ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް އަންޑާ 20 މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު ދެވަނަ މެޗު އެއްވަރު ވެއްޖެއެވެ. ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މިމެޗުގަައި ރާއްޖޭއިން ވާދަކުރި ބޫޓާންއާއެވެ. މިމެޗު އެއްވަރުވީ ދެ ޓީމަށް ވެސް ލަނޑެއް ނުޖެހި 0-0 އިންނެވެ.

މުބާރާތުގައި މި ދެޓީމުން ވެސް ކުޅުނު ފުރަތަމަ މެޗުތަކުން ބަލިވި އިރު މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ޑިފެންސިވް ކުޅުމެކެވެ. ފުރަތަމަ ހާފްގައި ދެ ޓީމަށް ވެސް މާ ގިނަ ހަމަލާތަކެއް ނުއުފެއްދުނު އިރު ރާއްޖެއިން އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ ޖެހުނީ ބޫޓާންގެ ގޯލުގެ ދަނޑީގައެވެ. މި ޝޮޓް ފޮނުވާނީ މިމުބާރާތުގައި ދެލަނޑު ޖަހާފައިވާ ކެޕްޓަން އިލާން އިމްރާންއެވެ.

ދެވަނަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފެނުނު ނަމަވެސް ދެ ޓީމަށް ވެސް އަނެއް ޓީމުގެ ގޯލު ފުއަޅުވާ ނުލެވުނެވެ.

މި މެޗު އެއްވަރުވުމުން ދެ ޓީމަށް ވެސް ލިބުނީ 1 ޕޮއިންޓެވެ. ގްރޫޕްގައި އަދި އެއް މެޗު ކުޅެން އޮތް އިރު ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ދެ ޓީމަށް ވެސް އެބައޮތެވެ. އެހެން ނަމަވެސް ދެ ޓީމަށް ވެސް މި ފުރުސަތު ފަހި ވާނީ ގްރޫޕްގައި ކުޅޭ އެންމެ ފަހު މެޗުން މޮޅުވެގެންނެވެ.

މިމުބާރާތުގެ ގްރޫޕް އޭގެ ފަހު މެޗުތަކުގައި ބޫޓާން ސްރީލާންކާއާ ދެކޮޅަށް ނިކުންނަ އިރު ރާއްޖެއިން ކުޅެން ޖެހެނީ ގްރޫޕް ތާވާލުގެ އެއްވަނައިގައި އޮތް ނޭޕާލްއާއެވެ. ކުޅުނުު ދެމެޗުން ވެސް މޮޅުވި ނޭޕާލް ވަނީ މިރޭގެ ނަތީޖާއާއެކު ދެވަނަ ބުރަށް ގޮސްފައެވެ.

އެޓީމުން މިއަދު ހަވީރު ކުޅުނު މެޗުގައި ވަނީ 1-0 އިން ސްރީލަންކާ ބަލިކޮށްފައެވެ. ސްރީލަންކާ ތާވަލުގެ ދެވަނައިގައި އޮތް އިރު ސެމީގެ ޖާގަ ކަށަވަރުވާނީ ފަހު ބުރުގެ މެޗުތައް ނިމުމުންނެވެ.