ޓީއެމްއޭގެ ސީ ޕްލޭނެއް މޫދުގައި ޖައްސަން އުޅެނިކޮށް ހިނގި އެކްސިޑެންޓުގައި 11 ފަސިންޖަރުން ތިބި ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފިއެވެ.

ބ. އަތޮޅު ސީސައިޑް ފިނޮޅު ރިސޯޓުން އެ އަތޮޅު ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ކަނާތު ކަނދަށް ގެންލުންވެ އެކްސިޑެންޓު ހިނގީ މިއަދު ހަވީރު 03:30 ހާއިރުއެވެ.

މި ހާދިސާ ހިނގި ވަގުތު ބޯޓުގައި 11 ފަސިންޖަރުންނާއި 3 ކްރޫން ތިބި ކަމަށާއި ނަމަވެސް އެއްވެސް ފަސިންޖަރަކަށް އަދި ކްރޫއަކަށްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ މައުލޫމާތު ދީފައެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރާ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ސީޕްލޭން ދިޔަވާ މަންޒަރު ފެނެއެވެ. އަދި އޭގައި ތިބި ފަސިންޖަރުން ބޭލުމަށް އެ ސަރަހައްދުގައި ޑިންގީއަކާއި ލޯންޗެއް ހަރަކާތްތެރި ވަމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް އެނގިފައިނުވާއިރު މިކަމާ ގުޅިގެން ޓީއެމްއޭގެ ފަރާތުންވެސް ބަހެއް ލިބިފައި ނުވެއެވެ.

މީގެ ކުރިންވެސް ވަނީ ސީޕްލޭންގެ އެތައް ހާދިސާއެއް ރާއްޖޭގައި ހިނގާފައިވެ އެވެ. އެގޮތުން ދާދި ފަހުން ވަނީ މޫސުން ގޯސްވެ މަންޓާގެ އެއާ ކްރާފްޓަކަށް ބޮޑެތި ގެއްލުންވެފައެވެ. މި ހާދިސާ ހިނގާފައި ވަނީ މާލެ އަތޮޅުފަޅުގައި މަތިންދާބޯޓު ބަނދަރުކޮށްފައި ވަނިކޮށް ކަމުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.