ރާއްޖޭގައި ކުރިއަށް ދިޔަ ސާފް އަންޑާ-20 ޗެމްޕިއަންކަން ބަންގްލަދޭޝް ހޯދައިފިއެވެ. ބަންގްލަދޭޝް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޕެނަލްޓީއިން އިންޑިއާ ބަލިކޮށްގެންނެވެ.
މެޗު ޕެނަލްޓީއަށް ދިޔައީ މެޗުގެ ނޯމަލް ޓައިމްގެ ކުޅުނު ނިމުނު އިރު 0-0 އިން މެޗުގެ ނަތީޖާ އެއްވަރުވެފައި އޮތުމުންނެވެ.
4،000 އަށް ވުރެ ގިނަ މީހުން މި މެޗު ބަލަން ދަނޑަށް ވަތް އިރު މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެހެން ނަމަވެސް ދެ ޓީމަށް ވެސް ލިބުނު ފުރުސަތުތައް ނަގާ ލި އިރު މެޗުގެ ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވަރުބަލި ކުޅުމެކެވެ.
މެޗުގެ ފަހު ވަގުތު ބަންގްލަދޭޝްއަށް މެޗުން މޮޅުވާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އިންޑިއާގެ ކީޕަރު ވަނީ ހުޝިޔާރު ސޭވެއްކޮށްފައެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި އިންޑިއާއިން ޖެހި ފުރަތަމަ ޕެނަލްޓީ ބަންގްލަދޭޝްގެ ކީޕަރު ސޭވް ކުރި އިރު ދެ ޓީމުން ވެސް ދެން ޖެހި ތިން ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. ބަންގްލަދޭޝްގެ ހަތަރު ވަނަ ޕެނަލްޓީ ޖަހަން ދިޔަ ވަގުތު އިންޑިއާގެ ކީޕަރަށް އިންޖަރީ ވެގެން ފަރުވާދޭން ޖެހުމުން ބަންގްލަދޭޝްއަށް ޕެނަލްޓީ ޝޫޓްއައުޓްގައި އޮތް މޮމެންޓަމް ގެއްލި ހަތަރު ވަނަ ޕެނަލްޓީ ޖެހުނީ ބޭރަށެވެ.
އެހެން ނަމަވެސް މިކަމުގެ ފައިދާ ނަގަން އިންޑިއާއަށް ލިބުނު ފުރުސަތުގައި މެޗުގައި އެޓީމުން ޖެހި ފަހު ޕެނަލްޓީ ޖެހީ ބޭރަށެވެ. ދެން އެއަށް ފަހު ބަންގްލަދޭޝް މޮޅުކޮށް ދިން ޕެނަލްޓީ ޖަހާ ދިނީ އެމެރިކާ ނަސްލުގެ ބަންގްލަދޭޝް ކުޅުންތެރިޔާ ސޮލަވަންއެވެ. އޭނާ ޖަހާލީ ޕެނެންކާ ޕެނަލްޓީއެކެވެ.
މިއީ ބަންގްލަދޭޝްއިން މި މުބާރާތް ޖައްސަ ޖައްސައިގެން ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. 2024 ވަނަ އަހަރު އޮތް ސާފް އަންޑާ-20 މުބާރާތް ވެސް ބަންގްލަދޭޝް ކާމިޔާބުކުރި އިރު އެފަހަރުގެ ތަށި އެގައުމުން ނެގީ ފައިނަލްގައި ނޭޕާލް ބަލިކުރުމަށް ފަހުއެވެ.
