ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތައުލީމާއި ތަމްރީނު ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު، މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން މިއަދު ހުޅުވާލައިފިއެވެ.
މި ފަހަރުގެ ލޯނު ފުރުސަތުތަކަކީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 އިން ފެށިގެން 10 އާ ހަމައަށް ހުރި ޕްރޮގްރާމްތަކަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ ފުރުސަތުތަކެކެވެ. މީގެ ތެރޭގައި ޕްރޮފެޝަނަލް ލައިސަންސް ޕްރޮގްރާމްތަކާއި، މެޑިކަލް ސްޕެޝަލައިޒޭޝަން އަދި މެޑިކަލް ދާއިރާގެ ފެލޯޝިޕް ޕްރޮގްރާމްތައް ވެސް ހިމެނެއެވެ.
މި އަހަރުގެ ލޯނު ސްކީމަށް ގެނެސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ، ލޯނަށް އެދުމަށް ވަކި ސުންގަޑިއެއް ނެތި، މުޅި އަހަރު ދުވަހު އެޕްލިކޭޝަން ހުށަހެޅޭ ގޮތަށް ހަމަޖެއްސުމެވެ. މިއީ ވަކި މުއްދަތެއްގެ ތެރޭގައި ފޯމު ހުށަނޭޅިގެން ދަރިވަރުންނަށް ލޯނުގެ ފުރުސަތު ގެއްލިގެންދާ ދިއުން ނިމުމަކަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ގެނައި ބަދަލެކެވެ.
މީގެ އިތުރުން، ކުރީ އަހަރުތަކުގައި އޮންނަ "އަލަށް ކިޔަވާ ދަރިވަރުން" އަދި "އޮންގޮއިން" ކެޓަގަރީ ވަނީ އުވާލާފައެވެ. އެހެންކަމުން ހުރިހާ ދަރިވަރުންވެސް ފޯމު ހުށަހަޅާނީ އެއް ކެޓަގަރީއަކަށެވެ. އަދި ގިނަ ދާއިރާތަކަކުން ލޯނު ދޭނެ ސްލޮޓްގެ އަދަދު ކަނޑަނާޅައި ހުޅުވާލާފައިވާއިރު، ޓެކްނިކަލް ދާއިރާތަކުން ކިޔަވަން ބޭނުންވާ ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ލިބޭނެކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި ލޯނުތަކަކީ ފުރިހަމައަށް "ޝަރީއާ ކޮންޕްލައަންޓް" ނުވަތަ އިސްލާމީ އުސޫލުތަކަށް ފެތޭ ލޯނުތަކަކަށް ހައްދަވައި، މީގެ ކުރިން ނަގަމުންދިޔަ އެޑްމިނިސްޓްރޭޓިވް ޗާޖު އެއްކޮށް އުވާލައްވާފައެވެ. މީގެ ސަބަބުން ދަރިވަރުން ނަގާ ފައިސާގެ އިތުރުން އެއްވެސް އިތުރު ފައިސާއެއް އަނބުރާ ދައްކާކަށް ނުޖެހޭނެއެވެ.
މި ސްކީމުގެ ދަށުން ގައުމީ ތަރައްގީއަށް ބޭނުންވާ 'ނޭޝަނަލް ޓްރޭނިން ނީޑްސް ލިސްޓް' ގައި ހިމެނޭ ދާއިރާތަކަށް އިސްކަންދެވޭނެއެވެ. އަދި ދަރިވަރުންގެ އިހްތިޔާރުން ބޭރުން ދިމާވާ ކަންކަމާހުރެ ކިޔެވުން ނުނިމޭ ފަރާތްތަކަށް 'ޓޮޕްއަޕް ލޯނު' އަދި ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ހޯދުމަށް ހަދަންޖެހޭ 'އިންޓާންޝިޕް' ފުރިހަމަކުރުމަށްވެސް ލޯނަށް އެދުމުގެ ފުރުސަތު އޮންނާނެއެވެ.
މިސްކީމުގެ ދަށުން ލޯނަށް އެދޭ ދަރިވަރުން ކިޔަވަންދާ ގައުމު އިހްތިޔާރު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ހުރިހާ ހަރަދެއް ހިމަނައިގެން ލޯނު ދޫކުރާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ވަކި ގައުމުތަކަކަށެވެ. އެ ނޫން ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ލޯނު ދޫކުރާނީ ހަރަދުތަކަށް ބަލައި، ދަރިވަރުންނަށް ލުއިވާނެ ގޮތަކަށެވެ.
ލޯނަށް އެދި ހުށަހަޅާ ދަރިވަރުން، މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް، ބޭނުންވާ ޕްލޭސްމަންޓާއި ފީގެ ތަފްސީލު ހިމެނޭހެން ހުރިހާ ލިޔެކިޔުންތަކެއް ހުށަހެޅުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.
