މާލޭ ޓެކްސީ ލައިންގެ ހިދުމަތް މެދުވެރިކޮށް، މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް، އެ ހިދުމަތްދޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

ރޭ "މާލެ ޓެކްސީ ލައިން"ގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެމްޓީސީސީން ބުނީ އެއް ހަފުތާއަށް ދަތުރުތައް ހިލޭކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ހިދުމަތުން އަގު ނަގަން ފެށުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދައި، ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުން ކަމަށެވެ. އެހެންކަމުން، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް، މާލެ ޓެކްސީގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައި ދަތުރުތައް ހަމަޖެއްސޭނެ ކަމަށް، އެ ކުންފުނިން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފު ކުރަން ނިންމާފައިވާކަން ސަރުކާރުން އިއުލާނު ކުރީ މާލެފަހި ޕްރޮގުރާމު އިފުތިތާހު ކުރުމަށް ޖުލައި 25، 2024 ގައި ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ހައްލެއް ހޯއްދަވައިދެއްވުމުގެ މަގުސަދުގައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫއެކެވެ.