މި މަހު 19 ވަނަ ދުވަހު ވ. ފެލިދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗަކީ ކުރިންވެސް ވ. އަތޮޅުގައި ރޭސް ޖަހަން ގެންގުޅުނު ލޯންޗެއް ކަމަށް އެ އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ.

މިކަމާ ބެހޭގޮތުން ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ، ދަ ޕްރެސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވ. ފެލިދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗަކީ ކުރިންވެސް ރޭސް ޖަހަން ގެންގުޅުނު ލޯންޗެއް ނަމަވެސް އެއީ ވ. އަތޮޅުގެ އެއްވެސް ރަށަކަށް ނިސްބަތް ވާ ލޯންޗެއް ނޫން ކަމަށެވެ.

އަދި އެ ލޯންޗަކީ އިންޑިއާގެ ރޭމަންޑް ގްރޫޕުގެ ވެރިޔާ ގޯތަމް ސިންހާނިޔާގެ އަމިއްލަ ލޯންޗެއްކަމަށާއި، އެ ލޯންޗަކީ، ރޭމަންޑް ގްރޫޕުގެ ޔޮޓަކާއެކު އެ އަތޮޅަށް އަންނަ ލޯންޗެއް ކަމަށްވެސް ޝުޖާއު ފާހަގަ ކުރެއްވިއެވެ. އަދި މި ދެ އުޅަނދަކީވެސް އަތޮޅުގެ އެއްވެސް ރަށަކާވެސް، އެއްވެސް ބަޔަކާވެސް ގުޅުންހުރި އުޅަނދުތަކެއް ނޫން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ބަންޑުން ޖަހާލި ލޯންޗަކީ ރޭސް ޖަހާ ލޯންޗެއް ކަމާއި، މީގެ ކުރިންވެސް ބާރު ސްޕީޑްގައި މި ލޯންޗު ދުއްވާތަން ފެނިފައި ވާކަމަށެވެ. އަދި ކުރިން މި ލޯންޗާއެކު މި ލޯންޗު ކަހަލަ ހުދު ކުލައިގެ ލޯންޗެއްވެސް ބާރު ސްޕީޑްގައި ދުއްވައި ރޭސް ޖަހަނިކޮށް ފެނިފައި ވާކަމަށެވެ. އެގޮތުން މިދިޔަ އަހަރު ފަހުކޮޅުވެސް ބާރު ސްޕީޑުގައި އެ ލޯންޗުތައް ދުއްވާތަން ފެނިފައި ވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

އެކްސިޑެންޓްވި ލޯންޗް

ބަންޑުން ޖަހާލި ލޯންޗުގެ ހާދިސާ އާ ގުޅިގެން ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯތަކުން ފެންނަގޮތުން ލޯންޗުގައި 5 މީހުންނަށް ތިބެވޭވަރަށް ސީޓު ހުރިނަމަވެސް، މި ލޯންޗު ބަންޑުން ޖަހާލި އިރު 7 މީހުން ތިބިކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ހާދިސާއާއި ގުޅޭގޮތުން ވ. އަތޮޅު ކައުންސިންލްގެ ރައީސް ޝުޖާއު ވަނީ ލޯންޗުގައި ތިބި މީހުން ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ލޯންޗު ދުއްވަން އިނީ އިންޑިއާގެ ރޭމަންޑް ގްރޫޕުގެ ވެރިޔާ ގޯތަމް ސިންހާނިޔާ ކަމަށާއި، ސިންހާނިޔާ ހިމެނޭހެން އެ ލޯންޗުގައި ތިބި މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށެވެ.

އިންޑިއާގެ ރޭމަންޑް ގްރޫޕުގެ ޔޮޓަކާއެކު ވ. އަތޮޅަށް ޒިޔާރަތް ކުރި ލޯންޗެއް ބަންޑުން ޖަހާލާފައި ވާއިރު، މި ޔޮޓަކީ ފަތުރުވެރިން ގޮވައިގެން ފުދޭވަރަކަށް ރާއްޖެ ދަތުރުކުރާ ޔޮޓެއްކަމަށާއި، އަދި ވ. އަތޮޅަށް ފަތުރުވެރިންނާއެކު ވަރަށް ގިނައިން އަންނަ ޔޮޓެއް ކަމަށް، ޝުޖާއު ފާހަގަކުރެއްވިއެވެ. ނަމަވެސް މި ޔޮޓު އެއަތޮޅަށް ކުރާ ކޮންމެ ދަތުރެއްގައި ރޭމަންޑް ގްރޫޕުގެ ވެރިޔާ ގޯތަމް ސިންހާނިޔާ ރާއްޖެ އަންނަކަން ޔަގީން ނުވާކަމަށް ޝުޖާއު ފާހަގަ ކުރެއްވިއެވެ. އަދި ވިޔަފާރީގެ ގޮތުން ވ. އަތޮޅާ ސިންހާނިޔާ އާ އެއްވެސް ގުޅުމެއް އޮންނަކަމަކަށް އެނގިފައި ނުވާކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި އަނިޔާވި މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައެވެ. އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް އިތުރުފަރުވާ ދިނުމަށް ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ހާދިސާގައި އަތެއް ބުރިވެ ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާ ހޯދުމަށްޓަކައި އިއްޔެގެ ވަގުތެއްގައި އިންޑިއާއަށް ފުރާފައިވާއިރު، ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެނަކު ފަރުވާއަށް އިންޑިއާއަށް ގޮސްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިހާދިސާގައި ހިނގި ދުވަހު އަނިޔާވި މީހުން ފުރަތަމަ ފެލިދޫ ހޮސްޕިޓަލަށް ގެންގޮސްފައި ވީނަމަވެސް، އަނިޔާވި ލޯންޗު ދުއްވަން އިން ގޯތަމް ސިންހާނިޔާ ވަނީ ސިއްހީ ފަރުވާ ދިނުމަށް ދޭން ޖެހޭ މީހާގެ ވަނަވަރު ހާމަކުރަން އިންކާރު ކޮށްފައެވެ. އަދި މައުލޫމާތު ބޭނުން ނަމަ ގޫގްލް ކުރަން އެދުނުކަމަށް ވ. އަތޮޅުގެ ކައުންސިލް ރައީސް ވިދާޅުވިއެވެ.

މި ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން އަދިވެސް ކުރަމުން ދާކަމަށް ވ. އަތޮޅު ކައުންސިލުން ބުނެފައި ވެއެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.