އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންގެންދާ ހަމަލާތަކާއި، ރައްދުގައި އީރާނުން މެދުއިރުމަތީގެ އަރަބި ގައުމުތަކަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިއަދު ފޮރިން މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނުގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ އިތުރުން އީރާނުން ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ކުވެއިތު، ބަހްރޭން އަދި މެދުއިރުމަތީގެ އެހެން ގައުމުތަކަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.

އެބަޔާނުގައި މެދުއިރުމަތީގައި އާންމުން އުޅޭ ސަރަހައްދުތަކަށާއި، އެއާޕޯޓްތަކާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށް އަމާޒުކޮށްދިން ހަމަލާތަކާ މެދު ދިވެހިރާއްޖެއިން ކަންބޮޑުވާކަން ހާމަކޮށްފައިވެއެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ގަލްފުގެ ގައުމުތަކުން އެއްވެސް ރައްދު ހަމަލާއެއް ނުދެނީސް، އީރާނުން އެ ގައުމުތަކަށް ހަމަލާދެމުންދާތީ އެކަމާ ދިވެހި ސަރުކާރުން ހިތާމަކުރާކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި އަންހެން ކުދިން ކިޔަވާ ސްކޫލަކަށް ދިން ހަމަލާއެއްގައި ސަތޭކައަށް ވުރެ ގިނަ އާންމުން މަރުވުމާއި، ހޮސްޕިޓަލްތަކާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެކަން ވެސް ރާއްޖޭން ވަނީ ކުށްވެރިކޮށްފައެވެ. މި އަމަލުތަކުގެ ސަބަބުން ގަލްފު ސަރަހައްދުގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެފައިވާކަން ދިވެހިރާއްޖެއިން ފާހަގަކުރަނީ ނުހަނު ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް އެ ބަޔާނުގައި ވެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސުލްހައަށް ކުރެވޭ އުންމީދުތަކަށް ހުރަސްއެޅޭތީ، ހުރިހާ ފަރާތްތަކަކުންވެސް ވަގުތުން ހަމަލާތައް ހުއްޓާލުމަށް ދިވެހިރާއްޖެއިން ވަނީ ގޮވަލާފައެވެ. އަދި މެދުއިރުމަތީގެ ސުލްހަ މަސަލަސްކަމާއި، ހަމަޖެހުމާއި ރައްކާތެރިކަން ގެނައުމަށްޓަކައި ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަދަކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ވަނީ ގޮވަލާފައެވެ.