"ޝީން...." ވައިއަޑުން މަންޝާ ބުނެލިއެވެ.
"މަންޝޫ...." ހިޔާލަކަށް ގެއްލިފައި ހުރި މަންޝާއަށް ހޭވެރިކަމެއްވީ އޭނާގެ އަތުގައި ހިފާ ޝީން ތަޅުވާލުމުންނެވެ. ޝީންގެ މޫނަށް ބަލާލުމަށްފަހު އޭނާގެ ދެއަތުން މޫނު ފޮހެލިއެވެ. ނޭފަތް ދަމާލަމުން މަގޭ ދަރިފުޅޭ ކިޔާ ގޮވަމުން އެކޮޓަރިން ނުކުމެ މަންޝާ ދުއްވައިގަތީ މޮޔައެއް ފަދައިންނެވެ.
*** *** *** *** *** ***
"ޒޯއީ..."
މެހެކްގެ ގޮވާލުމުން ޒޯއީއަށް ސިހުމެއް ލިބުނެވެ. ހެނދުނު ވީ ސުރެ ޒޯއީއަށް ތަފާތު އުނދަގޫތަކެއް ވަމުން ދިޔައެވެ. އޭނާއަށް އިހްސާސްވަމުން ދިޔަ ކަންތައް ކިޔައި ނުދިނަސް އޭނާގެ އުޅުމާ ހަރަކާތްތަކަށް ބަލަން ހުރި މެހެކްއަށް ކޮންމެވެސް ކަމެއް އޭނާއަށް ވަމުންދާކަން ފާހަގަކުރެވުނެވެ.
"ކިހިނެއްތަ ވަނީ... ހީވަނީ ކަމަކާ ހިތްއަވަސްވެފަ ހުންނަހެން.. ކަމެއް ކުރިއަސް މާ އަވަސް އަރުވާލައިގެން ތި އުޅެނީޔޯ... ވެގެންއުޅޭ ގޮތެއް ބުނީމަ ދޯ އިނގޭނީ..." ޒޯއީއަށް އަންނަމުންދިޔަ ބަދަލުތަކުން މެހެކްއަށް އުނދަގޫވާކަން ހާމަކުރީ އާދޭހުގެ ރާގަކަށެވެ.
ޒޯއީ އިސްޖަހާލަމުން އޭނާގެ މެއާ ދިމާއަށް އަތް ހަރަކާތްކޮށްލީ އޭނާގެ މެއަށް ހޫނުކަމެއް އިހްސާސްވަމުން ދާތީއެވެ. ރޭއްސުރެ އެފަދަ އުނދަގޫތަކެއްވުމުގެ ސަބަބުން ޒޯއިއަށް ހަމަނިންޖެއް ނުލިބެއެވެ. ކަރުގައި އަޅާފައިވާ ފަށުގެ ފުލުގައި އޭނާ އަތްޖައްސާލީ އެވަގުތެވެ. މެހެކްއަށް ފެނުނު މަންޒަރުން ލިބުނު ހައިރާންކަމާއެކީ އަޑުގެ ނެއްތަނަށް ސަކޭރާއަށް ގޮވާލިއެވެ. "ބޮޑުދައިތާ...."
ކުދިންނަށް ކަމެއްވީބާއޭ ހިތަށް އެރުމުން މެހެކްގެ އަޑަށް އެ ކޮޓަރިއަށް ސަކޭރާ ހާޒިރުވީ ދެލޯ މުދުނަށްލައިގެން ހުރެއެވެ. ކިހިނެއްވީތޯ ސުވާލު ކޮށްލުމުން މެހެކްއާ ޒޯއީ ބޮޑު ދައިތައާ ކުރިމަތިލާން އެނބުރިލިއެވެ. ޒޯއީގެ ކަރުގައި އަޅާފައިވާ ފަށުގައިވާ ކުޑަ ކުޑަ ބެރެބެދިމާ ރަތްކުލައަކަށް ދިއްލެމުންދިއައެވެ. ފަށުގައި އަތް ޖައްސައިގެން ހުރި މެހެކްގެ ދެލޯ ނޫކުލައަކުން ދިއްލިފައިވާތަން ފެނުމުން ސަކޭރާ އެ ދެކުދިންގެ އަތުގައި ހިފާލިއެވެ.
"ވަގުތު އައިސް ޖެހުނީ.. ބޮޑުދައިތަ ދަސްކޮށްދިން އެއްޗެހި ރަނގަޅަށް ހަނދާނުގަ ބަހައްޓާތި.. ނުރައްކާ ހާލަތަކަށް ގޮއްސިނަމަ ދެއަތް ގުޅުވައިގެން ހުރެ ކިޔަވަންޖެހޭ އެއްޗެތި ހަނދާންކުރާތި.. ދެން ހިނގާ ފަށަމާ.. ތި ކުދިން ކައިރީ ބޮޑުދައިތަ ހުންނާނަން.. އިރާދަ ކުރެއްވިއްޔާ މިއަދު މީ ޒޯއީގެ މަންމަ ފެންނާނެ ދުވަސް.." ސަކޭރާގެ އެދުމަށް ދެކުދިން ބޯޖަހާލިއެވެ. އެއަށްފަހު ދެކުދިން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ.
*** *** *** *** *** ***
ޖޯލިފަތީގައި އޮތް އަޒީމްގެ ސިކުނޑި ވަށާލާފައިވަނީ އެކި ޚިޔާލްތަކުންނެވެ. ރިޔާޒް އެދުނު ފަދައިން ކަންކުރަން އެފަދަ ދަނޑިވަޅެއް ހޯދާނެ ގޮތަކާ ދޭތެރޭ އޭނާ ވިސްނާ ފިކުރު ކުރަނީއެވެ. ކުރާކަމެއް ކުރަން ދެން ބާކީ އޭނާގެ އަތުގައި އޮތީ މަދު ވަގުތު ކޮޅެކެވެ. ކުރިއަށް އޮތް ދެ ގަޑިއިރު ތެރޭ އެކަން ކާމިޔާބު ނުވެއްޖިއްޔާ އެކުވެރިޔާ އޭނައަށް ކުރި އިތުބާރުވެސް ގެއްލޭނެއެވެ. މަންޝާ ރަށަށް ނުގެންގޮސް ހިފައްހައްޓަނީ އަޒީމްކަމަށް ނިންމާނެއެވެ.
"މަށަށް ދޮގު ހަދާފަ ތިހުރީ..."
ހިޔާލަކަށް ގެއްލިފައި އޮތް އަޒީމަށް ސިހުންވީ ކައިރިން މަންޝާގެ އަޑުޖެހުމުންނެވެ. ބޯ ހިއްލާލަމުން މަންޝާއާ ދިމާއަށް އަޒީމް ބަލާލީ އޭނާ އެބުނި އެއްޗެއް ރައްދުވަނީ ކާކަށް ކަން ނޭނގޭތީއެވެ. ފުސްމޫނު ހަދައިގެން އުނަގަނޑުގައި އަތް ވިއްދައިގެން މަންޝާ ހުރީ އަޒީމާ ދިމާއަށް ބަލާށެވެ.
"ކިތަންމެ ވަރަކަށް އޮޅުވާލަން އުޅުނަސް.. އޮޅުވައެއް ނުލެވޭނެ... ކޮންމެސް ދުވަހަކުން މަށަށް ހުރިހާ ކަމެއް ހަނދާންވާނެ... ބުނެއެއްނު ވަގަކަށް ހާސްދުވަހޭ.. މިހާރު މިއޮތީ މަގޭ ދުވަސް އައިސަ.. ދެން ހުރިހާ ވާހަކައެއް ތެދުތެދަށް ކިޔައިދީ..." އަތް އުކަމުން އަޑަށް ބާރުލަމުން މަންޝާ ވާހަކަ ދެއްކި އިރު އޭނާ އައިސްފައިވާ ރުޅި ހާމަވެއެވެ.
ބުނާނެ އެއްޗެއް އަޒީމްގެ ސިކުނޑިއަކަށް ނުވިސްނުނެވެ. އެއްފައްޗަކަށް މަންޝާ ދެއްކި ވާހަކަތަކެއްގެ ސަބަބުން އޭނާގެ ބޮލުގައި ރިހުމެއް އުފެދުނެވެ. އަޒީމް ހާމަކުރަން ބޭނުންނުވާ އެ ޖިންނީގެ ކަންތައް ފަޅާއެރީއޭ ހިތަށް އެރުމުން އޭނާ ކަންބޮޑުވިއެވެ. ޒިބާންއަށް މަންޝާ ލިބިއްޖެނަމަ އޭނާއަށް މަންޝާ ގެއްލޭނެކަން ވިސްނުނީމަ އެ ވާހަކަ ދައްކަން އޭނާ ފަސްޖެހުނެވެ.
"ކީއްވެ އެއްޗެކޭ ނުބުނެ ތިހުރީ... ކުރެވުނު ކަންތައް ކުޑައީތަ.. މަ ހިއެއް ނުކުރަން އަޒީމް އެވަރުގެ ކަމެއް ކޮށްފާނެއެކޭ..."
ހަށަން ބަނދެލަމުން ފުން ނޭވާއެއް މަންޝާ ދޫކޮށްލީ އޭނާ އައިސްފައިވާ ރުޅިގަނޑު މައިތިރި ކޮށްލެވޭތޯއެވެ.
ޖޯލީފަތިން ތެދުވަމުން އަޒީމް އަތުގައި އޮތް ފޯނުގެ ޑިސްޕްލޭގައިވާ ގަޑިއަށް ބަލާލަމުން ވާހަކަ ދައްކަން ފެށީ ދޭނެ ޖަވާބަކާ ދޭތެރޭ ވިސްނާލަމުންނެވެ. "ކިހިނެއްވީތަ؟ މަންޝާ ތިކިޔާ އެއްޗެއް މަށަކަށް ނުސްނުނު."
"ކޮބާހޭ މަގޭ ދަރިފުޅު. ހަމަ ރަނގަޅަށް އިނގޭނެ އަހަރެން މިކިޔަނީ ކީކޭ ކަން. އަދި މާ ނޭނގޭ ކަމަށް ހަދައިގެން އެބައުޅެއެއްނު." ކުރިއަށް ދާން ހިނގައިގަތް އަޒީމްގެ ކުރިމައްޗަށް ހުއްޓެމުން އަޒީމްގެ މޫނަށް މަންޝާ ބަލާލީ އޭނާ ކަމެއް ސިއުރުކުރަނީހެން ހީވުމުންނެވެ.
"މިގަޑީގަ ކޮން ވާހަކައެއްތަ ތި ދައްކަނީ. މަންޝާއަށް ދަރިއަކު ނުލިބުމަކީ އަހަރެންގެ ހުރި އުނިކަމެއް ނޫނެއްނު." މާޒީގެ ވާހަކަތައް އަލުން ނަގައިގެން ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ.
*** *** *** *** *** ***
ސަކޭރާގެ އެދުމަށް ޒޯއީއާ މެހެކް ތަޅުންމަތީ ދެފައި ވަށްކޮށް އިށީނީ އެކަކު އަނެކަކާ ކުރިމަތިލައިގެންނެވެ. ކޮޓަރީގެ އެއްފަރާތު ފާރުގައި ހަރުކޮށްފައިވާ ހުދު ފޮތިގަނޑުގައި ހިފާ ސަކޭރާ ދަމާލުމުން އެދިމާއަށް ޒޯއިއާ މެހެކަށް ބަލާލެވުނެވެ. އެފާރު ހުރިތަނުގައި ހަރުކޮށްފައިވާ ބިއްލޫރިގަނޑުން އެކުދިންގެ ސޫރަފެނުނެވެ. ޒޯއީގެ އަތުގައި މެހެކް ހިފާލަމުން ހިނިތުންވެލިއެވެ. އޭރުވެސް ޒޯއީގެ މޫނުމަތިން ހާސްކަމުގެ ކުލަވަރުތައް ފެންނަމުން ދިޔައެވެ.
ބިސްމި ކިއުމަށްފަހު އެ ދެކުދިންނަށް ދަސްކޮށްދީފައިވާ ކިޔެވެލިތައް ކިޔަވަން ފެށީ ސަކޭރާގެ އިޝާރާތަށެވެ. ސަކޭރާގެ އަތުގައި ހުރި ތައްޓަށް ފުމެލަމުން އޭނާ ކިޔެވެލި ފެށުމުން އޭގެތެރޭގައިވާ ފަތްތަކުގައި ހުޅު ރޯވިއެވެ. އޭގާއިވާ ފަތްތައް އަނދަމުން ދިޔައިރު އެ ތަށި ހިފައިގެން ސަކޭރާ މުޅި ކޮޓަރި ތެރޭ ހިނގަން ފެށިއެވެ. އެ ތަށިން އަރަމުން ދިޔަ ދުންތަކުން މުޅި ކޮޓަރިތެރެ ފުސްވިއެވެ.
ފަހަރެއް ވުރެ ފަހަރެއް އެކުދިންގެ ލިޔެވުމުގެ ރާގާއި އަޑަށް ބާރަށްލަމުން ދިޔައެވެ. އެމީހުން ތިބި ކޮޓަރިއަށް ލޮޅުމެއް އައިސް ތަނަށް އަންނަން ފެށި ބަދަލުތަކަށް ބެލުމެއްނެތި ކިޔެވުން ކުރިއަށް ގެންދިޔައީ އެންމެ މަގްސަދެއްގައެވެ. ފާރުގައި ހަރުކޮށްފައިވާ ބިއްލޫރިގަނޑަށް ތަނުގައިވާ ހުރިހާ ދުންތަކެއް ޖަމާވަމުން ދިޔައެވެ. ލޯގަނޑަށް އެދުންތައް ޖަމާވަމުން ދިޔަވަރަކަށް ކޮޓަރިތެރެއިން ދުމުގެ އަސަރު ކުޑަވަމުން ދިޔައެވެ. ސަކޭރާގެ ކަޅި އޭރު އަމާޒުވެފައިވަނީ ދުމުން ފުރިގެންވާ ފުސް ލޯގަނޑާ ދިމާއަށެވެ. ދުންތައް ބޯވުމުގެ ސަބަބުން އެލޯގަނޑުން ފެންނަމުންދިޔަ މަންޒަރު ނުފެންނަހާ ފުސްވެ އަޅިކުލައަކަށް އެ ލޯގަނޑުވަނީ ބަދަލުވެފައެވެ.
*** *** *** *** *** ***
"އަޒީމް. އަހަންނަށް އިނގޭ ކަމެއް ސިއްރުކުރަނީކަން. މަށަށް ކިޔައިދޭން ނުކެރިގެން ތިއުޅެނީޔޯ. މަށަށް މިވާ އިހްސާސްތައް އަޒީމަަކަށް ނުވިސްނޭނެ. މަންމައެއްގެ އިހްސާސް އިނގޭނީ ހަމަ މަންމައަކަށް." އަޒީމްގެ މޫނަށް ބަލަން ހުރި މަންޝާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ނުތަނަވަސްކަމެވެ. "އަހަރެން ވިހަން ބަނޑުގަ ރިއްސި އިރު ދަގަނޑު އެނދަކާ ލާ އައްސާފަ ކޮޓަރިއަކަށް ލާފަ އެކަނި ބޭއްވީ. އެއީ މީގެ ވިހި އަހަރު ކުރި. ފުރިހަމަ ހަނދު ކޭތައެއް ހިފި ރެއެއް. އަހަރެންގެ ދަރިފުޅު ހުރިނަމަ ޝީން އެކޭ ހަމަ ދާދި އެއް ވަރެއް ވާނީ."
އަޒީމްގެ ސިކުނޑީގައި އެނބުރިގަތީ މީގެ ވިހި އަހަރު ކުރީގެ އެހާދިޡާއެވެ.
*** *** *** *** *** ***
"ޒިބާން ކަލޭ އަހަރެންގެ ލޯ ކުރިމައްޗަށް ފާޅުވޭ... އެހެންނޫނީ..." ކިޔެވެލި ކިޔަވަން ތިބި ހަތް މީހުންގެ މެދުގައި ޖަހާފައިވާ އަލިފާންގަނޑަށް ފެން ގޮއްޓެއް ބުރުއްސުވާލަމުން އަލިބެ ވާހަކަދެއްކީ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގަމުންނެވެ. އެ އަލިފާންގަނޑުގެ ހުޅު ބޮޑުވެގެން ދިޔައެވެ. އަލިބެ ކުޑަވަގުތުކޮޅަކަށް މަޑުޖެހިލުމަށްފަހު އޭނާގެ އަތުގައި ހުރި ފެންފުޅިން ފެންފޮދެއް މަންޝާގެ ގަޔަށް ބުރުއްސާލިއެވެ. ނެގި ތޫނުތަދާ އެކީ އަޑުން އަޑުނަގާ މަންޝާއަށް ގޮވާލެވުނީ ޒިބާންގެ ނަމުންނެވެ.
"އަހަރެން މިހުރީ.. ދެން މަންޝާ ދޫކޮށްލާ.." ޒިބާން ވާހަކަ ދެއްކިއެވެ. ޒިބާންގެ އަޑު އެތާތިބި އެންމެންނަށް އިވުނެވެ. މަންޝާ ފިޔަވާ އެވަގުތު ޒިބާން ފެންނަނީ އަލިބެއަށް އެކަންޏެވެ. އަޒީމް ވަށައިގެން ހޯދާލީ އެ އަޑުގެ ވެރިއާ ބަލާލުމުގެ ބޭނުމުގައެވެ.
"ކަލޭ އަހަރެމެންގެ ގާތަށް އައިސް ތިއުޅެނީ ކޮން ބޭނުމަކު... މިކުރާ ސުވާލުތަކަށް ޖަވާބުދީ..." އަލިބެ އަޑުބާރުކޮށް ބުނެލިއެވެ.
"އަހަރެން މިތަނަށް އައީ ޟިރާރަށް ބަދަލުހިފަން.. އެ ކަމުގެ ތެރޭގައި އަހަންނަށް މަންޝާ ދެކެ ލޯބިވެވުނީ... އަހަރެން މަންޝާއަށް އެއްވެސް ގޯނާއެއް ނުކުރަން... އަހަރެންނަށް ކުރެވިފައިވާ ކުށްތަކަށް އަހަރެން ތައުބާވެ އިސްލާހުވާން ބޭނުން..." ޒިބާންގެ އަޑު އަޒީމްގެ ކަންފަތުގައި އަނެއްކާވެސް ޖެހުނެވެ. މަންޝާދެކެ އިންތިހާއަށް ލޯބިވާ ވާހަކަ ހާމަކުރުމުން އަޒީމަށް ދަތްކުނޑި ވިކާލެވުނެވެ. އަލިބެ ވާހަކަ ދެއްކި އިރު އޭނާ ދިޔައީ ޒިބާން ވަށާ ބުރެއް ކުރަހަމުންނެވެ. އަލިބެގެ އަތުގައި ހުރި ލޮނު ކޮތަޅުން ލޮނު އަޅައިގެން އެ ބުރު ފުރިހަމަ ކޮށްލިއެވެ.
"އަހަރެން ކަލޭގެ ފަރާތުން އެތައް ސުވާލުތަކެއްގެ ޖަވާބު ބޭނުން... ކަލޭ ދޮގު ނުހަދާ ހުރިހާ ސުވާލަކަށް ޖަވާބު ދޭން ޖޭހޭނެ.. އެހެންނޫނީ.. އެކަމުން އަނިޔާވާނީ މަންޝާއަށް...." އަލިބެގެ އަޑުބާރުކޮށްލަމުން ބުނި ޖުމްލައިން އަޒީމަށް ސިހުންވިއެވެ. މަންޝާއަށް ގެއްލުމެއް ލިބޭކަށް އޭނާ ބޭނުމެއް ނޫނެވެ.
އެނދުގައި އޮތް މަންޝާ ދެއަތަށް ބޯހޫރުވަމުން ދިޔައެވެ. ކަމަކަށް އިންކާރު ކުރާށޭ ބުނާ ފަދަ ގޮތަކަށް އޭނާ ހަރަކާތްކުރަމުން ދިޔައިރު މަންޝާގެ ކަޅި އަމާޒުވެފައިވަނީ އަލިބެ ބުރު ކުރެހި ދިމާއަށެވެ. ޒިބާން ހުރިހާ ވާހަކައެއް ކިޔައިދޭން އެއްބަސްވީ މަންޝާ އެތަނުން ދުރަށް ފޮނުވާލާ މަތިންނެވެ. އެހެންކަމުން އެޓެރަސްގައި ހުރި ކުޑަ ކޮޓަރިއަށް މަންޝާ ގެންދަން އެމީހުން ނިންމިއެވެ. ޖިންނިންނާ ކުރާ ހަނގުރާމަ ނިމުމަކަށް އަންނަންދެން މަންޝާ އެއަށްވުރެ ދުރަށް ނުފޮނުވޭނެ ކަމަށް އަލިބެ ބުންޏެވެ.
އަޒީމާ އެކު އެތާ ދެން ތިބި ފިރިހެނުންގެ އެހީގައި އެނދާ އެކު މަންޝާ އެކޮޓަރިއަށް ވެއްދިއެވެ. އެއްވެސް ފަރުނީޗަރެއް ނުވާ އެކޮޓަރިއަށް އެނދުވެއްދުމަށްފަހު ޟިރާރު ކުޑަދޮރު ހުޅުވާލީ މަންޝާ ހޫނުވެ ދާހިއްލާފައި އޮތުމުންނެވެ. މަންޝާ ރޮއެ އަދޭސްކުރަމުން ދިޔައީ ޒިބާނަށް އަނިޔާ ނުކުރުމަށް އެދެމުންނެވެ. ޟިރާރުމެންނަށް ހަގީގަތް ކިޔައި ނުދޭށޭ ބުނެ މަންޝާ ހަޅޭއްލަވަމުންދިޔައީ އެ އަޑު ޒިބާނާ ހަމައަށް ވާސިލްވާނެކަމަށެވެ. އެ މަންޒަރު އަޒީމްގެ ހަމަ ލޮލަށް ފެނުމުން އޭނާގެ ހިތް ކުދިކުދިވިއެވެ. އެހެންމީހެއް ދެކެ އިންތިހާ ދަރަޖައިގެ ލޯތްބެއް މަންޝާގެ ފަރާތުން ފެނުމުން އަޒީމް ހިތުގައިވާ ހަސަދަ ބޮޑުވިއެވެ. މަންޝާ އެކޮޓަރިއަށް ވެއްދުމަށްފަހު ދޮރު ލައްޕާލި އިރުވެސް އެނާގެ ހަށިގަނޑަށް މާ ބޮޑު ބަދަލުތަކެއް އައިތަނެއް އަޒީމަކަށް ނުފެނުނެވެ. ޒިބާން އަންދާލެވެންދެން މަންޝާއާ ގާތްނުވާން އަޒީމް ނިންމިއެވެ.
"ޟިރާރުބެއަށް އެ ޖިންނި ފެނޭތަ؟..." އަޒީމްގެ ހިތުގައި އުފެދިފައިވާ ސުވާލަށް ޖަވާބެއް ބޭނުމެވެ. ޒިބާންގެ ސިފަ ބަލާލަން އަޒީމް ހުރީ ކެތްމަދުވެފައެވެ. އަޒީމް ސުވާލުކޮށްލި އިރު އޭނާގެ ކަޅި އަމާޒުވެފައިވަނީ ލޮނުން އަޅާފައިވާ ވަށް ބުރަށެވެ. ނޫނެކޭ ބުނަން ޟިރާރު ދެއަތަށް ބޯ ހޫރުވާލިއެވެ. "އެމީހުންގެ އަތުގަ އެބާރު އޮންނާނީ.. އަހަރެމެންނަށް ފެންނަ ގޮތަށް އެމީހުން ފާޅުވާނީ އެމީހުން ބޭނުންވެއްޖެ ހިނދެއްގަ... އެމީހުން ބޭނުންވާ ބަޔެއްގެ ލޯމައްޗަށް އެމީހުން ފާޅުވާނީ..." ޟީރާރަށް އެކަން އެނގިފައިވަނީ ކުރިން ފަހަރު ހެދި ފަންޑިތައިގެ ސަބަބުންނެވެ.
ޒިބާންގެ އަޑު އެމީހުންގެ ކަންފަތުގައި ޖެހުމުން އެތަނަށް އިތުރު ޖިންނިއަކު ފާޅުވެއްޖެކަން އަޒީމްމެންނަށް ކަށަވަރު ވިއެވެ. އެންމެންގެ ލޯ މައްޗަށް ޒޭބާ ފާޅުވުމުން ހައިރާންވެފައި އެންމެންނަށް އެމަންޒަރު ބަލަން ތިބެވުނެވެ. ޒޭބާ އެތަނަށް އައުމުން އަޒީމްގެ ބޮލުގައި އިތުރު ރިހުމެއް އުފެދުނެވެ.
ޒޭބާގެ ހަގީގަތް ހާމަކުރަމުން ދިޔައެވެ. އެއީ ޟިރާރުގެ ދަރިއެއްކަމާއި ބަދަލު ހިފަން އެމީހުން އައިސް ޟިރާރުގެ ދަރިންނާ ދިމާކޮށްލީ ހަށިރައްކަލަށް އޭނާ އަޅާފައިވާ ފަންޑިތައިގެ ސަބަބުން އެމީހުންނަށް ޟިރާރު ނުފެންނާތީ ކަމަށް ޒޭބާ ކިޔައިދިނެވެ. މާޒީގައި ހިނގާފައިވާ ކަންތައްތައް ކިޔައިދެމުން އެމީހުން ދުނިޔެއަށް އައި ސަބަބު އޮޅުން ފިލުވައިދެމުން ޒޭބާ ކުރިއަށް ޖެހުނެވެ. ޟިރާރާ ގާތްވަމުން އައިސް އޭނާގެ އަތުގައި ޒޭބާ ހިފީ ޟިރާރުގެ ދުވަސް ދުއްވާލާށެވެ. އެކަމުން ޒޭބާގެ ހަށިގަނޑަށް އުނދަގޫވެ ޒޭބާގެ އަތްތިލަ އަނދަން އުޅޭހެން ހީވިއެވެ. ޟިރާރުގެ ގައިގާ އަޅާފައިވާ ތަވީދުގެ ސަބަބުން ޟިރާރުގެ ދުވަސް ދުއްވާނުލެވޭނެކަން ޒޭބާއަށް އެނގުމުން ޟިރާރުގެ އެއަތުގައި ހިފާ ޒޭބާ އަނބުރާލިއެވެ. ރޮމުން ހަޅޭއްލަވަމުން ޟިރާރު އެހުރިތަނަށް ތިރިވިއެއް ކަމަކު ޟިރާރަށް ވާހަކައެއްވެސް ނުދެއްކުނެވެ. އޭނާގެ އަނގަވަނީ އެއް އަރިއަށް ދަމައިގެންފައެވެ. ޒޭބާއާ ދިމާއަށް ޟިރާރު ބަލާލީ އާދޭސްކުރާ ހާލުގައެވެ. އޭނާގެ އަތުން ދޫކޮށްލާށޭ ބުނާ ފަދައަކުންނެވެ.
އަލިބެ ގެންގުޅޭ ފެންތަށިން ފެން ގޮއްޓެއް ޒޭބާގެ ގަޔަށް ބުރުއްސާލިއެވެ. އަލިފާނުގައި ފެންޖެހުނީމަ ގޮވާ ފާޑު އަޑެއްކީ އިރު ޒޭބާގެ ގައިގަ ފެން ޖެހުނު ދިމާތަކުން ދުން އެރިއެވެ. ގައިން ނެގި ދިލައިން ދުރަށް ޖެހެން ފިޔަވަޅު އެޅި ނަމަވެސް ޒޭބާއަކަށް އެހުރި ފިޔަވަޅުމަތިން ފަހަތަކަށް ނުޖެހެވުނެވެ. މަޒީގެ ވާހަކަތައް ޒޭބާ ކިޔައިދެމުން ދިޔަ ވަގުތު އަލިބެ ވަނީ ޒޭބާ ވަށާ ލޮނު ބުރެއް ކުރަހާފައެވެ. އަދި އެބުރުން އޭނާއަށް ނުނިކުމެވޭނެ ގޮތް ހަދާފައެވެ.
އެތަނުން ޟިރާރު ދުރަށް ޖެއްސީ އަޒީމެވެ. ޟިރާރުގެ އަނގަ އޭރުވެސް ވަނީ އެއް އަރިއަށް ދަމައިގެންފައެވެ. ޒޭބާ ހިފި އަތުގެ އިނގިލިތައްވެސް ވަނީ ފާޑަކަށް އެނބުރިފައެވެ. "ދެން ތިބުނަނީ ޒެބާއާ މަންޝާއަކީ ދެބޭންނޭތަ؟... ދެން ކީއްވެ އަހަރެން ކައިރިއަށް ޒޭބާ އައީ... ޒޭބާ އަހަރެންގެ ދިރިއުޅުމާ ކުޅެން މަށާ ހިތާވީ ކީއްކުރަން...." އަޒީމަށް ހިމޭނަކުން ނުހުރެވުނެވެ. އަޒީމް ރުޅިއައިސްފަ ހުރެ ވާހަކަ ދެއްކީ އަޑަށް ބާރު ލަމުންނެވެ.
"އާން.. އަހަރެންނަކީ މަންޝާގެ ކޮއްކޮ... ބަލަ އެ ފަންޑިތަ ހަދަން އެތަނަށް ދިޔައީ ކަލޭގެ ބަފާ އަލިތައްކާނު... އެހެންވެ ކަލެއަށް ބަދަލުހިފީ... ކަލެއަށް އުނދަގޫ ކުރީ... އަލިތައްކާނާ އިބްޒީމާގެ ހުރި ނުބައިކަމުން މި ފަންޑިތަ ހަދަން ޟިރާރު މަސައްކަތް ކުރީ" ޒޭބާގެ ވާހަކަ އެހިސާބު މެދުކެނޑުނެވެ.
އަލިބެއަށް އޭނާ ގެންގުޅޭ މާރިދު އައިސްފިކަން އެނގުމުން ހިތްހަމަޖެހުމެއް ލިބުނެވެ. މާރިދު ކައިރީ ސުވާލުތައް ކުރަން އޭނާ އަވަސްވެގަތެވެ. ޒޭބާ ފިޔަވާ އިތުރު ޖިންނިއެއް އެތާ ނެތްކަމަށް ބުނުމުން އަލިބެ އެ މާރިދު ގާތު އެދުނީ ޒިބާން ހުރި ތާކުން ހޯދައިގެން އެތަނަށް ގެނައުމަށެވެ. އެއަށްފަހު އަލިބެ ޒޭބާ ކައިރިއަށް ޖެހިލަމުން ތުންތަޅުވާލިއެވެ.
އޭރު ކޭތަ ހިފަން ފައްޓައިފިއެވެ. ހަނދުގެ ބައެއް ފެންނަން ނެތުމުން ވަގުތު ކުޑަތަން ވަނީކަން ޒޭބާއަށް އެނގުނެވެ. އަލިބެގެ އަމުރަށް އެތާ ތިބި މީހުން ކިއެވެލި ކިޔަވަން ފެށުމުން އަޑުގެ ނެތްތަނަށް ޒޭބާ ހަޅޭއްލަވައިގަތެވެ. ގައިން ނަގަމުން ދިޔަ ތޫނު ތަދަށް ޒޭބާ ރޯން ފެށިއެވެ. ހަނދުކޭތަ ފުރިހަމަވަމުން އައި އިރުވެސް އެތަނަށް ޒިބާން ހޯދަން ފޮނުވި މާރިދު އެނބުރި ނާންނާތީ އަލިބެ ކަންބޮޑުވިއެވެ. ކޭތަ ނިމެންވާއިރަށް މި ކިޔެވެލި ނުނިންމައިފިއްޔާ އެތާ ތިބި އެއްވެސް އިންސާނަކު ސަލާމަތް ނުވާނެކަމަށް އަލިބެ ބުނުމުން އަޒީމާ ޟިރާރު ބޭނުންވީ އަތު ޖެހިފައިވާ ޖިންނީގެ ދުވަސް ދުއްވާލާށެވެ.
ޒޭބާގެ ވޭނީ ރުއިމުގެ އަޑު އެސަރަހައްދުގައި ހިއްޕާލާފަ ހުއްޓެވެ. ޒޭބާގެ މުޅިގައިގާވަނީ ހުޅު ހިފާފައެވެ. އޭރު އަލިބެއާއެކީ ކިޔަވަން ތިބި ހަތް މީހުން ނުހުއްޓި ކިއެވެލި ކިޔަވަމުން ދިޔައެވެ. ޒޭބާގައިގާ އަލިފާން ރޯވެ އަނދަމުންދިޔައެވެ. އެންމެ ފަހުން އިވުނު ހަޅޭކުގެ އަޑާއި އެކީ ޒޭބާ ހައްޔަރުކޮށްފައިވާ ބުރުގެ ތެރެއިން މައްޗަށް ފާޅުވެގެން ދިޔަ ނޫކުލައިގެ އައްޔަށް ބަލަން އުނދަގޫވުމުން އަޒީމްގެ ލޯ މަރާލީ މޫނު މައްޗަށް އަތް ހުރަސްކޮށްލަމުންނެވެ.
ތަނަށް ހަމަހިމޭންކަމެއް ވެރިވިއެވެ. އަލިބެއަށް ޒޭބާ ނައްތާލެވިއްޖެކަން އެނގުމުން އޭނާގެ މާރިދު ހޯދަން ކިޔެވެލި ފެއްޓިއެވެ. އެވަގުތު އަޒީމް ދުއްވައިގަތީ މަންޝާ އޮތް ކޮޓަރިއާ ދިމާއަށެވެ. ތަޅުލާފައިވާ ދޮރު ހުޅުވާލަމުން ކޮޓަރި ތެރެއަށް އަޒީމް ނަޒަރު ހިންގާލިއެވެ. ހުދުކުލައިގެ ބެޑްޝީޓްގަނޑުވަނީ ލެއިން ކަޅިވެފައެވެ.
އެނދުގައި މަންޝާއެއް ނެތެވެ. އަޒީމް ކަންބޮޑުވިއެވެ. ކުޑަދޮރުން އެތެރެއަށް ޖެހުނު ވައިރޯޅި އަޒީމްގެ ގައިގާ ބީހިލުމުން އެ ދިމާއަށް އޭނާއަށް ބަލާލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ. އަނެއްކާ މަންޝާ ކުޑަދޮރުން ބޭރަށް ފުންމާލީ ބާވައޭ އޭނާގެ ހިތަށް އެރިއެވެ. ކުޑަދޮރު ކައިރިއަށް އަޒީމް ލެފިގަތީ ބިރުން ހުރެއެވެ. އެނދުގެ އަނެއް ފަރާތުން ކުޑަ ދޮރު ކައިރިއަށް މަންޝާގެ ހަށިގަނޑު ވެއްޓިފައި އޮތް ތަން ފެނުމުން އަޒީމް މަންޝާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އޭނާ ލައިގެން ހުރި ހެދުމުގައި ލޭގެ އަސަރު ފެންނަން ހުއްޓެވެ. ފާރުގައި މަންޝާގެ ހަށިގަނޑު ލަށްކޮށްލަމުން އޭނާ ޟިރާރަށް ގޮވާލީ މަންޝާގެ މޫނުގައި ފިރުމަމުންނެވެ.
މަންޝާ ކައިރިއަށް ޖެހެން މަސައްކަތްކުރަމުން އަޒީމް ތަޅުންމަތީ އަތް ވިއްދާލިއެވެ. ތެތް ފިނިކަމެއް އިހްސާސްވުމުން އެދިމާއަށް އަޒީމް ބަލާލީ ޖެހިލުންވެފައި އިނދެއެވެ. މަންޝާގެ ފޫ ދަށުން އޭރު ފެތުރެމުން ދިޔަ ލޭތަށް ފެނި އަޒީމް ކަންތައް ބޮޑުވިއެވެ.
(ނުނިމޭ)
