މަޑު ދޮންވެލިގަނޑު މަތިން ހިނގަމުން އައިސް ނައުރީންގެ ފިޔަވަޅު މަޑުކޮށްލީ ފަނުން ހަދާފައިވާ ޖިފުޓިގެއާ ހަމައަށް އާދެވުމުންނެވެ. އަތިރި މަގުން މީހެއްގެ ހިލަމެއް ވޭތޯ ވަށައިގެން ބަލާ ކަޅި ހިންގާލުމަށްފަހު އެ ގެއާ ދިމާއަށް ނައުރީންގެ ފިޔަވަޅު އަވަސްކޮށްލީ އޭނާގެ ސިކުނޑީގައި މޮޅު ކަމެއް ރާވާލަމުންނެވެ.

ދޮރުފަތް ހުޅުވިފައިވުމުން ނައުރީނަށް ވުރެ ކުރިން ޟިރާރު އެތަނަށް އައިސް ހުރިކަން އޭނާއަށް ޔަގީންވިއެވެ. އެ ދޮރުން އެތެރެއަށް ނައުރީން ވަތްއިރު ރޯނު އެނދުގައި އިށީނދެގެން ދެފައި ތަޅުވާލަ ތަޅުވާލަ ޟިރާރު އިނީ އިސްޖަހައިގެންނެވެ. ކުރިއަށް ޖެހެމުން ނައުރީން ވާހަކަ ދެއްކީ އޭނާގެ ހިތަށް ކުޑަ ނަމަވެސް ލުޔެއް ލިބިފައިވާތީއެވެ. "ޟިރާރޫ.. އަސްލު ކީއްތަ ތި ކުރަނީ.. އެތައް ދުވަހަކަށް ފަހު ރޭގަ މަށަށް ހަމަޖެހިގެން ނިދާލެވުނު.. އެއްކަލަ ޖިންނީގެ އެއްވެސް އުނދަގުލެއް ނުވޭ... މިކަމުން އަހަންނަށް ސަލާމަތް ވެވޭނީ ކިހާ ދުވަހަކުންތަ؟.."

ޟިރާރު ކައިރިއަށް ހުއްޓެމުން ނައުރީން އުނަގަނޑުގައި ދެއަތް ވިއްދާލީ ދަތްކޮޅު ދިލުވާލަމުންނެވެ. އިސް އުފުލާލަމުން ނައުރީންގެ އުނަގަނޑުގައި ޟިރާރު ހިފަހައްޓާލުމުން ނައުރީންގެ އަތް ތިރިކޮށްލިއެވެ. ނައުރީންގެ ހަށިގަނޑުގައި ޟިރާރު އަތް ހާކާލަމުން ނުބައި ޒާތަކަށް ނައުރީންގެ މޫނަށް ބަލާލީ ވިހަ ހިނިތުންވުމެއް އޭނާގެ ތުންފަތަށް ގެނުވަމުންނެވެ. "އަހަރެން ބުނާހެން ކަންތައް ކުރީމަ ދާނީ ރަނގަޅަށް... ބޮޑެތި ކަންކަން ހާސިލް ކުރަން ގިނަ ދުވަސް ނަގާކަން އެނގޭތަ... މީ ވަރަށް ބޮޑުކަމެކޭ.. ނައުރީނަށް އެނގޭނެ މީ ވަރަށް ބޮޑު ތެދެއްކަން.."

ނައުރީންގެ އަތުގައި ހިފާ ޟިރާރު ދަމައިގަތުމުން ރޯނު އެނދުމައްޗަށް އޭނާ ވެއްޓުނީ އެކަމަށް ނުވިސްނާ ހުއްޓައެވެ. "އަހަރެން ބޭނުން މިކަމުން ސަލާމަތް ވެފަ އަޒީމް ހާސިލްކުރަން މޮޅު ފަންޑިތައެއް ހަދަން.. މިހާރު އަޒީމް އަނެއްކާ މަންޝާ ވެގަނެގެން އެ އުޅެނީ... ޟިރާރު މަށަށް އެހީވާނަންތަ؟..." ބޮލުގައި އަޅާފައިވާ ބުރުގާ ނަގަމުން ނައުރީން އެނދުގައި ހަމަޖެހިލިއެވެ.

ދެ ބުމަ ގޮށްޖަހާލަމުން ނައުރީންގެ ފައިގާ ހިފާ އޭނާ ދަމައިގަތެވެ. ޟިރާރުގެ ބާރުގަދަކަން އިހްސާސްވުމުން ނައުރީނަށް ސިހުމެއް ލިބުނެވެ. ޟިރާރުގެ ހަރަކާތް ހުރިގޮތުން ކުރިން ރެއާ ކުޑަ ނަމަވެސް ތަފާތުކަމެއް ނައުރީނަށް ފާހަގަ ކުރެވުނެވެ. "އަޒީމް ބޭނުންވަންޏާ ދެން މިތަނަށް ތިއައީ ޔޯ... އަޒީމް ކައިރީ ބުނެގެން ތިކަމަށް ހައްލެއް ހޯދަންވީނު... އަހަރެން ނައުރީން ދޫކޮށްލާކަށް ނުވިސްނަން. އެކަން ހަނދާން ބަހައްޓާތި.." ނައުރީންގެ ގައިމައްޗަށް ވެއްޓިގަންނަމުން ޟިރާރުގެ އެދުން އޭނާ ހާމަކުރިއެވެ.

ނުބައިކަމަކުން ސަލާމަތްވާން ނައުރީން ހިޔާރުކުރީ ނުބައި އެހެން މަގެކެވެ. ފާހިޝް އަމަލުތަކެއް ހިންގަން އާނ ބަސްބުނެ ޟިރާރާ އެކީ އެކަހެރި ވަގުތުތަކެއް ހޭދަކުރަން އެއްބަސްވުމުގެ ސަބަބުން އޭނާއަށް ކުރިމަތި ލާން ޖެހިދާނެ ކަމަކާ ދޭތެރޭ ވިސްނާފައެއް ނެތެވެ. އަވަސް ހައްލެއް ހޯދުމުގެ ބޭނުމުގައި އޭނާ އިހްތިޔާރުކުރީ ނުބައި މަގެކެވެ.

ޟިރާރުގެ ބީހުންތައް ކުރިން ރެއާ ތަފާތުވެފައި ހަރުކައްޓެވެ. ނައުރީންގެ ހަށިގަނޑުން އަރާމުކަމެއް ހޯދަމުން ދިޔަ ޟިރާރުގެ ވަރުގަދަ ދެއަތުން ނައުރީންގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލިއެވެ. ނައުރީންގެ ހަށިގަނޑަށް ތަދުވެ ގައިގައި ވޭން އަޅަމުން ދިއުމުން ސަލާމަތް ވާން ގަދަ ހެދިޔަސް ނައުރީން ހީކުރިވަރަށްވުރެ ޟިރާރު މާ ބާރުގަދައެވެ. ޟިރާރުގެ ހަރަކާތްތައް ހުރިގޮތުން ނައުރީންގެ ލޯމައްޗަށް ސިފަވަމުން ދިޔައީ އޭނާއާ އަވަލައިގެން އުޅޭ ނުބައި މާރިދެވެ. ކަޅު ބޯ ކެހެރިތަކެއް ފަޅާފައިވާ އެ މާރިދުގެ ރަތް ދެލޮލާ ބަޅުވެފައިވާ ބޮޑު ދެދަޅެވެ. ތޫނު ވަކި ތަކާއި މުޑުދާރު ދަތްޕިލައާ ދަވަލާފައިވާ އޭނާގެ އަނގައިން ފައިބާ ސޮނިތަކެވެ.

ނައުރީންގެ ކަރު ދޮށާ ޟިރާރު ގާތްވެލަމުން އޭނާގެ އަނގަ ހުޅުވާލީ އެއްޗެކޭ ބުނާށެވެ. ނައުރީނަށް ދުވި ނުބައި ވަހުން އަނގަމަތި ނިވާކުރަން މަސައްކަތް ކުރިއެވެ. "އެހެން މީހަކަށް ދެން ނައުރީން ނުލިބޭނެ... ތީ ހަމައެކަނި މަގޭ މީހެއް... މިކަމުން ސަލާމަތްވާނެކޮޅެއް ވިސްނަންވެސް ހިތަށް ނާރުވާތި.."

ޟިރާރުގެ އަނގައިން ބޭރުވަމުން ދިޔަ ބަސްތައް ނައުރީންގެ ކަންފަތުގައި ޖެހުމުން ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ ޟިރާރުގެ އަޑެއް ނޫންކަން އޭނާއަށް އެނގުނެވެ. ތެޅެމުން ފޮޅެމުން ނައުރީން އެނބުރި ޟިރާރާ ކުރިމަތިލިއެވެ. އޭނާގެ މޫނުމައްޗަށް ވެރިވެފައިވާ ހިނިތުންވުން ފެނި ނައުރީން ފަހަތަށް ޖެހެވުނެވެ. ދެއަތުން މޭމަތި ނިވާކުރަމުން ފަހަތަށް ޖެހި ފާރުގައި ލަށް ވިއެވެ.

ކުރިއަށް ޖެހެމުން އައި ޟިރާރުގެ ނިތްކުރިން ބޮޑު ދޮސް ފޮޅެއް ނަގާފައި ހުއްޓެވެ. އެ ފޮޅު ބޮޑުވަމުން އައިސް ފަޅައިގެން ދިޔައިރު އެ ފޮޅުގައިވާ ދޮސްތައް ބުރައިގެން ދިޔައީ ނައުރީންގެ މޫނަށެވެ. ދެލޯ މަރާ ފިއްތާލަމުން ނައުރީން އަނގަމަތި ފޮހެލީ އެ ޖެހުނު ދަވައިން ދުވި ނުބައި ވަހުންނެވެ. ޟިރާރުގެ ހިނިގަނޑުގެ އަޑަށް ނައުރީން ދެލޯ ހުޅުވާލަމުން ބަލާލީ ހައިރާންވެފައި ހުރެއެވެ.

ޟިރާރުގެ ސިފައަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔަތަން ފެނި މިއީ ރަނގަޅުކަމެއް ނޫންކަން ނައުރީނަށް ނަގައިގަނެވުނެވެ. ނިތްކުރިމަތިން ދެ ދަޅު ފާޅުވަމުން ދިޔައިރު ޟިރާރުގެ ދަތްތައް ތޫނުވެފައި ދިގުވަމުން ދިޔައެވެ. ކުރިއަށް ޖެހި އަނގަހުޅުވާލަމުން ދިގު ދުލެއް ނެރެ ނައުރީންގެ ކޯތާފަތުގައި އެ ދޫ ހާކާލީ ދަހިވެފައިވާ ކުއްތާއަކު ފަދައިންނެވެ. ޟިރާރުގެ މޭގައި އަތް އަޅާ ކޮށްޕާލަން ނައުރީން އަތް ޖައްސާލި ވަގުތު އޭނާގެ ހަންގަނޑު ނައުރީންގެ އަތުގައި ތަތްލި ކަހަލަ އިހްސާސެއް ވިއެވެ. އަތް ދަމައިގަތް ވަގުތު މޭމަތިން ހަންގަނޑުގެ ބޮޑުބައެއް ވީދިގެން އައި އިރު އޭނާގެ މޭކަށިގަނޑު ފާޅުވާން ހުއްޓެވެ. ހަޅޭއްލަވަން ނައުރީން އަނގަ ހުޅުވާލި ވަގުތު ޟިރާރުގެ ބޮޑު އަތްތިލައިން ނައުރީންގެ ކަރުގައި ހިފިއެވެ. ނޭވާ ނުލެވިގެން ތެޅިފޮޅެމުން ދިޔަ ނައުރީނަށް އޭނާގެ ވަކިތައް ކަރަށް ހެރެމުން ދިޔަކަން އިހްސާސް ކުރެވުނެވެ.

"ތީ މަގޭ މީހެއް... މަށާ ވަކިވާން ހިތަށް ވެސް ނާރުވާތި... މަށަށް ފިލައިގެން މިހާރު ފަޅުގެއަށް ތިދަނީ މޮޅުތަކެއް ވާނެ ކަމަށްތަ... އެކަކަށްވެސް މިކަމެއް ނުހުއްޓުވޭނެ.. ހަހަހަހަ..." ނޭވާ ނުލެވި ތެޅި ފޮޅެމުން ދިޔަ ނައުރީނަށް އޭނާގެ ހަރުކަށިބަސްތައް އިވުމުން ގަނޑުވިއެވެ. އެއީ ޟިރާރެއް ނޫނެވެ. އެއީ އޭނާއާ އަވަލައިގެން އުޅޭ މާރިދުކަން ނައުރީނަށް ޔަގީންވިއެވެ.

ހަޅޭއްލަވަމުން ދެއަތުން ކަރުގައި ފިރުމަމުން ނައުރީން ހަމައަށް ނޭވާލާން މަސައްކަތް ކުރިއެވެ. ދެލޯ ހުޅުވުމާއެކު ނައުރީނަށް މި އޮވެވުނީ އޭނާގެ ކޮޓަރީގައިކަން އެނގުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ބަލާލަމުން ފުން ނޭވާއެއް އޭނާއަށް ބޭރުކޮށްލެވުނީ އެ ފެނުނީ ބިރުވެރި ހުވަފެނެއްކަން ޔަގީން ވީމައެވެ. އަރާމުކޮށްލަން އެނދުގައި ޖައްސާލުމުން އެހެންއޮވެ އޭނާއަށް ނިދުނީއެވެ.

ބާރަޖަހަން ގާތްވަނީކަން އެނގުމުން ނައުރީން އަވަސްވެގަތީ ފާހާނާއަށް ވަދެ ރީތިވާށެވެ. ޟިރާރާ ބައްދަލު ކުރަން އެ ފަޅުގެއަށް ދާށެވެ. މޫނުދޮންނަ ތައްޓާ ގާތްވެލަމުން އިސްކުރު ދޫކޮށްލިއެވެ. ފެންފޮދަކުން ދެއަތް ތެތްމާލުމަށްފަހު މޫނުގައި ފެންފޮދެއް ހާކާލިއެވެ. މޫނު ބަލާ ލޯގަނޑުން ފެނުނު މަންޒަރުން ނައުރީނަށް ތެޅިގަނެވުނެވެ. ކަރުދޮށުގައި ޒަޚަމްވެފައިވާ ނިޝާންތައް ފުނުމުން އެ މާރިދުގެ ނިޔަފަތިތައް ކަރަށް ވައްދާލި ހަނދާންވުމުން ނައުރީން ހާސްވިއެވެ. ނައުރީނަށް ނިދި ޖެހިފައި އޮތް ވަގުތުކޮޅު ހުވަފެނުގެ ތެރެއިން ނައުރީނާ ބައްދަލުކޮށް އެ މާރިދުގެ ބޭނުމެއް ފުއްދީއޭ ހިތަށް އެރިއެވެ. ފެންފޮދަކުން އެތާ ހޭކިފައިވާ ލޭތައް ނައުރީން ފޮހެލިއެވެ. ޟިރާރަށް މިރޭ ދިމާވި ކަންތައް ކިޔައިދޭން އޭނާ ހުރީ ކެތްމަދުވެފައެވެ.

*** *** *** *** *** ***

ކާރުގެ ދުވެލި މަޑުކޮށްލުމުން ޑްރައިވަރަށް ފައިސާ ދެއްކުމަށްފަހު ތިން މީހުން ކާރުން ފޭބީ ފެރީއަށް އެރޭނެކަމުގެ އުންމީދުގައެވެ. ނަމަވެސް އޭރު އެ ފެރީ ފުރައިފިއެވެ. ތޮށިގަނޑާ ދުރަށް ފެރީ ފަހަތަށް ޖައްސާލައިފިއެވެ. ދެން ހުޅުދޫއަށް ފުރަން ހަމަޖެހިފައި އޮތް ފެރީގެ އިންތިޒާރުގައި އެމީހުންނަށް އެތާ މަޑުކުރުން ނޫން ގޮތެއް ނެތެވެ. ފޯނާ ކުޅެމުން ރާއިދު އެއްފަރާތަކަށް ޖެހިލުމުން އަޒީމް ފުން ނޭވާއެއް ބޭރުކޮށްލީ އޭނާގެ ހިތުގައި ފުނި ޖެހެމުން ދިޔަ ސުވާލުތަކެއް ކޮށްލުމުގެ ބޭނުމުގައެވެ.

"ކީއްވެތަ ޓިކެްޓް ނުނެގީ... މިރޭ މިކޮޅުން ޓިކެޓް ހަމަޖައްސާ ގޮތަކަށްނު އޮތީ... އޭރުން ދޯ އަހަރެމެންނަށް އެކޮޅަށް އަވަހަށް ދެވޭނީ..." އެއްބަސްވި ގޮތާއި ޚިލާފަށް އެކުވެރިޔާ ކަންތައް ކުރުމުން އަޒީމް ހުރީ ހިސާބަކަށް ހިތްހަމަނުޖެހިފައެވެ.

"ވީ އެންމެ އަވަހަކަށް ފުރާގޮތަށް ނިންމާފަ އޮތީ.. އެކަމަކު މިހާރު ފުރޭކަށް ނެތް.. އެއަށްވުރެ ބޮޑުކަމެއް ޖެހިގެން މިއުޅެނީ..." ހުރިހާ ވާހަކައެއް އަޒީމަށް ކިޔައިދޭންވީ ވަގުތު އައިސް ޖެހިއްޖެކަން އެނގުމުން އެވާހަކަ ކިޔައިދޭނެ ގޮތަކާއި ދޭތެރޭ ރިޔާޒް ވިސްނާލިއެވެ.

"އަނެއްކާ ކޮން ކަމެއް ލައިގަތީ؟.. މިއަށް ވުރެ ބޮޑުކަމެއް އޮންނާނެތަ؟.. ރިޔާޒްމެން މިކޮޅަށް އައީވެސް މިކަމުގައެއްނު.. ދެން ކީކޭތަ ތި ކިޔަނީ.." ރިޔާޒް ދައްކަންއުޅޭ ވާހަކައާ އަޒީމާ އޮތީ ކިހާވަރެއްގެ ގުޅުމެއްކަން އަޒީމަކަށް ނޭނގެއެވެ.

"މަ ކިޔައިދޭން މިއުޅޭ ވާހަކަތައް ކަނުލާ އަޑުއަހާތި.. މަ ބޭނުމީ އަޒީމް ވަރަށް ހިތްވަރުކޮށްފަ މިކަމާ ކުރިމަތިލާން.. މީ އަޒީމްގެ ދިރިއުޅުމާ ގުޅޭ ކަމެއް.." ރިޔާޒް ދައްކަމުން ދިޔަ ވާހަކަތަކުން އަޒީމްގެ ބޮލުގައި ރިހުމެއް އުފެދުނެވެ. ޝައުގުވެރިކަމާ އެކީ އެ ވާހަކަތައް އަޑު އެހުމުގެ ބޭނުމުގައި ހަށަން ބަނދެލަމުން ރިޔާޒާ އެކީ ގޮނޑުދޮށުން އެއްފަރަތާކަށް ހިނގައިގަތީ ތޮށިގަނޑު ކައިރީ މަޑުކޮށްގެން ތިބި މީހުންނާ ދުރަށް ޖެހިލާށެވެ.

"އަޒީމްގެ ދޮށީ އަންހެން ދަރިފުޅަށް ކަންތައްތަކެއް ކުރިމަތިން ވަމުން އަންނަ ކަމަށް ވަނީ... މި ވާހަކަތައް މަށަށް ކިޔައިދިނީ ހޫދު... އަދި އޭނަ ބުނި ގޮތުގަ އެއް ދުވަހަކު ތިގޭ ކުޑަ މަންޖެއަށްވެސް ކަމެއް ލައްވާލިކަމަށް ވަނީ... އިބްޒީމާމެން ގޭތެރެއިން ބިރުން ދުވެފަ އެ ކުއްޖާ ނުކުމެގެން އައި އިރު ގަޔަށް ހީސްވެސް ލެވިފަ ހުރީ.. މި ކަހަލަ ކަންތައްތަކެއް ހިނގާތީ އެ ދެކުދިން ގެނެސް ވާގޮތެއް ބަލާފަ ނޫނީ ދާކަށް ބޭނުމެއް ނޫން.. އަޒީމް، މި ކިޔާ އެއްޗެއް އެނގޭތަ..." ހުއްޓުން އަރާފައި ހުރި އަޒީމްގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. ގޮތް ހުސްވެފައި ހުރި އަޒީމްގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހިގެން ދިޔަތަން ބަލަން ހުރި ރިޔާޒްގެ ހިތަށްވެސް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ.

*** *** *** *** *** ***

"ކާކު... ކާކު...."

ޖެހިލުންވެ ހުރެ މަންޝާ ކުރިއަށް ދިޔައީ އެމީހާގެ ފުށުން ޖަވާބެއް ނުލިބުމުންނެވެ. އޭރު އޭނާގެ ފަން، ދިގު އިސްތަށިގަނޑު ވަނީ ތެމި ފޯވެފައެވެ. މަންޝާ ކުރިޔަށް ޖެހެމުން ދިޔައެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭ ތިކިތައް މަންޝާގެ ހަށިގަނޑުގައި ބީހެމުން ދިޔައެވެ. ދެލޯ ހަނިކޮށްގެން ހުރެ އެމީހާއާ ދިމާލަށް ބަލަމުން ދިޔައީ ބުރަމުންދިޔަ ފެންތިކިތަކުން އުނދަގޫވާތީއެވެ. މަންޝާއަށް އެއީ ކާކުކަން ނަގައިގަނެވުނެވެ.

އޭނާގެ ކޮނޑުގައި ހިފާ އަނބުރާލުމުން އެ ޒުވާނާ މަންޝާއާ ދިމާލަށް ބަލާލިއެވެ. މަންޝާގެ ހިތުގައި ބުނެދޭން ނޭނގޭ ކަަހަލަ ޖަޒްބާތުތަކެއް އުތުރި އަރަން ފެށި ނަމަވެސް ހިތުގެ ކަނަކުން ދުރަށް ޖެހުމަށް އެދެމުން ދެވުނެވެ. މަންޝާގެ ހޫނު ނޭވާ އިހްސާސްވާހާ ކައިރީގައި އެ ޒުވާނާ ހުރުމުން މަންޝާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ފިނިވެ މީހާ ގައިން ހީބިހި ހިލިގެން ދިޔައެވެ.

ވައިގަދަވެ ވާރޭ އިތުރަށް ބޯކުރަމުން ދިޔައެވެ. ވާރޭ ވެހޭލެއް ބޯކަމުން މަންޝާމެންގޭ ކުރިމައްޗަށް ވާގޮތަށް ހުރި އިމާރާތްވެސް ސާފުކޮށް ނުފެންނަވަރަށް ވަނީ ފުސް ވެފައެވެ. ޖެހިލުންވެހުރެ މަންޝާ ފަހަތަށް ފިޔަވަޅެއް އަޅާލީ މަންޝާގެ ހިތަށް ކުރަމުން ދިޔަ އަސަރުތަކުން ކެތް ނުކުރެވިގެންނެވެ. މީ ދުވަހަކުވެސް މަންޝާއަށް ކޮށްފައިވާ އިހްސާސެއް ނޫނެވެ. މީ ތަފާތު އިހްސާސެކެވެ. ނޭނގޭ ބާރަކުން މަންޝާގެ ހިތް ލެނބެމުންދިޔައެވެ.

ރަތްވިލާތަކުން މުޅި އުޑުމަތިވަނީ ބައްދާލާފައެވެ. ޖަހާލި ބާރު ގުގުރިއަކާއި އެކީ މަންޝާ ދިޔައީ ސިއްސައިގެންނެވެ. ފުންމައިގެން ކުރިއަށް ޖެހި އެ ޒުވާނާގެ ޓީޝާޓް ތެރޭ މޫނު ނިވާކޮށްލީ ތޫލިއަޑަކުން ހަޅޭއްލަވަމުންނެވެ. އެބިޔަ ހަށިގަނޑުގެ ތެރެއަށްލާ މަންޝާ ފޮރުވާލިއެވެ. އަނެއްކާވެސް ވިދާލުމަކާއި އެކީ ގުގުރާލީ ކުރިއަށް ވުރެއް ބާރަށެވެ. ޓީޝާޓްގައި ހިފައިގެން ހުރި މަންޝާ އޭނާގެ ދެއަތުން އެ ޒުވާނާގެ ހަށިގަނޑު ވަށާލާ ބާރު ބާރަށް ބައްދާލިއެވެ.

"މަންޝާ..... ފުރަތަމަ ފެނިލުމުންވެސް އަހަންނަށް މަންޝާ ވަރަށް ކަމުގޮއްސި...."

މަންޝާގެ ނިތްކުރި މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ރަނގަޅު ކޮށްލަމުން އޭނާ ވާހަކަ ދެއްކިއެވެ. އެއަޑު މިރޭ ވަރަށް ތަފާތެވެ. ފިރިހެންވަންތަ ބަރު އަޑެކެވެ. އެ އަޑުގައިވަނީ މަސްތުކުރުވާ ކަހަލަ ގޮތެކެވެ. މަންޝާ ދުރަށް ޖެހިލަމުން އިސްއުފުލާލީ އެ ޒުވާނާ މަންޝާގެ ދަތްދޮޅީގައި ހިފާ އުފުލާލުމުންނެވެ. މަންޝާގެ ތުންފަތުގައި އޭނާ މަޑުމަޑުން ބޮސްދިނެވެ. ހަރަކާތެއްވެސް ގެންނަން ނުކެރިފައި އެހުރި ގޮތަށް މަންޝާއަށް ހުރެވުނީއެވެ. މަންޝާގެ ހަށިގަނޑުގައި އެ ޒުވާނާ ބައްދާލިއެވެ. ނޭވާވެސް ނުލެވޭހާ ބާރަށް ފިއްތާލިއެވެ.

"ތީ އަހަރެންގެ މިލްކެއް... ތީ އަހަރެންގެ މީހެއް...." މަންޝާ ގައިގައި ބައްދަމުން މަންޝާގެ ކަންފަތް ބުޑުގާ މިހެންބުނުމުން މަންޝާގެ ދެލޯ ތަންމިނަށް ހުޅުވާލެވުނެވެ.

"ނޫން... ނޫން... ދުރަށް ދޭ... އަހަރެންމީ އަޒީމްގެ މީހެއް..."

މަންޝާ ގަދަކަމުން އެ ޒުވާނާގެ މޭގައި އަތްއަޅާ އޭނާގެ ގަޔާ ދުރަށް ކޮށްޕާލިއެވެ. ފަހަތަށް އެ ޒުވާނާ ޖެހުނު ވަގުތު ބެލްކަނީގައި ހެދިފައިވާ ފެންގަނޑުމަތިން ފައި ކައްސާލިއެވެ. މަގުމައްޗަށް ވެއްޓެން އޭނާގެ ހަށިގަނޑު އަރިއަޅާލި ވަގުތު މަންޝާއަށް ހަޅޭއްލަވަައިގަނެވުނެވެ.

"ކިޝަން..."

*** *** *** *** *** ***

"މަންޝާ..."

މީހަކު ގޮވާލިއަޑަށް މަންޝާއަށް ސިހިފައި ތެދުވެވުނީ އޭނާއަށް އޮވެވުނީ ނިދާފައިކަން ޔަގީން ވީމައެވެ. މަޖުދީ ގޮވާލިއަޑަށް މަންޝާ ދެލޯ ބޮޑުކޮށްލަމުން މޫނުގައި އަތް ހާކާލިއެވެ. "ފްލައިޓް ޖައްސައިފި... ދެން ފައިބަންވީ... މިރޭ މާލޭގަ މަޑުކޮށްފަ ފަތިހު ފުރާ ލޯންޗުން ރަށަށް ފުރޭގޮތަށް ޖާގައެއް ލިބޭތޯ މިބަލަނީ..."

ސީޓް ބެލްޓު ނައްޓުވާލަމުން މަޖުދީ ގޮނޑިން ތެދުވެ ހަށިގަނޑު ދަމާލިއެވެ. ހިނިތުންވާން މަސައްކަތް ކުރަމުން ސީޓުން މަންޝާވެސް ތެދުވެ ފުން ނޭވާއެއް ދޫކޮށްލީ ދެންމެ އެ ފެނުނީ ހުވަފެނެއްކަން އެނގުނީމައެވެ.

ފްލައިޓުން ފޭބުމަށްފަހު މަންޝާމެން ބޭރަށް ނުކުތީ މަލެއަށް ދާން ފެރީގިމަތަ ކައިރިއަށް ދާށެވެ. ނަމަވެސް މާލެއަށް ދެވެންދެން ކެތްނުކުރެވޭނެތީ މަންޝާ ބޭނުންވީ ފާހާނާއަށް ވަދެލާށެވެ. މަންޝާ ހިނގައިގަތް ވަގުތު މަންޝާއާ އެކީ އަފްނާނުވެސް ފާހާނާއަށް ވަންނަން ހިނގައިގަތެވެ. އަފްނާނުގެ މޫނަށް ބަލާލަމުން މަންޝާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. "ތީ މަޖުދީގެ އަންހެނުންދޯ... އައްޑޫ ކުއްޖެއްތަ؟..."

އަފްނާނު ދެއަތަށް ބޯ ހޫރުވާލީ ނޫނެކޭ ބުނާފަދަ ގޮތަކަށެވެ. އެ އަންހެންމީހާ ބަހެއް ނުބުނުމުން އަނގަޔަށް ވައްތަރެއް ޖައްސާލަމުން އެމީހާގެ ފަހަތުން އަންހެނުންގެ ފާހާނާ ބޯޑު ޖަހާފައިވާ ދޮރުން އެތެރެއަށް މަންޝާ ވަނެވެ. މަންޝާ ފާހާނާއަށް ވަނުމުން މޫނު ދޮންނަ ތައްޓާ އަފްނާން ގާތްވެލި އަތަށް ލައްވާފައިވާ އަންގި ބާލަމުންނެވެ. މޫނު ނިވާކުރަން އަޅާފައިވާ ފޮތިކޮޅު ނަގާ ބޯމައްޗަށް ވައްޓާލަމުން އިސްކުރު ދޫކޮށްލީ ހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލަމުންނެވެ.

ލޯގަނޑުން ފެންނަން ހުރި އަފްނާނުގެ ސޫރައަށް ބަލަން އޭނާ މަޑުކޮށްލިއެވެ. މަންޝާއާ ދޭތެރޭ ވިސްނާލުމަށްފަހު އޭނާއާ ކުރިމަތިލާން އޭނާ ބޭނުވިއެވެ. ރަށަށް ގޮސް މަންމައާ ކުރިމަތިލާން ފަސްޖެހުނަސް މަންޝާއާ ކުރިމަތިލާން އޭނާއަށް ކެރޭނެކަމަށް ބުނެ ހިތަށް ވިސްނައިދެމުން ދިޔައެވެ. ފެންފޮދަކުން މޫނު ދޮވެލަން މޫނުގައި އަތް ހާކަމުން ދިޔަ ވަގުތު މަންޝާ ފާހާނާއިން ނުކުމެއްްޖެއެވެ. މޫނު ދޮންނަ ތައްޓާ ކައިރިވަމުން އޭނާގެ އަތް ދޮވެލަން އިސްކުރު ދޫކޮށްލިއެވެ. ހުއްޓުން އަރާފައި ހުރި އަފްނާންގެ ހަރަކާތަށް ބަލަން މަންޝާ އެނބުރިލީ ވަގުތު އަފްނާނުގެ މޫނު ފެނުމުން އޭނާގެ ދެލޯ ބޮޑުވިއެވެ. އަނގައިން ބަހެއް ނުބުނެ އަފްނާނުގެ މޫނަށް ބަލަން އޭނާއަށް ހުރެވުނީ އެއީ ދަންނަ މޫނަކާއި ވައްތަރު ވީމައެވެ.

(ނުނިމޭ)