތަމައުތައް ރައްކާތެރިކޮށްދީ، އެތައް މިލިއަން ފުރާނައެއް ސަލާމަތްކޮށްދޭ ކަމެއްކަން ފާހަގަކުރެއްވިއެވެ.
މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، އިންސާނުންގެ ދުޅަހެޔޮކަމާއި ތިމާވެށީގެ ދުޅަހެޔޮކަމާ ހުރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މޫސުމީ ބަދަލުތަކާއި، ބޭހަށް ނުގުޑާ ބަލިތައް (އެންޓިމައިކްރޯބިއަލް ރެސިސްޓެންސް) އިތުރުވުމާއި، އަލަށް އުފެދޭ ބަލިތަކުން ސަލާމަތްވުމަށްޓަކައި ބައިނަލްއަގްވާމީ ފެންވަރުގައި ގުޅިގެން މަސައްކަތް އިތުރުކުރައްވުމަށް ގޮވާލައްވާފައި ވެއެވެ. އެކަމަނާ ވިދާޅުވީ، ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރުމަށްޓަކައި އިލްމު ކުރިއެރުވުމާއި، ސިއްހީ ދިރާސާތަކަށް އިންވެސްޓްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގަންނުވައި، އެކަމަށް ހިތްވަރު ދިނުމުގެ މުހިންމުކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މެޑަމް ސާޖިދާގެ މެސެޖު ނިންމަވާލެއްވީ، އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، ކޮންމެ މީހަކަށްވެސް ދުޅަހެޔޮ އަދި ފާގަތި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އޮތް މުސްތަގުބަލެއް ބިނާކުރެވޭނެ ކަމުގެ އުންމީދާ އެކުގައެވެ.
ބައިނަލްއަގްވާމީ ސިއްހަތާ ބެހޭ ދުވަހަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިސްނަގައިގެން ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަހުގެ 7 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މި ދުވަހުގެ މަގުސަދަކީ ސިއްހީ ބޮޑެތި މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުވުމެވެ.
