މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ އަސަރު ދިވެހިރާއްޖެއަށް ކުޑަކުރުމަށްޓަކައި، ދައުލަތުން ފަށާފައިވާ ހަރަދު ކުޑަކުރުމުގެ ސިޔާސަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.

އެކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މާދަމާއިން ފެށިގެން 31 މޭ 2026 ގެ ނިޔަލަށް އެ އޮފީހުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ޕްރޮސިކިއުޓާ ޖެނެރަލް ނިންމަވާފައިވާ ކަމަށެވެ.

އަދި މިއީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅުތަކުގައި ބައިވެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކެއް ކަމަށް އެ އޮފީހުން ބުނެއެވެ. މި މުއްދަތުގެ ތެރޭގައި ގެނައުމަށް ހަމަޖެހިފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:

  • ކޮންމެ އަންގާރަ ދުވަހަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ (ވޯކް ފްރޮމް ހޯމް) ދުވަހެއްގެ ގޮތުގައި ހަމަޖެއްސުން
  • ރަސްމީ ބައްދަލުވުންތައް ވީހާވެސް ބޮޑަކަށް އޮންލައިންކޮށް ކުރިއަށް ގެންދިއުން
  • އޮފީސް ހުޅުވާފައި ހުންނަ ވަގުތުތައް މަދުކޮށް، ކަރަންޓު ބޭނުންކުރާ މިންވަރު ދަށްކުރުން
  • ކަރުދާސް ބޭނުންކުރުން މަދުކޮށް، ޑިޖިޓަލް ވަސީލަތްތަކަށް އިސްކަންދިނުން
  • އޮފީސް ވެހިކަލްތައް ބޭނުންކުރާ މިންވަރު މަދުކުރުން

ޕީޖީ އޮފީހުން އިތުރަށް ހާމަކުރި ގޮތުގައި، އަންގާރަ ދުވަސްދުވަހު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރި ނަމަވެސް، އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ ޒަރޫރީ މަސައްކަތްތައް ކުރުމަށް މުވައްޒަފުން ހާޒިރުވާނެއެވެ. އަދި ކޯޓުތަކުގައި ބާއްވާ އަޑުއެހުންތަކަށް އެ އޮފީހުގެ ވަކީލުން ގަވާއިދުން ހާޒިރުވަމުންދާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ.

މީގެ އިތުރުން، އޮންލައިންކޮށް ބޭއްވުމުން ނަތީޖާއަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށް ބެލެވޭ މުހިންމު ބައްދަލުވުންތައް ކުރިއެކޭވެސް އެއްގޮތަށް މުވައްޒަފުން ހާޒިރުވެގެން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި އޮފީހުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެންހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއެޅުމާއި، އޮފީސް ބަންދުކުރާ ގަޑި 18:00 އަށް އަވަސްކުރުމަށް ވެސް ހަމަޖައްސާފައި ވެއެވެ.

މި ފިޔަވަޅުތަކަކީ ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި، ދިވެހި ދައުލަތުގެ މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އެޅި މުހިންމު ފިޔަވަޅުތަކެއް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކުރެއެވެ.

ޕީޖީން މިފަދަ ފިޔަވަޅުތަކެއް އަޅާފައިވާއިރު ހަރަދުކުޑަކުރަން މިފްކޯ މުވައްޒަފުންގެ މަސައްކަތު ވަގުތުވެސް ވަނީ ކުރުކޮށްފައެވެ. އެގޮތުން ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ނަމަވެސް ހަރަދު ކުޑަކުރުމުގެ ގޮތުން ރަސްމީ މަސައްކަތު ގަޑި 8:00 އިން 2:00 އަށް ކުރުކޮށްފައި ވެއެވެ.