މިހާރު ރާއްޖޭގައި ކުރިއަށްދާ ސާފް އަންޑާ 20 ޗެމްޕިއަންޝިޕް 2026ގެ ގްރޫޕް ބީގެ ފުރަތަމަ މެޗު ބަންގްލަދޭޝްއިން ކާމިޔާބުކޮށްފިއެވެ. ބަންގްލަދޭޝްއިން މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ 2-0 އިން ޕާކިސްތާނު ބަލިކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު ދެ ޓީމަށް ވެސް މާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. ފުރަތަމަ ހާފް ނިމުނީ 0-0 އިން ދެ ޓީމު އެއްވަރުވެގެން އޮވެެއެވެ.
މެޗުގެ ދެވަނަ ހާފް ފެށުނުތާ މާ ގިނަ އިރެއް ނުވެ ބަންގްލަދޭޝްއިން ލަނޑު ޖަހާ ލީޑު ނެގިއެވެ. މެޗުގެ 54 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އެޓީމުގެ އަރަމުން އަންނަ ތަރި ރޮނަން ސުލިވަންއެވެ.
ސުލިވަން މިލަނޑު ކާމިޔާބުކުރީ ޕާކިސްތާނުގެ ޕެނަލްޓީ އޭރިއާ ބޭރުން ބަންގްލަދޭޝް އަށް ލިބުނު ހިލޭ ޖެހުމެއް ސީދާ ގޯލުގެ މަތީ ކަނަށް ވައްދާލައިގެންނެވެ.
މެޗުގައި ދެން ވެސް ލަނޑު ޖެހީ ބަންގްލަދޭޝްއިންނެވެ. މިލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށް ދިނީ ސުލިވަންއެވެ. މިލަނޑާއެކު ބަންގްލަދޭޝްއަށް ނަތީޖާ ކަށަވަރުވެގެން ދިޔަ އިރު އެޓީމުން މިވަނީ ތިން ޓީމު ހިމެނޭ ގްރޫޕް ބީގެ އެއްވަނަ މަގާމަށް އަރާފައެވެ. ދެން މި ގްރޫޕްގައި އޮންނަނީ އިންޑިއާއެވެ.
