މި އަހަރުގެ ދުނިޔޭގެ ސިއްހަތުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ "ފަހި ސިއްހަތު ހެލްތު ކެއާ ފެއާ" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ހުޅުވައިދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު މާލޭ އާޓިފިޝަލް ބީޗުގައި ކަމަށެވެ. މި ފެއާ އަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑުގެ އިތުރުން ޔުނިސެފް ގުޅިގެން ބާއްވާ ފެއާއެކެވެ.

މި ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މި ފެއާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ދުޅަހެޔޮ ހަށިހެޔޮ" މުޖުތަމައެއް ބިނާކުރުމުގެ ވައުދުފުޅާ އެއްގޮތަށް މުޅި ގައުމަށް އަމާޒުކޮށްގެން އެމްއެންޔޫއިން ފައްޓަވާފައިވާ ކެމްޕޭނެއް ކަމަށާއި، މި ކެމްޕޭނުން ދައްކުވައިދެނީ ނުރައްކާތެރި ނުވަތަ ގައިންގަޔަށް ނާރާ ބަލިތަކާ ކުރިމަތިލާނެ ގޮތް ކަމަށެވެ. އެގޮތުން މިއީ ސިއްހަތަށް ފައިދާހުރި ދިރިއުޅުމުގެ ވައްޓަފާޅިތައް ކުރިއެރުވުމާއި އަންނަން އޮތް ޖީލުތަކަށްޓަކައި ދެމެހެއްޓެނިވި މުޖުތަމައުތަކެއް ބިނާކުރުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތްތަކެއް ކަމަށް ޝެހެނާޒް ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން ވާހަކަދައްކަވަމުން ޑރ. ޕަޑްމަލް ޑި ސިލްވާ ވަނީ ސިއްހީ ދާއިރާއިން ރާއްޖެ ހޯދާފައިވާ އެކިއެކި ކާމިޔާބީތައް ފާހަގަކުރައްވާފައެވެ.

މި ފެއާގައި އެކި ޖަމިއްޔާތަކާއި ހޮސްޕިޓާތަކުން 15 އަށްވުރެ ގިނަ ސްޓޯލްތައް ބަހައްޓާފައިވާއިރު މި ފެއާ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 1 ދުވަހުގެ މުއްދަތަކަށެވެ. އެގޮތުން ހަވީރުގެ ދަންފަޅިއަށްފަހު މިރޭ 8:00 އިން 10:00 އަށް ފެއާ ކުރިއަށްދާނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދުނިޔޭގެ ސިއްހަތު ދުވަހުގެ މި އަހަރުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ވަނީ "ދުޅަހެޔޮ ފެށުމެއް، އުއްމީދީ މުސްތަގުބަލެއް،" މި ޝިއާރެވެ.