ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިލިމާލޭގައި ގާއިމްކުރާ 300 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފިއެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)އާ ހަވާލުކޮށްގެން ވިލިމާލޭގައި ތަރައްގީކުރާ 300 ހައުސިން ޔުނިޓުގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު، ޑރ. އަބްދުالله މުއްތަލިބާއި ބީއެމްއެލްއާއި އާރްސީސީގެ އިސްވެރިންނެވެ.

މިރޭ ފެށި މި މަޝްރޫއުގެ ދަށުން، 17 ފަންގިފިލާގެ 3 ޓަވަރު، ވިލިމާލޭގެ ފެހިކަން ނުގެއްލޭނެހެން ތަރައްގީކުރެވޭނެއެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވެނީ ބޮޑުމިނުގައި 900 އަކަފޫޓު ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެއް ކަމަށް ވެއެވެ.

"އެފޯޑަބަލް ހައުސިން" މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން" މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫއެކެވެ. މިއީ "ލީސް-ޓު-އޯން" މޮޑެލް، ނުވަތަ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދެއްވާފައިވާ ފުރުސަތެކެވެ.

މި މަޝްރޫއުގެ ދަށުން، ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި 3260 ޔުނިޓް ތަރައްގީކުރާނެއެވެ.

ބީއެމްއެލްއިން ވިލިމާލޭގައި ގާއިމްކުރާ އަގުހެޔޮ 300 ހައުސިންގް ޔުނިޓްގެ ބިންގާ އެޅުމަށް ބޭއްވި ހަފްލާގެ ތެރެއިން

2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ފެބުރުއަރީ މަހު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ތެރޭގައި، އަތްމަތި ތަނަވަސް އާއިލާތަކަށް ރިއަލް އެސްޓޭޓް އުސޫލުން ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އިތުރުކުރުމާއި، މެދުފަންތީގެ އާއިލާތަކަށް ބޭންކް މޯގޭޖްގެ ތެރެއިން އެފޯޑަބަލް ހޯމް ގަތުމުގެ ފުރުސަތު ހޯދައިދިނުމާއި، އަމިއްލައަށް ތަނެއް ނުގަނެވޭ ފަދަ އާއިލާތަކަށް ސޯޝަލް ހައުސިން އިމާރާތްކޮށްދިނުން ހިމެނޭކަމުގައި ވިދާޅުވެފައެވެ.

ހަމަ މިއާއެކު، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ރާއްޖޭގެ ބޭންކިން ސެކްޓާގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިފައިވާ މަސައްކަތްތަކަށްވެސް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި އަލިއަޅުއްވާލެއްވިއެވެ.