އޮސްޓްރޭލިއާއި ދިވެހިރާއްޖެއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވިކަން ހާމަކުރެއްވީ މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މުހައްމަދު އަމީން އެވެ.

މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް" އެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި މިއަދުން ފެށިގެން ދެ ގައުމުގެ ދެމެދުގައި އެއާލައިންތަކުން ދަތުރުތައް ބޭއްވުމަށް އޮތް ހުރަސްތައް ނެތިގެންދާނެއެވެ.

މީގެ ސަބަބުން އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ކުރުމުގެ ފުރުސަތު ފަހިވެ، ފަތުރުވެރިކަމާއި، ވިޔަފާރީގެ ދާއިރާއިން އާ ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ނިންމުމުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ އޮސްޓްރޭލިއާގެ ފަތުރުވެރިންގެ އަދަދު އިތުރުވެ، ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އޮސްޓްރޭލިއާގެ މާކެޓްގައި އިތުރަށް ކުރިއެރުވުމަށް ވިޒިޓް މޯލްޑިވްސް އިން މިދިޔަ އަހަރު ވަނީ ހާއްސަ ކެމްޕޭނެއް ވެސް ކުރިއަށް ގެންގޮސްފައެވެ.

އެ ކެމްޕެއިންގެ އަމާޒަކީ ރާއްޖެއަށް ފަތުރުވެރިން މަދުން އަންނަ ލޯ ސީޒަންގެ ތެރޭގައި އޮސްޓްރޭލިއާއިން އަންނަ މީހުންގެ އަދަދު އިތުރުކުރުމެވެ. އޮސްޓްރޭލިއާގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް މުހިންމު މާކެޓެކެވެ. އަދި އެއީ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާ ގައުމު ތެރޭގައި ހިމެނޭ ވެސް ގައުމެކެވެ.