މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ކުރުމަށް ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ ކޮމިޓިއެއް އުފައްދަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހިނާ ވަލީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ކޮމިޓީ އުފައްދަވާފައި ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށާއި މުޅި ކޮމިޓީގައި ޖުމްލަ 9 މެންބަރުން ތިއްބަވާއިރު މިއީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އުފެއްދެވި ކޮމިޓީއެއް ކަމަށް ހީނާ ވިދާޅުވިއެވެ.

މި ކޮމިޓީގައި ތިއްބވި މެންބަރުންގެ ތެރެއިން ކޮމިޓީގެ ޗެއާ އަކީ ފޮރިން މިނިސްޓަރު ކަން ވެސް ހީނާ ފާހަގަކުރެއްވިއެވެ. ހީނާ ވަލީދު ވިދާޅުވީ، މި ވުޒާރާތަކުން ކަމާގުޅޭ އެންމެހާ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރަމުން ދާނެ ކަމަށެވެ.

ކޮމިޓީގެ މެންބަރުން:

  • ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް (ކޮމިޓީގެ ޗެއާ)
  • ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
  • ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
  • ހޯމް މިނިސްޓަރު އަލީ އިހްސާން
  • ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް
  • ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު
  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މެދުއިރުމަތީގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި އިޒްރޭލުން އިސްވެ މިއަދު ފެށި ހަމަލާތަކުގައި އެމެރިކާ އިން ވެސް ބައިވެރިވާކަން އިއުލާންކޮށްފައި ވާ އިރު އީރާންގެ ރައީސް އަވަހާރަކޮށްލަން ރިޔާސީ ގަނޑުވަރަށް ވެސް ވަނީ ހަމަލާތައް އަމާޒުކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އީރާންގެ އެންމެ މަތީވެރިޔާ އާޔަތުﷲ ހާމަނާ ވަނީ ހަމަލާތަކެއް އައިސްދާނެތީ ތެހްރާން ދޫކުރައްވައި ރައްކާތެރި ހިސާބަކަށް ބަދަލުވެފައެވެ.

އިރާންގެ ތެހްރާންގެ އިތުރުން، ގޫމް ސިޓީ އާއި އީރާންގެ އުތުރުގައި އޮންނަ ތަބްރިޒް ސަރަހައްދަށް ވެސް އިޒްރޭލުން ވަނީ ވައިގެ މަގުން ހަމަލާތައް ދޭން ފަށައެވެ. އަދި އިރާންގެ ރައްޔިތުން އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ނުކުތުމަށް ގޮވާލަމުން އަންނައިރު އިޒްރޭލުން ވަނީ އަގްސާ މިސްކިތްވެސް ބަންދުކޮށްފައެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ވެސް އިޒްރޭލުން އީރާނަށް ހަމަލާ ދިނުމާ އެކު ހަނގުރާމަ ފެށުނެވެ. އެފަހަރު 12 ދުވަސް ވަންދެން އިޒްރޭލާއި އީރާނުން މިސައިލާއި ޑްރޯނުން ހަމަލާ ބަދަލުކޮށްފައިވެއެވެ. އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާއިރު، ވަރަށް ގިނަ އެއާލައިންތަކުން ވަނީ އެ ސަރަހައްދަށް ފްލައިޓުތައް ކެންސަލްކޮށްފައެވެ.