ސިއްހީ ފަރުވާ އާއި ހިދުމަތާ، ބަލިތައް ދެނެގަތުމާ، އަދި ރައްކާތެރިވުމަށް ސައިންސަށް ބަރޯސާވުމަކީ މުހިއްމު ކަމެއްކަމަށާއި ސިއްހީ ދާއިރާ އިން މި ސަރުކާރުގެ ސިޔާސަތުތައް ބިނާވަނީ ސާބިތު ހިފޭ މެޑިކަލް ސައިންސްގެ ހޯދުންތަކުގެ މައްޗަށް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ހިތާބުގައި މިނިސްޓަރު ވަނީ މި ސަރުކާރުން، ސައިންސްގެ އަލީގައި ސިއްހީ ހިދުމަތާއި ފަރުވާ ބައްޓަން ކުރުމުގައި ދެވޭ އަހައްމިއްޔަތުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެ ގޮތުން މިނިސްޓަރު ވިދާޅުވީ ޕްރައިމަރީ ހެލްތު ކެއާ، ޕްރިވެންޓިވް ކެއާ، ދުންފަތުގެ ވަބާއިން ސަލާމަތްކުރުން، ގައިންގަޔަށް ނާރާ ބަލިތައް ދުރާލާ ދެނެގަތުމުގެ ސިޔާސަތުތައް ބިނާވަނީ ސާބިތު ހިފޭ މެޑިކަލް ސައިންސްގެ ހޯދުންތަކުގެ މައްޗަށް ކަމަށެވެ.
މީގެ އިތުރުން އެންޓި މައިކްރޯބިއަލް ރެސިސްޓެންސް އިން އަރައިގަތުން، ޓީބީ އާއި އެޗްއައިވީ ފެތުރުން ހުއްޓުވުން އަދި ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ދިނުން، ސިއްހީ ރެކޯޑުތައް އެއްކުރުމާއި ބެލެހެއްޓުން، ޓެލެ މެޑިސިން އާއި ޓެލެ ހެލްތު ފަދަ ހުރިހާ މަސައްކަތަކާ، އެކަންކަމާ ގުޅޭ ސިޔާސަތުތައްވެސް ބިނާވަނީ ސާބިތު ހިފޭ މެޑިކަލް ސައިންސްގެ ހޯދުންތަކުގެ މައްޗަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސައިންސަށް އިތުބާރުކުރުމާއި އިތުބާރު ދެމެހެއްޓުމުގެ ހެޔޮ ވިސްނުމުގެ ހަގީގީ ފައިދާ ލިބޭނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ސައިންސްއަށް ރިއާޔަތްކޮށްގެން ނިންމުންތައް ނިންމާ ޑަބްލިއުއެޗްއޯ އަދި އދ. ގެ އެހެން ޖަމިއްޔާތަކުގެ އިރުޝާދު ރާއްޖެއިން އަބަދު ވެސް ބަލައިގަންނަ ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ދުވަހަށް މި އަހަރު ކަނޑައަޅާފައިވަނީ ސިއްހީ ދާއިރާގައި ސައިންސްއާއެކު ކުރިއެރުމުގެ މައުޟޫއަށްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ސައިންސްގެ އެހީގައި ސިއްހަތަށްޓަކައި މަސައްކަތް ކުރުމަށް ބާރުއަޅާ އެ ޝިއާރުގެ ބޭނުމަކީ، ސިއްހީ ދުޅަހެޔޮކަމަށް ކުރާ ކޮންމެ ކަމަކީ ވެސް ޒަމާނީ ސައިންސާއި ސާބިތު ހިފޭ ތަހުލީލުތަކާއި ދިރާސާތަކުގެ ނަތީޖާތަކާއި ފަންނީ މައުލޫމާތާއި ތަޖުރިބާއަށް ބަރޯސާވެގެން ކުރާ ކަންކަން ހެދުން ކަމަށެވެ.
