މިހާރު ހިނގަމުންދާ ސާފް އަންޑާ 20 މުބާރާތުގެ ގްރޫޕް ބީގެ ފަހު މެޗުގައި އިންޑިއާއާ ބަންގްލަދޭޝްގެ ދެމެދު ހިނގި ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.
މި މެޗު އެއްވަރުވީ 1-1ގެ ސްކޯލައިނަކުންނެވެ. މި ނަތީޖާއާއެކު ދެ ޓީމު ވެސް ވަނީ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ.
ފޯރިގަދަ މާހައުލެއްގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އިންޑިއާއިންނެވެ. މި ލަނޑު އެޓީމުން ޖެހީ މެޗުގެ 14 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ރެފްރީ އިތުރު ވަގުތުގެ ގޮތުގައި 8 މިނެޓް ދެއްކި އިރު ބަންގްލަދޭޝްއިން ނަތީޖާ އެއްވަރު ކުރީ ވެސް އިތުރު ވަގުތުގެ ތެރޭގައެވެ. އެޓީމުން ވެސް މިމެޗުގައި ލަނޑު ޖެހީ ލިބުނު ކޯނަރަކުންނެވެ.
ދެވަނަ ހާފްގައި ވެސް ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ އިރު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި ދެ ޓީމުން ގްރޫޕް ސްޓޭޖްގައި ކުޅުނު ދެމެޗުން އެއްވަރަކަށް ޕޮއިންޓް ހޯދި ނަމަވެސް ޖެހި ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނައިގެ ގޮތުގައި ސެމީއަށް ދަތުރުކުރީ އިންޑިއާއެވެ. އަދި ސެމީގައ އިންޑިއާއިން ކުޅޭނީ ގްރޫޕް އޭގެ ދެވަނަ ޓީމު ބޫޓާންއާއެވެ.
ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔަ ބަންގްލަދޭޝް ސެމީގައި ވާދަކުރާނީ މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން 2 މެޗު ކާމިޔާބުކުރި ހަމައެކަނި ޓީމު ކަމަށްވާ ނޭޕާލްއާއެވެ.
ރާއްޖޭގައި ކުރިއަށްދާ މިމުބާރާތުގެ ސެމީގެ މެޗުތައް އޮންނާނީ އަންނަ ބުދަ ދުވަހެވެ.
