"އަހަރެން ބުނިން ދޯ އަހަރެން ބޭނުމީ މަންޝާ އޭ... އޭނާ ރުހުމުގަ އަހަންނާ އެކީ އުޅޭނެހެން ހީވޭތަ؟" ބިޔަކޮށް ހުރި ރޫފަސް ވާހަކަ ދެއްކިއިރު އޭނާގެ ލޮލުގައިވާ ރަތްކުލަ ގަދަވަމުން ދިޔައެވެ.

"އަހަރެން ބުނިން ދޯ ކަލެއަށް މަންޝާ ހިބަކޮށް ދީފީމޭ.. ކަލޭ ދެން އޭނަ ގެންދަންވީނު... ނުރުހުމުގަ ވިޔަސް.. އެ ގޮތް މާ މަޖަލެއްނު..." އިބްޒީމާ ވާހަކަ ދައްކަމުން އައިސް މޭޒު މަތީ ހުޅުވާފަ ހުރި ފޮތްތައް ލައްޕާލިއެވެ.

"އަހަންނަށް އެނގޭހާ ވެސް އެއްޗަކީ ވަރަށް އަވަހަށް މިތަނުން މަންޝާ ގެންދަން ބަޔަކު އުޅޭކަން.. އެކަން އެކަކަށްވެސް ނުހުއްޓުވޭނެ... މަންޝާ މިތަނުން ގޮސްދާނެތީ ކަލޭ ފަހަކަށް ނުޖެހޭތަ؟.." މަލާމާތުގެ ރާގަކަށް ރޫފަސް ވާހަކަ ދެއްކުމުން ދެލޯ އަޅާލަމުން ރޫފަސްއާ ދިމާއަށް އިބްޒީމާ ބަލާލިއެވެ.

"އެކަކަށްވެސް މަންޝާ ގެންދާކަށް ނުކެރޭނެ.. އަޒީމް ވެސް އެހެރީ އަހަރެންގެ ބާރުގެ ދަށުގަ.. މަންޝާ މިތަނުން ގޮއްސިއްޔާ އޭނަ ހިތާވެގެން އުޅުނު ޖިންނި އޭނަ ހޯދާނެ.." އައްޑޫއިން މަންޝާ ނުގެންދެވޭނެ ކަން އިބްޒީމާއަށް ކަށަވަރުވާތީ މޭ ފުއްޕާލާފަ ވާހަކަ ދެއްކީ ފޮނި ގޮތަކަށެވެ. މަތި ނަގާފަ ހުރި ފުޅިތަކުގައި މަތި ޖަހަމުން ދިޔަ ވަގުތު އިބްޒީމާގެ ހިތަށް މޮޅު ހިޔާލެއް އައުމުން ރޫފަސްއާ މަޝްވަރާކުރަން އަވަސްވެގަތެވެ.

"މަންޝާ ގެންދަން އޭނާގެ އާއިލާއިން ހިފައިފިއްޔާ މަންޝާ ފޮނުވާލުމަކީ ބުއްދިވެރިގޮތެއް ދޯ.. އޭރުން އަޒީމަށް އޭނަ ފެންނާތީ މަށަށް މިހާރު މިޖެހޭ އުނދަގޫތަކެއް ނުޖެހޭނެ... ނައުރީންގެ ބަލާވެރިކަމުން މަ ސަލާމަތްވާނެ... އެކަމަކު އެ ޖިންނިއަށް އޭނަ ފެނިދާނެތީ މައްސަލައަކީ.. އެކަމަށް ހެދޭނެ ގޮތެއް ނޯންނާނެތަ؟" ރޫފަސްގެ މޫނަށް ބަލަން ހުރެ އިބްޒީމާ ވާހަކަދެއްކީ އޭނާގެ ފަރާތުން އެކަމަށް ރަނގަޅު ހައްލެއް ލިބޭނެ ކަމަށެވެ. ރޫފަސް ޖަހާލި ހިނިގަނޑުގެ އަޑުން މުޅި ގޭތެރެ ގުގުމާލިއެވެ. އޭނާގެ ބޮޑު ދެ ފިޔަގަނޑު ފަތުރާލުމަށްފަހު ފިޔަ ޖަހާލަމުން މައްޗަށް އަރައިގެން ދިޔަ ގޮތަށް ގޮސް ލޮލުކޮޅަށް ގެއްލުނެވެ.

*** *** *** *** *** ***

މަދީހާގެ ފޯނު ރިންގުވާން ފެށުމުން މުނީރާ ފޯނު ނަގާ ސްކްރީނަށް ބަލާލިއެވެ. ސްކްރީނަށް އަރާފައިވާ ނަންބަރަށް ބަލާލުމަށްފަހު ފޯނު ހިފައިގެން މުނީރާ ނިކުތީ ގޯތިތެރޭ ކުނިކަހަން އޮތް މަދީހާ ގާތަށެވެ. ރިންގުވަމުން ދިޔަ ފޯނުގެ އަޑަށް މުނީރާ ތެދުވެ ހިންދެމިލަމުން ކާކުތޯ އެއީ އަހާލީ ނިތަށް ރޫ ގިނަކޮށްލަމުންނެވެ. މުނީރާގެ އަތުގައި އޮތް ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން އިލޮށިފަތި އެއްފަރާތެއް ބެހެއްޓިއެވެ.

"ހަލޯ... ކާކު؟.." ނުދަންނަ ނަންބަރަކުން ކޯލު އައުމުން ކާކުކަން އޮޅުން ފިލުވަން މަދީހާ ސުވާލުކޮށްލިއެވެ.

"ދައްތާ... މީ ރިޔާޒް..." ރިޔާޒްގެ އަޑު ޖެހުމާއެކު މަދީހާގެ މޫނުމައްޗަށް ދިރުން ލިބުނު ކަހަލައެވެ. ވާހަކަދައްކަމުން މަދީހާ ގާތްވެލީ އަނބުގަސްދޮށުގައި ހުރި ޖޯލި ފައްޗާ ދިމާއަށެވެ. "ދަރިފުޅާ... ކިހިނެއްތަ؟.. ކޮބާ ދަރިންކޮޅު... މީރާ ރަނގަޅުތަ؟.." އެންމެންގެ ހާލުއަހުވާލު އޮޅުން ފިލުވާލުމަށްފަހު މަދީހާ ދައްކަން ބޭނުންވެފައިވާ ވާހަކަ ރިޔާޒާ ހިއްސާ ކުރިއެވެ.

"ރިޔާޒް... ދައްތައަށް ކަމެއް ކޮށްދީފާނަންތަ؟.. އަޅެ މަންޝާ ރަށަށް ގެނެސްދީބަލަ.. އަހަރެން އެރަށަށް ގޮސް އެތައް އާދޭހެއްކޮށްގެން ވެސް ރަށަށް އަންނާކަށް މަންޝާ އެއްބަހެއް ނުވި.." ޖޯލީގައި އިށީންނަމުން މަދީހާ އަޅައިގެން ހުރި ބުރުގާ ރަނގަޅު ކޮށްލިއެވެ."

ދައްތާ.. ހާސްނުވެބަލަ.. މަންޝާއަށް ވާނުވާ އެބަ ބަލަމޭ..." މަދީހާ ހާސްވެފައި ހުރުމުން ރިޔާޒް ވާހަކަ ދެއްކީ މަދީހާ ހަމަޖައްސާށެވެ.

"ރިޔާޒު ތިއުޅެނީ މާލޭގަ. އެހެންވީ އިރު މަންޝާގެ ހާލު ކިހިނެއް އެނގެނީ.. އަޅެ އެންމެފަހަރަކު ވެސް ރަށަށްގޮސް ބަލާބަލަ.. އެ އަޒީމް އެއީ ހާދަ ނުބައި ނުލަފާ މީހެކޭ... މަގޭ ދަރީގެ ދުވަސް އެދަނީ... ދެއަންބަށް މީހަކާ އިނދެގެން މަންޝާއަށް އަނިޔާ ކުރުމުގެ ބޭނުމެއް ނެތެއްނު.. ބޭނުން ނޫނިއްޔާ ދޫކޮށްލީމަ ވީނު..." މަދީހާގެ އަޑު ބާރުވަމުން ދިޔަ ނަމަވެސް ވާހަކަ މެދުކެނޑުނު އިރު މަދީހާއަށް ރޮވެނީއެވެ. ލޮލަށް ޖަމާވި ކަރުނަތައް ފޮހެލަމުން މަދީހާ ނޭފަތް ދަމާލިއެވެ.

"ދައްތާ އެހާ ބޮޑަށް ނުވިސްނާ.. މަންޝާ ރަށަށް ގެންދާނަން.. އަހަރެން ބުނީމަ މަންޝާ އަންނާނެ... ދެން އެހާ ބޮޑަށް އެކަމާ ނުވިސްނާ... ދައްތާ ކުޑަކޮށް ބިޒީވެއްޖެ ފަހުން ގުޅާނަން.. ދެން ބޭއްވީއޭ..." ރިޔާޒް ފޯނު ކަނޑާލުމުން ޖޯލީގައި މަދީހާ ލެނގިލިއެވެ. ފުން ވިސްނުމެއްގައި މަދީހާ އޮތް އިރު އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ މީގެ ތިން މަސްކުރިން މަންޝާ ކައިރިއަށް މަދީހާ ދިޔަ ދުވަސްތަކެވެ.

ކޮޓަރިން ނުނިކުމެ މަންޝާ އުޅޭތީ، މަދީހާ ކަންބޮޑުވެގެން އެކޮޓަރިއަށް ދިޔައެވެ. ކޮޓަރީގެ ދޮރުގައި ޓަކި ޖަހާތާ އެތައް އިރެއް ވީ ފަހުން މަންޝާ ދޮރު ހުޅުވާލުމަށްފަހު މަދީހާގެ މޫނަށް ބަލާލިއެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައިގެ ކުލަވަރެވެ. ގިނަ ރޭރޭ ނުނިދާ ހިތާމަ ކުރުމުގެ ސަބަބުން މަންޝާގެ ލޯ ކައިރި ވަނީ ކަޅުވެ ވަޅުވަދެފައެވެ. ހިކިފައިވާ ތުންފަތް ފެނުމުން މަދީހާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. ކޮޓަރިއަށް ވަނުމަށްފަހު މުޅި ކޮޓަރިތެރެއަށް މަދީހާ ނަޒަރު ހިންގާލިއެވެ. ކޮޓަރީގައި އެއްވެސް ތަރުތީބެއް ނެތި އަންނައުނުތައް ކަންކަނަށް ޖަހާފައި ހުރި އިރު މިއިން ދުވަހަކު އެ ކޮޓަރިތެރެ ކުނި ކަހާލާފައި އޮތްހެނެއް ހިއެއް ނުވެއެވެ.

"ދަރިފުޅާ... ބަލީތަ؟.. ކީއްވެ ކާން ނުނިކުންނަނީ.. ދަރިފުޅު ތި އުޅޭ ގޮތުން މަންމަ ވަރަށް ބިރުގަނޭ..." އެނދު ކައިރިއަށް ވެއްޓިފަ ހުރި ބައެއް ހެދުންތައް ނަގާ ފަތްޖަހަމުން މަދީހާ ވާހަކަ ދެއްކިއެވެ. އެނދުގައި އެއްއަރިއަކަށް އޮށޯތުމަށްފަހު ދެފައި ކުރުގަޅުވާލައިގެން މަންޝާ އޮތް ގޮތް ފެނި މަދީހާ ހިތަށް އުނދަގޫވިއެވެ.

މަންޝާގެ ފައިތިލަމަތީގައި ކަޅުވެފައި ހުރި ތަންގަނޑެއް ފެނުމުން މަންޝާގެ ފައިތިލައިގައި މަދީހާ އަތް ޖައްސާލިއެވެ. "ދަރިފުޅާ މީ ކިހިނެއްވެފަ ހުރި ތަނެއް.."

ފައި ދަމައިގަތުމަށްފަހު އަތުން ފައިތިލަ ނިވާކޮށްލަމުން ކަމެއް ނުވެޔޭ މަންޝާ ބުނި އިރު އޭނާގެ އަޑު ވަނީ ކުރެހިފައެވެ. މަންޝާގެ އަތުގައި ނޫފައިގެންފަ ހުރިތަނެއް ފެނުމުން މަދީހާއަށް އިތުރު ހައިރާން ކަމެއް ލިބުނެވެ. "އަޅޭ ދަރިފުޅާ މީ ކިހިނެއްވެފަ ހުރި ތަނެއްތަ؟.. ކަނދުރާމަތީގައި ވެސް މިހިރީ ތަންގަނޑެއް ނޫފައިގެންފަ.. އަޒީމް ދަރިފުޅަށް އަނިޔާ ކުރަނީތަ؟.."

ނޫނެކޭ ބުނެ މަންޝާ ދެއަތަށް ބޯ ހޫރުވާލުމުން މަދީހާ ގާތަށް ރުޅިއައެވެ. "މަންމައާ އެކީ ހިނގާ ރަށަށް ދާން... މަންމައަކަށް ނުފެނޭ ދެން އެންމެ ދުވަހަކު ވެސް މަންޝާ އައްޑޫގަ މަޑުކުރާކަށް.. ތިހެން އަނިޔާ ލިބިލިބި ހުރުމަށްވުރެ މާ ރަނގަޅުވާނެ ރަށަށް ދިޔަޔަސް.." މަދީހާއަށް ފެންނަމުން ދިޔަ މަންޒަރުތަކުން ހިތްދަތިވުމުން އޭނާ ބޭނުންވީ މަންޝާ ގޮވައިގެން ރަށަށް ދާށެވެ.

"ނޫން.. ރަށަކަށް ނުދާނަން.. ދަންޏާ މަންމަ ދޭ.. އަޒީމަކީ ގޯސް މީހެއް ނޫން... އަޒީމް ނުލާހިކު ރަނގަޅު... މަންމާ.. ދެންދޭ މިތަނުން.. އަހަރެން ބޭނުމީ އެކަނި މިހެން އޮންނަން.. ނިދާލަން..." އަޑު ބާރުކޮށް އޭނާގެ މަންމައާ ވާހަކަ ދެއްކި މީ ފުރަތަމަ ފަހަރެވެ. މަދީހާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހިފެހެއްޓޭ ގޮތް ނުވުމުން އެކޮޓަރިން ނިކުމެގެން ދިޔައީއެވެ.

*** *** *** *** *** ***

ފެންވަރައިގެން ނައުރީން ނިކުތް އިރު އަޒީމް އިނީ ފޯނާ ކުޅެން އެނދުމަތީގައެވެ. ލައިގެން ހުރި ކަޅުކުލައިގެ ނައިޓީއަށް ބަލާލުމަށްފަހު ރީތިވާ މޭޒު ދޮށުގައި އިށީނދެ އިސްތަށިގަނޑުގައި ފުނާ އަޅާލިއެވެ. ލޯގަނޑުން އަޒީމާ ދިމާއަށް ބަލަން އިނދެ، ނައުރީން ވާހަކަ ދެއްކިއެވެ. "މިރޭ ޝާޔާ ނިދާނީ ދޮންތައާ އެކީޔޯ... އެހެންވެ އެމަންޖެ އެދިޔައީ ޝީން ކައިރިއަށް.."

ނައުރީން ވާހަކަ ދައްކަމުން ދިޔައިރު ނައުރީންއާ ދިމާއަށް އަޒީމް ބަލައިވެސް ނުލައެވެ. އިސްތަށިގަނޑުން ގޮށްފިލުވާ ނިންމާލުމަށްފަހު ޑްރެސިންގް ޓޭބަލްގެ އެއްފަރާތުގައިވާ ވަތްގަނޑު ހުޅުވާޅިއެވެ. އިބްޒީމާ ދިން ފޮތިކޮޅު އަތަށް ނަގާ ބަލާލުމަށްފަހު އިސްތަށިގަނޑު އެއްކޮށްލާ ހުޅިޖަހާލީ އެ ފޮތުކޮޅު ހުޅީތެރެއަށް ލައްވާލާފައެވެ. ގަޔަށް ސެންޓުކޮޅެއް ބުރުވާލުމަށްފަހު ނައުރީން އަޒީމާ ދިމާއަށް ބަލާލިއެވެ.

ފަރި ހިނގުމެއްގައި ގޮސް އަޒީމް ކައިރީގައި ނައުރީން އިށީނެވެ. އަޒީމްގެ އަތުގައި އޮތް ފޯނު ނައުރީން އަތުލިއެވެ. ފޯނު ދުރަށް ޖައްސާލުމުން ނައުރީނާ ދިމާއަށް އަޒީމް ބަލާލީ ދެބުމަ ގޮށް ޖަހާލަމުންނެވެ. ކަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު އަޒީމްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނައުރީން މަޑުމަޑުން އަޒީމާ ގާތްވެލީ އިބްޒީމާ ބުނި ގޮތަށް ކަންކުރާށެވެ. ނައުރީންގެ ދޮން ހަށިގަނޑުގައި އަޒީމް އޮޅުލައިގަތުމަށްފަހު ނައުރީންގެ ކަނދުރާގައި ބޮސް ދޭން ފެށިއެވެ. ނައުރީންގެ ތުންފަތާ ކުޅެލީ ލާނެއް ހިނިތުން ވުމެކެވެ. މަޑުމަޑުން ނައުރީން ދެލޯ މަރާލަމުން އަޒީމްގެ ނަމުން ގޮވާލިއެވެ. އަޒީމްގެ ހިތުން މަންޝާގެ ނަން ފޮހެލެވުނީކަން އެނގުމުން ނައުރީނަށް ހިތްހަމަޖެހުމެއް ލިބުނެވެ.

*** *** *** *** *** ***

އާދުވަހަކަށް އިރު އެރުމާއެކީ ހާލާ ކޮވެލީގެ އަޑުން ރަށުތެރޭގެ ހަމަހިމޭންކަން ނެތިގެންދިޔައެވެ. ކަންނެތް ގޮތަކަށް މޯޅިއަކަށް ދެމިލަމުން ގަދައަށް ނިދާފައި އޮތް އަޒީމާ ދިމާއަށް ނައުރީން ބަލާލިއެވެ. އާދައިގެ މަތިން ބޮލުގައި އަތް ހާކާލަމުން ހޭވިފައިވާ ކުދި އިސްތަށިތައް އޮއްކޮށްލާ އިސްތަށިގަނޑު ރަނގަޅުކޮށްލަން ނައުރީން މަސައްކަތް ކުރިއެވެ. ވޫލްކޮޅު ނައްޓާލަން މަސައްކަތް ކުރިވަގުތު އިބްޒީމާ ބުނި ބަސްތައް ހަނދާންވުމުން ނައުރީންގެ ހަރަކާތަކަށް ހުއްޓުމެއް އައެވެ. މަތިމަތިން ބޮލުގައި އަތް ހާކާލަމުން ބޯ އޮމާންކޮށްލާ ކުދި އިސްތަށިތައް ކަންފަތް ދަށަށް ލައްވާލުމަށްފަހު ނައުރީން ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ޝާޔާމެން ހޭލަން ވާއިރަށް ގޯތިތެރެ ކުނިކަހާ ސައި ތައްޔާރު ކުރަން ނައުރީން އަވަސްވެގަތެވެ.

ގޭތެރޭގައި ލާން އުޅޭ ޓީޝާޓަކާއި ހަރުވާޅު ލުމަށްފަހު ބޮލަށް ކުޑަ ބުރުގާއެއް މަހާލައިގެން ނައުރީން ބޭރަށް ނުކުމެ ބަދިގެ ތެރެއަށް ނަޒަރު ހިންގާލީ މަންޝާގެ ހިލަމެއް ވޭތޯއެވެ. މަންޝާމެން ކޮޓަރިއާ ހަމައަށް ގޮސް އެ ދޮރުގެ ތަޅުގައި ނައުރީން ހިފާލުމުން ވަރަށް ފަސޭހައިން ދޮރު ހުޅުވިއްޖެއެވެ. ނިދާފައި އޮތް މަންޝާ ފެނުމުން ނައުރީން ގޮވާލިއެވެ. "އޭ... މަންޝާ؟... މިހާރަކަށް އައިސް ހާދަ ވަރަކަށޭ ތި ނިދަނީ... ބަލީތަ؟.."

މަންޝާގެ ފައިގައި ހިފާ ތަޅުވާލަމުން ނައުރީން ވާހަކަ ދެއްކީ ލޯތްބާއި އެކުގައެވެ. ދެލޯ ހަނިކޮށްލަމުން މަންޝާ ދެލޯ ހުޅުވާލީ ނައުރީންއާ ދިމާއަށް ބަލަމުން، ނަމަވެސް މަންޝާގެ އެސްފިޔަތަކަށް ބަރުވެ ދެލޯ މެރޭ ގޮތް ވިއެވެ. "ވަރަށް ބޮޑަށް... ބޮލުގަ ރިއްސާތީ... މިއުޅެނީ... މި ތެދުވަނީ..." ބަލި އަޑަކުން މަންޝާ ވާހަކަ ދެއްކީ ތަންތަން ކޮޅަށް ހުއްޓަމުންނެވެ.

"ނޫން.. ބަލިކޮށް އުޅޭ އިރު ރަނގަޅަށް އަރާމްކުރަން ވާނެ... އަހަރެން މިއަދު ހުރިހާ ކަމެއް ކުރާނަން.. ޝީންވެސް އެބަ އުޅޭއެއްނު.. ފެންވަރައިގެން އަންނަންވާއިރަށް ޝީންއަތަށް ބޭސް ދީފަ ކޮޓަރިއަށް ސައި ފޮނުވާނަން... އިތުރު އެއްޗަކަށް ބޭނުންވަންޏާ ބުނާތި.. މާ ސަކަރާތިއްޔާ ހޮސްޕިޓަލަށް ދާންވާނެ..." ނައުރީން ވާހަކަ މެދުކަނޑާލަމުން ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ކޮޓަރިތެރެ ހަޑިކޮށް އޮތުމުންނާއެކީ މަންޝާ ރަނގަޅު ނޫންކަން ނައުރީނަށް ޔަގީން ވިއެވެ. ޝީން ހޭލައިފިތޯ ބަލަން ނައުރީންގެ ފިޔަވަޅު އަވަސްކޮށްލިއެވެ.

ފެންވަރަން ދާން ބޭނުންވެފައި ހުރުމުން އެނދުން ތެދުވެ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލި އިރު ރޭގަ އެކޮޓަރިތެރޭ ހިނގި ކަންތައްތައް މަންޝާގެ ލޯމައްޗަށް ސިފަވެގެން ދިޔުމުން މުޅި ގައިން ހީބިހި ނެގިއެވެ. ކޮޓަރިތެރޭ ހުރި ސާމާނުތައް ވެއްޓުމާއި ދޮރުތައް ހުޅުވިފައި ލެއްޕުން ކަހަލަ އެތައް ކަމެއް ފެނުމުން މަންޝާ ބިރުގަތެވެ. ކޮޓަރީގައި ނޯންނަންވެގެން ގޯތިތެރޭ ހުރި އުނދޯއްޔަށް މަންޝާ ނިކުތީ ދަންވަރު ވީ ފަހުންނެވެ.

މަޑުމަޑުން ފާހާނާއާ ދިމާއަށް ދާން ހިނގައިގަތް އިރު މަންޝާއަށް ހިނގެނީ ކޮރެއް ޖަހަމުންކަން އެނގުނެވެ. އެއްފައިގެ ފުންނާބުން ފެށިގެން ކަށިމައްޗާއެކު ދިލަ ތަދެއް ހުރިކަން އިސްސާސްވުމުން މަންޝާއަށް ވިސްނާލެވުނެވެ. ފެންވަރަން މާގަނޑު ދަށަށް ވަދެ އިސްކުރު ދޫކޮށްލުމަށްފަހު ފިނި ފެނުން ހަށިގަނޑު ތެތްމާލީ ހަށިގަނޑަށް އަރާމުކަމެއް ލިބޭނެކަމުގެ އުންމީދުގައެވެ. އެވަގުތު ގައިގެ އެތަން މިތަނުން ދިލަ ނަގަން ފެށުމުން މާގަނޑު ބާރުކޮށްލުމަށްފަހު ލޯގަނޑު ކައިރިއަށް ޖެހި ބުރަކައްޓާ ދިމާއަށް މަންޝާ ބަލާލިއެވެ. ލޯގަނޑުން ފެންނަމުން ދިޔަ މަންޒަރަށް ބަލަން ހުރެ ހަންނޮޅިފައިވާ ތަންތަނުގައި އަތް ޖައްސާލިއެވެ. މަންޝާގެ ހަށިގަނޑަށް އެފަދަ ގެއްލުމެއް ލިބުނީ ކޮންއިރަކު ކަމާމެދު ވިސްނަން ފެށުމުން ރޭގެ ވަގުތެއްގައި ހިނގިކަންތައް ހަނދާންވުމާއި އެކު މަންޝާއަށް ތެޅިގަނެވުނެވެ.

*** *** *** *** *** ***

ދަންވަރު ވިއިރު މަންޝާ އޮތީ ގޯތިތެރޭ ހުރި ކާނި ގަހުގައި އެލުވާފައިވާ އުނދޯއްޔެއްގައި ހެއްލާލަ ހެއްލާލައެވެ. ރޭގަނޑުގެ އެ ހަމަހިމޭން މާހައުލުން މަންޝާގެ ހިތަށް ލިއްބައިދެމުން ދިޔަ ހިތް ހަމަޖެހުމާއި އަރާމުން ނިދިޖެހޭ ގޮތްވިއެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިން އިހްސާސްވީ ފިނިކަމުން ހަށަންބަނދެލީ މަންޝާގެ ހަށިގަނޑަށް އުނދަގޫ ވުމުންނެވެ. އެމާހައުލުން އިވެމުން ދިޔައީ ގަސްތަކުގެ ފަތްތައް ހެލެމުން ދިޔަ އަޑެވެ.

މީހެއްގެ ފިޔަވަޅުގެ އަޑު އިވުމާއެކީ ލޯ ހުޅުވާލަމުން އެ ސަރަހައްދަށް މަންޝާ ބަލާލެވުނެވެ. ގެއިން ބޭރަށް ނިކުމެވެން ހުރި ދޮރާ ދިމާއަށް ބަލާލެވުނީ އެ އަޑު އައީ އެ ދިމާލުން ކަމަށްވާތީއެވެ. އުނދޯލިން ތެދުވެ މަންޝާ މިސްރާބުޖެހީ ގެއިން ނުކުމެވެން ހުރި ދޮރާދިމާއަށެވެ. ގަޑިން އެކެއް ޖެހީކަން އެނގުނީ ގޭތެރޭގައި ހުރި ބޮޑުގަޑިން އެއްފަހަރު ރަނގަބީލު ޖެހުމުންނެވެ. ބޭރަށް ނުކުތުމަށްފަހު މަގުގެ ދެކޮޅު ބަލާލެވުނީ ދެހިޔާލެއްގައި ހުރެއެވެ. އެ މަގުން އަތިރިއާ ވީ ފަރާތަށް ދާން މަންޝާ ހިނގައިގަތީ ޖެހިލުންވެ ހުރެއެވެ.

ދިޔަވަރު ހިކިފައިވުމުން ފަޅުތެރޭގައިވާ މުރަކަތައް ލޮނުގަނޑުގެ މަތިން ފެންނަން ހުރުމުން ނަމާންކަމެއް އިހްސާސްވިއެވެ. މޫދުގެ ލޮނުގަނޑުން ފައި ތެތްމާލަން ބޭނުވުމުން އަކިރިތަކުމަތިން ހިނގަމުންގޮސް މޫދާ ގާތްވިއެވެ. ފައި ތެތްމާލުމަށްފަހު މޫދަށް އެޅިފައިވާ ހިޔަނީގެ ކުރެހުމަށް މަންޝާއަށް ބަލާލެވުނެވެ. ފެންގަނޑަށް އެޅިފައިވާ ދަޅައިން އަމިއްލަ ސޫރަ ފެނުމުން ބޮލުގެ އިސްތަށިގަނޑުގައި މަޑުމަޑުން އަތް ހާކާލެވުނެވެ. ފެންގަނޑަށް ބަލަން އިން މަންޝާގެ ލޯމައްޗަށް އެވަގުތު ފެނުނީ މާދުރުން އުދުހެމުން އަންނަ އެއްޗެކެވެ. ދޫންޔަކާ ވައްތަރުހެން ހީވި ނަމަވެސް ގާތްވަމުން ދިޔަވަރަކަށް އޭތީގެ އަސްލު ސިފަ އެނގުމުން އެއީ ދޫންޏެއް ނޫންކަން އެނގުނެވެ. ކަޅުކަން ގަދަ ކެހެރިތަކެއް ފަޅާފައިވާ އެތި ކައިރި ކުރަނީ މަންޝާއާ ދިމާއަށް ކަން އެނގުމުން މަންޝާ ބޭނުންވީ އެތަނުން ދާށެވެ. ފަހަތަށް ދެތިން ފިޔަވަޅު އެޅުނު އިރު އެމަޚްލޫގު އައިސް މަންޝާ ކުރިމައްޗަށް ތިރިވެއްޖެއެވެ. އޭގެ ފިޔަގަނޑު ލައްޕާލިއިރު އޭތީގެ ހައިބަތުބޮޑުކަމާއި ވަރުގަދަކަން އޭގެ ހަށިގަނޑުން ފެނުނެވެ.

"މަންޝާ..." ބަރުއަޑަކުން މަންޝާއަށް ގޮވާލިއިރު ހީވީ ބާރު ގުގުރިއެއް ޖަހާލި ހެންނެވެ. ބިރުން ހުރި މަންޝާއަށް ތެޅިގަނެވުނެވެ.

"ތީ ކާކު؟... އަހަރެން ... އަހަރެން ގެއަށް ދާން ބޭނުން..." ފަސްއެނބުރި އެއްގަމާ ދިމާއަށް ބަލާލީ އެހިސާބުން މީހެއްގެ ހިލަން ވޭތޯއެވެ. މިފަދަ ގަޑިއެއްގައި އެތަނަށް މީހަކު ނާންނާނެކަން އެނގުމުން މަންޝާ ޖެހިލުންވިއެވެ. އޭތީގެ ރަތްކަން ގަދަ ދެލޯ ފެނުމުން މަންޝާއަށް ކޮޅަށް ހުންނަން ދަތިވީ ފައި ތުރުތުރު އަޅާވަރުންނެވެ. އެހުރިތަނަށް ތިރިވެ މަންޝާ ރޮމުން ދިޔައިރު އެ މަޚްލޫގު މަންޝާއާ ދިމާއަށް އޭނާގެ އަތް ދިއްކޮށްލިއެވެ. ދެލޯ މަރާ ބާރުކޮށްލީ އެ މަޚްލޫގު އައިސް މަންޝާގެ އަތުގައި ހިފަން އުޅޭހެން ހީވުމުންނެވެ. ދުއްވައިގަންނަށް ބޭނުންވި ނަމަވެސް ފައި ތުރުތުރު އަޅާވަރުން ބާރަށް ނުދުވެވޭނެކަން މަންޝާއަށް އެނގުނެވެ.

"ނޫން... ނޫން.. އަހަރެން ދޫކޮށްލާ... ތިހެން ނުހަދާ ހެޔޮނުވާނެ.." މަންޝާގެ ހަށިގަނޑު މައްޗަށް ގުދުވަމުން ދިޔަ ބިޔަ ކަޅު ފުރޭތައެއް ފަދަ މީހާ ބަރު އަޑުން ހޭން ފެށުމުން މަންޝާއަށް އިތުރު ބަހެއް ބުނާކަށް ނުކެރުނެވެ.

"ކަލޭ ސަލާމަތް ކުރާށޭ... ކީކޭ ތިކިޔަނީ.. ކަލޭއަކީ އަހަރެންގެ މިލްކެއް... އަހަރެންގެ ހައްގެއް..."

(ނުނިމޭ)