ގައުމީ އެއާލައިންގެ ދަރަޖަދިން ކަމަށް ބުނެ ބިއޯންޑުގެ ސީއީއޯ ޓެރޯ ޓަސްކިލާ ދެއްކި ވާހަކަތަކަށް ކުންފުނިން މާފަށް އެދިއްޖެއެވެ.

ރާއްޖޭގެ ގައުމީ އެއާލައިންގެ ދަރަޖަ ބިއޯންޑަށް ދިން ކަމަށް ބުނެ ޓެރޯ ޓަސްކިލާ ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ދިވެހި ސަރުކާރުން ގައުމީ ކެރިއަރުގެ ދަރަޖަ ދީފައިވާ ކަމަށާއި ގައުމީ އެއާލައިންގެ ދަރަޖަ ލިބުމާއެކު ބައިނަލްއަގްވާމީ ފްލައިޓް އޮޕަރޭޓް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

ސީއެންއެންގެ ވީޑިއޯގައި ޓެރޯ ޓަސްކިލާ އިތުރަށް ބުނީ މިއަހަރުގެ ފަހުކޮޅު ފްލައިޓް އޮޕަރޭޝަންތައް ފެށުމަށް ރާވާފައިވާ ކަމަށާއި ފުރަތަމަ މަތިންދާ ބޯޓު އަންނާނެ ކަމަށް ލަފާކުރެވެނީ ޖުލައި މަހު ކަމަށެވެ.

އެހެންނަަމަވެސް މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވި ޓްރާންސްޕޯޓުގެ އޮފިޝަލަކު ވިދާޅުވީ މޯލްޑިވިއަން ސިވިލް އޭވިއޭޝަން އޮތޯރިޓީން އިން އެއްވެސް އާ އެއާލައިނަކަށް އެއާ އޮޕަރޭޓަރެއްގެ ސެޓްފިކެޓް (އޭއޯސީ) ދީފައި ނުވާއިރު އޭއޯސީ ހޯދުމަށް ނޯ އޮބްޖެޝްން ލެޓާއެއް ބިއޯންޑަށް ދިނުން ފިޔަވައި އިތުރު ކަމެއް ނުހިނގާ ކަމަށެވެ. އަދި ބިއޯންޑަކީ ރާއްޖޭގައި ރަޖިސްޓްރީ ވެސް ނުކުރާ އެއާލައިނެއް ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.

މިކަމާ ގުޅިގެން ފްލައި ބިއޯންޑުން ބުނީ ރާއްޖޭގެ ގައުމީ އެއާލައިންގެ ދަރަޖަ ބިއޯންޑަށް ލިބުނު ކަމަށް އިޝާރާތްކޮށް ބޭނުން ކުރެވިފައިވަނީ ގޯސް ލަފްޒުތަކެއް ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށެވެ. އަދި މޯލްޑިވިއަން އަކީ ރާއްޖޭގެ ގައުމީ އެއާލައިން ކަމަށާއި ބިއޯންޑަށް އެ ދަރަޖަ ލިބިފައި ނުވާއިރު އެއްވެސް މަޝްވަރާއެއް އަދި ހުއްދައެއްވެސް ލިބިފައި ނުވާ ކަމަށް ވެސް ބިއޯންޑުން ވަނީ ބުނެފައެވެ.

އެ ކުންފުނިން އިތުރަށް ބުނީ އުންމީދަކީ ފަތުރުވެރިކަން ކުރިއެރުވުމަށާއި ރާއްޖޭގެ އިގްތިސޯދު ރަނގަޅު ކުރުމަށް ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާއަތާއި ކަމާބެހޭ ފަރާތްތަކާއި އަދި ރާއްޖޭގެ ހުރިހާ އެއާލައިންތަކަށް ފުރިހަމަ އެއްބާރުލުންދީގެން މަސައްކަތް ކުރަމުން ގެންދިއުން ކަމަށެވެ.

ގައުމީ އެއާލައިންގެ ދަރަޖަ ލިބިފައިވާ ހަމައެކަނި އެއާލައިން އަކީ މޯލްޑިއަން ކަމަށް ވާއިރު އެއީ ދިވެހި ސަރުކާރުގެ ކުންފުމި އައިލެންޑް އޭވިއޭޝަންގެ ދަށުން އޮޕަރޭޓް ކުރާ އެއާލައިނެކެވެ.

ބައިނަލްއަގުވާމީ 21 އެއާލައިނަކުން މިހާރު ރާއްޖެއަށް ދަތުރުކުރަމުން އަންނައިރު ޔޫރަޕްގެ އެއާލައިންތަކުގެ ތެރޭގައި ހިމެނެނީ އެއަރޯފްލޮޓާއި އެޑެލްވައިސާއި ނިއޯސްއާއި ޓާކިޝް އެއާލައިންސާއި އެއާ އަސްތާނާ އަދި އެލްއޯޓީ ޕޮލިޝް އެއާލައިންސްއެވެ. އަދި މެދުއިރުމަތީގެ އެއާލައިންތަކުގެ ތެރޭގައި ހިމެނެނީ އެމިރޭޓްސާއި އިއްތިހާދާއި އެއާވޭސާއި ފްލައި ދުބާއީއާއި ގަލްފް އެއާ އަދި ސައުދީއެވެ.

އެއާ ވިސްޓާރާއާއި އެއާ އިންޑިއާއާއި އިންޑިގޯ، އަދި ގޯ އެއާ އިން އިންޑިއާގެ ދަތުރުތައް ކުރަމުން އަންނައިރު ޔޫއެސް-ބެންގްލާ އެއާލައިންސާއި އެއާ ސީޝެލްސާއި ސިންގަޕޫރު އެއާލައިންސާއި ސްރީލަންކަން އެއާލައިންސާއި އެއާ އޭޝިއާއާއި އެއާ އޭޝިއާ ތައިލެންޑް އަދި ބެންކޮކް އެއާ ވެސް ރާއްޖެއަށް އަންނަނީ ދަތުރުތައް ކުރަމުންނެވެ.