ފަސްގަނޑުމަތީ ކަކޫ ޖަހައިގެން އިން މީހާ ބިންމަތީ ދެއަތް ވިއްދާލަމުން އެތަނުން ތެދުވެ މޫދާ ދިމާއަށް ހިނގައިގަތީ ދެއަތް ފުޅާ ކޮށްލަމުންނެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް ނިވާކަމެއް ނެތްކަން ހޫދަށް އެނގުނީ އެވަގުތެވެ. ހަނދުވަރުގެ ދަޅަ އެމީހާގެ ހަށިގަނޑަށް އެޅިފައިވާ އިރު އޭނާގެ ގައިން ރަތް ކުލަގަނޑެއް ފެންނަން ހުއްޓެވެ. ކަކޫތާ ފެނާހަމައަށް ދެވުމުން އޭނާގެ ފިޔަވަޅު މަޑުކޮށްލިއެވެ. ކުއްލިއަކަށް އެމީހާ ފަހަތަށް އެނބުރިލުމުން ސިހިފައި ގަހުގެ ނިވަލަށް ވަދެ ފިލީ އެމީހާއަށް ފެންނަން ބޭނުން ނުވާތީއެވެ. ކާޅުތަކުގެ ގޮވެލިވެސް ހުއްޓިއްޖެއެވެ. ތަނަށް ހަމަހިމޭންކަމެއް ވެރިވެއްޖެއެވެ.

މޭގައި އަތް އަޅައިގެން ހުރެ ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔާ ފުންކޮށް ނޭވާލާން މަސައްކަތް ކުރަމުން ދިޔަ ހޫދުގެ ލޮލުން ކަރުނަ ނީރާލިއެވެ. ދެލޯ މަރާލުމަށްފަހު އެމީހާ ހުރި ހިސާބެއް ބެލުމުގެ ބޭނުމުގައި ހޫދު އެ ގަސްދަށަށް ތިރިވެ ބައުޖަހައިގެން އެއް އަރިއަކުން ބޯ ދިއްކޮށްލިއެވެ. އެމީހާ އެތާކު ފެންނާކަށް ނެތެވެ. ހޫދަށް ހައިރާންކަމެއް ލިބުނެވެ. އެއްގަމަށް އަރައިގެން ދެވޭހާ ވަގުތެއް ނުވާނެކަން އޭނާއަށް އެނގުމުން އެ މާހައުލަށް ނަޒަރު ހިންގަން އޭނާ މަޑުކޮށްލީ ގަސްތަކުގައި ޖައްސާފައި ތިބި ކާޅުތައް މޫދާ ދިމާއަށް ބަލަން ތިބިކަން އެނގުމުންނެވެ.

ދިހަ ވަރަކަށް މިނެޓުގެ ހަމަހިމޭންކަމަކަށްފަހު ކާޅެއްގެ ހަޅޭކު އަޑު ފަޒާގެ ތެރޭގައި ގުގުމާލިއެވެ. އިވެމުންދިޔަ އަޑުތަކަށް ސިހެމުން ދިޔަ ހޫދު އަޑެއް ނުލައްވާ ހިމޭނުން އޮންނަން މަސައްކަތް ކުރިއެވެ. މޫދުގެ ލޮނުގަނޑު ތެރެއިން އެމީހާގެ ހަށިގަނޑު އެރިތަން ފެނުމުން ދެލޯ ހަނިކޮށްލަމުން އެމަންޒަރު ސާފުކޮށް ފެނޭތޯ ހޫދު މަސައްކަތްކުރިއެވެ.

ކަރުތާ ފެނުގައި ހުރި އެމީހާގެ ހަށިގަނޑު ސީދާ ކޮށްލަމުން އެއްގަމާ ދިމާއަށް މިސްރާބު ޖެހިއެވެ. މޫދުން އަރައިގެން އައިސް ހުސް ފަސްގަނޑުގެ މެދުގައި އޭނާ ސަޖިދަޖެހި ހިސާބަށް ހުއްޓުނެވެ. އަދިވެސް އޭނާގެ ހަށިގަނޑަކު ނިވާކަމެއް ނެތެވެ. ދެއަތް ފުޅާކޮށްލަމުން ފަޒާގެ ތެރެއަށް ބަލާލަމުން އަޑުބާރު ހިނިގަނޑެއް ޖަހާލީ ބިރުވެރި ޒާތަކެށެވެ. ގަސްތަކުގައި ޖައްސާފަ ތިބި ކާޅުތައް އުދުހިފައި އައިސް އޭނާގެ ގައިގެ އެތަން މިތަކުގައި ޖައްސާފިއެވެ. ފުޅާކޮށްގެން ހުރި އަތުގެ ކޮޅުން ކޮޅަށް އެތުރިގެން ތިބި ކާޅުތަކުގެ ފިޔަގަނޑު ފަތުރާލިއެވެ. އަދި އޭތީގެ ފިޔަތައް ތަޅުވާލުމާއެކީ އޮރިޔާން ހާލުގައި ހުރި މީހާގެ ހަށިގަނޑު ބިމުން މައްޗަށް އުފުލިގެން ދިޔައެވެ. އެމީހާގެ ހިނިގަނޑުގެ އަޑު އަނެއްކާވެސް ފަޒާގެ ތެރޭގައި ހިއްޕާލިއެވެ. މިފަހަރު އެމީހާގެ އަޑު ކުރިއާ ތަފާތެވެ. ބަރުވެފައި އިތުރު ދެތިން މީހެއްގެ އަޑު އެއްވެފައިވާ ކަހަލައެވެ.

އެމިހާގެ ބޯމަތީގައި ޖައްސާފައި އިން ކާޅު ދެއަތަށް ބޯ އޮރިކުރަމުން ވަށައިގެން ބަލާލިއެވެ. ހޫދާ ދިމާއަށް އޭތީގެ ބޯ އަނބުރާލުމާއެކީ ހުއްޓުން އެރިއެވެ. އޭގެ ދެލޯ ރަތްކުލައިން ދިއްލިފައިވާ ތަން ފެނުމުން މިވަނީ ރަނގަޅުކަމެއް ނޫންކަން ހޫދަށް އެނގުނެވެ. ގުޑިލަންވެސް ނުކެރިފައި އެމަންޒަރު ބަލަން ހޫދަށް އޮވެވުނީ އަޖައިބުވެފައެވެ.

އޭތީދެ ލޯ މަރާލާފައި ހުޅުވާލިއެވެ. އެ ކާޅު ބޯ އަރިކޮށްލަމުން ހޫދާ ދިމާއަށް ބަލާލީ ނުބައި ޒާތަކަށެވެ. ފިޔަގަނޑު ތަޅުވާލަމުން ހޫދާ ދިމާއަށް އެ ކާޅު އުދުއްސައިގަތީ އެކަމަށް ހޫދު ނުވިސްނާ އޮއްވައެވެ. ބިރުން ހަޅޭއްލަވައި ގަންނަމުން އޭނާގެ ދެއަތް މޫނު މައްޗަށް ހުރަސްކޮށްލެވުނެވެ.

*** *** *** *** *** ***

"އަމާނާތް..." ފުންމައިގެން އެނދުން ތެދުވި ހޫދަށް ބުނެވުނީ މިހެންނެވެ. ހާސްވެ މުޅި މީހާ ދަލުން ތެމި ފޯވެފައި އިން އިރު އެ ފެނުނު ހުވަފެނާ ދޭތެރޭ އޭނާއަށް ވިސްނާލެވުނެވެ.

އެރޭ ދިމާވި ކަންތައްގަނޑުގެ ވާހަކަ އެއްވެސް މީހަކަށް ހޫދު ކިޔައެއް ނުދެއެވެ. ރާއިދަކީ އެހާ ބިރުގަންނަ މީހެއްކަމުން ރާއިދަށްވެސް އެވާހަކަތައް ހިއްސާކުރަން ހޫދަށް ނުކެރުނީއެވެ.

ގައިމަތީ އަޅާފައިވާ ރަޖާގަނޑު ނަގަމުން އެނދުމަތިން ހޫދު ތެދުވިއެވެ. މޭޒުމަތީ ހުރި ފެންފުޅި ނަގާ އަނގަޔަށް ފެންފޮދެއް އޮއްސާލީ އޭނާގެ އަރުތެރެ ތެތްމާލާށެވެ. އެވާހަކަތައް ރިޔާޒްބެއަށް ކިޔައިދޭން ބޭނުންވިޔަސް ހޫދަށް ކިޔައިދޭކަށް ނުކެރުނެވެ.

ރިޔާޒްބެއާ އެކު އެގެއަށް ހޫދު ދިޔައިރު އަތިރިމަތިން ކާޅުތަކާއި އެކު ފެނުނު މީހަކީގެ އަސްލެއް ހޫދަކަށް ނޭނގެއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ހޫދަށް ފެނިފައިވާ މީހެއް ނޫނެވެ. އެގޭތެރޭގައި ހުއްޓާ ޟިރާރު އައިސް ގެއަށް ވަނީ މުށިކުލައަކަށް ދާ ބޯ ފޮތެއް ހިފައިގެންނެވެ. ރިޔާޒްއާ ހޫދު ފެނުމާއެކު ކިހިނެއްހޭ އަހާ ވާހަކަ ދައްކާލުމަށްފަހު ޟިރާރު ގޭތެރެއަށް ވަދެގެން ދިޔައީ އާމިނައަށް ގޮވަމުންނެވެ. ޟިރާރަށް ހޫދު ނޭނގުނަސް ހޫދަށް އޭނާ ވަނީ ފެނިފައެވެ. އެއީ އެރޭ އަތިރިމަތީ ކާޅުތަކާ އެކު ހަވަޔަށް އަރައިގެން ދިޔަ މީހާކަން ޔަގީނެވެ.

އެމީހާއާ ބެހޭ މައުލޫމާތެއް އޮޅުން ފިލުވުމުގެ ބޭނުމުގައި އެއީ ކާކުތޯ ހޫދު ސުވާލުކޮށްލީ ރިޔާޒާއެވެ. އެއީ ރިޔާޒްބެގެ ބައްޕަ ކަމަށް ބުނުމުން ހޫދަށް އިތުރު ވާހަކައެއް ދައްކާކަށް ނުކެރުނެވެ. އޭނާ ދައްކާ ވާހަކަ މީހުން ގަބޫލު ކޮށްފާނެ ހެއްޔެވެ. އިންސާނެއްގެ ހަމަލޮލަށް އެފަދަ މުންކަރާތެއް ފެނިގެން މެނުވީ އެކަން ގަބޫލު ނުކުރާނެކަމަށް ހޫދަށް ހީކުރެވުނެވެ.

ފެންފުޅި އެއްކޮށް ހުސްކޮށްލުމަށްފަހު އަނގަމަތި އަތުގެ ނުފުށުން ފުހެލިއިރު ހޫދުގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ހުވަފެނުގައި ފެނުނުގޮތަށް ޟިރާރުގެ ގައިގާ ޖައްސާފައިވާ ކާޅުތަކުން ކާޅަކަށް އޭނާ ނުފެންނަނީސް އެތަނުން ފިލައިގެން ގެއަށް އާދެވުނީތީ އޭނާ ޝުކުރު ކުރިއެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން އެނދުގައި އޮށޯވެ ހޫދު ދެލޯ މަރާލީ ހިތުން ކުރުސި ކިޔާލަމުންނެވެ.

*** *** *** *** *** ***

ފަތިސް ނަމާދަށް ބަންގި ގޮވި އަޑަށް އަޒީމް ދެލޯ ހުޅުވާލަމުން ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އެނދުގައި ގަދައަށް ނިދާފައި އޮތް ނައުރީންގެ މޫނަށް ބަލާލަމުން އޭނާ ތެދުވެ ފާހާނާއަށް ވަނީ ގައިން ތާހިރުވެ ވުޟޫކޮށްގެން ނަމާދަށް ދާށެވެ.

މިސްކިތުން ފޭބި އަޒީމް މަޑުކޮށްގެން ހުރީ ރިޔާޒާއި އޭނާގެ އެކުވެރިޔާ އަސްރާރު ނުކުންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އަސްރާގެ އަތުގައި ހިފައިގެން އެ މިސްކިތުން ބޭރަށް ރިޔާޒް ނުކުމެ މަޑުކޮށްލިއެވެ. އެމީހުންގެ އިންތިޒާރުގައި އަޒީމް މަޑުކޮށްގެން ހުރިތަން ފެނުމުން އެދިމާއަށް ރިޔާޒް ހިނގައިގަތީ އަސްރާރާ އެކުގައެވެ.

"މަބުނި ކަންތައް ކުރަން ވިސްނައިފިންތަ؟..." ރިޔާޒްގެ ސުވާލު އަމާޒުކޮށްލީ އަޒީމާ އެކު ކޮފީގައި އެމީހުން ދެއްކި ވާހަކައަށެވެ.

"މަންޝާގެ މާމަ އެހާ ބަލި އިރު ރަށަށް ދާންވެސް ޖެހޭނެ... އަހަރެން ނުފޮނުވާކަށް ނޫޅެން... އަސްލު އަހަރެން ބަލަން ބޭނުންވާ ކަމެއް އެބައޮތް އޭނަ ރަށަށް ދިޔަޔަސް އެކަން ވާނެތަ؟.." ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބެއް ބޭނުންވެފައި ހުރުމުން އަޒީމް ވާހަކަ ދެއްކީ ރިޔާޒްގެ ނިންމުން ހުރިގޮތެއް ބަލާށެވެ.

"އަޒީމް ގަބޫލުކުރަންތަ މީގެ ވިހި އަހަރު ކުރިން ހެދި ފަންޑިތައިގެ ސަބަބުން މަންޝާއަށް އުނދަގޫތަކެއް ވެދާނެކަން.. ފަންޑިތަ ހަދައިގެން ގިނަ ދުވަސްވާ ވަރަކަށް އެ ބަދަލުވަނީ ސިހުރަށް... މަންޝާ ރަށަށް ދާން އެއްބަސްނުވާތީ މަދީހައްތައަށް މިއޮއްހާ ދުވަސްވީއިރުވެސް އޭނަ ރަށަށް ނުގެންދެވުނީ.. އެކަމާ އަޒީމްގެ ފަރާތުން އެއްބާރުލުމެއް ނުލިބޭތީ މަދީހައްތަ އަޒީމް ކުށްވެރިކުރޭ..." ރިޔާޒް ވާހަކަ ދައްކަމުން ކުރިއަށް ޖެހި އަޒީމްގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

މާޒީގައި ކުރެވުނު ކަންތައްތައް ހަނދާންވުމުން އަޒީމް އިސްޖަހާލިއެވެ. "އަހަރެން ބޭނުން ހުރިހާ ކަމެއް ރަނގަޅު ކުރަން.. މަންޝާއަށް އެހެންވީ އަހަރެންގެ ވިސްނުން ގޯސްވީމަކަން އަހަރެން ގަބޫލު ކުރަން.. މަންޝާ ރަނގަޅުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަހަރެން ކުރާނަން... އަހަރެންގެ އެއްވެސް މައްސަލައެއް ނެތް ރަށަށް އޭނާ ދިޔަޔަސް.. މަންޝާ ހިފަހައްޓާކަށް އަހަރެން ބޭނުމެއް ނޫން.. އޭނާއަށް ދިމާވަމުންދާ ކަންތައްތަކުން އޭނާ ސަލާމަތްކުރަން ބޭނުމީ.. ރިޔާޒް ތީ އަބަދުވެސް އަހަރެންނަށް ހެޔޮއެދޭ ރަނގަޅު ރައްޓެއްސެއް.. ރިޔާޒް ބޭނުންވާ ގޮތަށް ކަންކުރަންވީ.." އަޒީމް ބޭނުންވީ އެ ހުރިހާ ކަމެއް ރަނގަޅު ކުރާށެވެ. އަމިއްލަ އެދުމެއްގެ ދަހިވެތިކަމުގައި އޭނާއަށްވަނީ ގޯސް މަގު ހިޔާރު ކުރެވިފައެވެ.

އެކަން ގަބޫލުކޮށް އޭނާ އިސްލާހުވެއްޖެކަން އެނގުމުން ރިޔާޒް ވަރަށް އުފާކުރިއެވެ. "މިރޭ ހަވީރު މަޖުދީއާއި އޭނާގެ އަންހެނުން ފުރަން ހުރިހާ ކަމެއް ހަމަޖައްސާފަ އޮތީ.. އެ ދެމަފިރިންނާ އެކީ މަންޝާ ރަށަށް ފޮނުވޭނެ ގޮތް ހަމަޖައްސަން އަޒީމްގެ ވަރަށް ބޮޑު އަތެއް ބޭނުންވޭ.. ހިނގާ ގެއާ ދިމާއަށް.. މަދޭނަން އެއްޗެއް.. މަބުނާ ސޫރަތެއް ކިޔާފަ މަންޝާގެ ބޮލަށް އޮއްސާލާ. އިރާދަކުރެއްވިއްޔާ ރަށަށް ދެވެންދެން އެއްވެސް އުނދަގުލަކާ ކުރިމަތިލާކަށް ނުޖެހޭނެ..." ތިން މީހުން އެކީ ހިނގައިގަތީ އަސްރާރު ހުންނަން ހަމަޖައްސާފައިވާ ގެއާ ދިމާއަށެވެ. ފާރުގައި އަތް ޖައްސަމުން އަސްރާރު ކުރިއަށް ހިނގައިގަތީ ރިޔާޒް އޭނާގެ އަތުގައި ހިފާލުމުންނެވެ.

*** *** *** *** *** ***

އެނދުމަތީ ދެއަތަށް ލަކިޖަހަމުން ދިޔަ މަންޝާގެ ބަނޑު ރިހުމަށް ކެތްކުރެވޭ ވަރެއް ނޫނެވެ. ފައިގައި ރިހުމެއް ހުރިކަން އިހްސާސްވުމުން ދެލޯ ހުޅުވާލަމުން މަންޝާ ބަލާލީ އޭނާގެ ފަޔާ ދިމާއަށެވެ. ނުވަ މަހަށްދާ ބޮޑު ބަނޑުގެ ސަބަބުން ފައިތިލަ ފެންނަވަރެއް ނުވިއެވެ. ގައިގާވާ ހުރިހާ ނާރުތަކެއް ބުރިވެގެންދާހާ އޭނާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭން ގަދައެވެ. ވިހަން ގާތްވެއްޖެކަން ރޭކާލުމުން މަންޝާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހުނެވެ.

ސަލާމަތްވެވޭނެ ގޮތެއް ނެތެވެ. އެހެންއޮވެ ދެން ހަދާނެގޮތެއްވެސް އޭނާއަކަށް ނުވިސްނުނެވެ. ހަތަރެސްފައި މޮހެވޭތޯ ލަކި ޖަހާޖަހާ މަންޝާ ވަނީ ވަރުބަލިވެފައެވެ. ކުޑަދޮރުން އެތެރެއަށް ޖެހުނު ވައިރޯޅިއާ އެކީ ކުޑަދޮރުގައި ހަރުކޮށްފައިވާ ދޮރުފޮތިތައް ހެލިލިއެވެ. މަންޝާގެ މޫނު އަނބުރާލަމުން ކުޑަދޮރާ ދިމާއަށް ބަލާލީ މަދަދަށް އެދި ގޮވަމުންނެވެ.

"އަޒީމް... އަޅެ މިއަތް މޮހެލަދީ.. އަހަރެން ވިހަން ކައިރިވެއްޖެ... ތިހެން ނުހަދާ.. އަޒީމް.. ހެޔޮނުވާނެ..."

ކުޑަ ކުޑަ ކޮޓަރިތެރޭ އެ އެނދު ފިޔަވާ އެއްވެސް ފަރުނީޗަރެއް ނެތެވެ. ވަށައިގެން މުޅިތަނަށް ކަޅި ހިނގާލީ އޭނާއަށް ވަމުން ދިޔަ ހޫނަށް ކެތްކުރަން ދަތިވީމައެވެ. ބޯ މައްޗަށް ނަޒަރު ހިންގާލިއެވެ. ފަންކާގެ ފިޔަތައް ވަކިވަކިން ނުފެންނަހާ ބާރުމިނެއްގައި ދައުރުވަމުން ދިޔަ ނަމަވެސް މަންޝާގެ ހަށިގަނޑަށް ފިނިކަމެއް ނުލިބެއެވެ. މުޅި މީހާ އޭރުވަނީ ދަލުން ތެމި ފޯވެފައެވެ.

ރިހުންގަނޑު މަޑުވެލި ވަގުތެވެ. އަޑުގެ ނެތްތަނަށް އަޒީމަށް ގޮވަމުން ދިޔައީ އޭނާގެ އަޑުއިވިގެން އަޒީމް އެތަނަށް އާދޭތޯއެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ލެއްޕިފައިވާ ދޮރާ ދިމާއަށް ބަލަހައްޓައިގެން އޮތް މަންޝާގެ ގަޔަށް އަރުވަމުން ދިޔަ ވަރުގަނޑު މަޑުވިއެވެ. ފުންކޮށް ނޭވާލާން މަސައްކަތް ކުރަމުން އޭނާގެ ބަނޑުގައިވާ ތުއްތު ދަރިފުޅައްޓަކާ ހިތްވަރު އެލުވާ ނުލާ ސަލާމަތްވާން މަސައްކަތް ކުރަން އޭނާ ނިންމިއެވެ. އަޒީމް އެތަނަށް ނާންނާނެކަން އޭނާއަށް ގަބޫލު ކުރެވުނީއެވެ.

އައްސާފައިވާ ވާތަކުން މިންޖުވާން ދެއަތަށް އަތް ކާއްތަމުން ދިޔައީ އެ ވާގަނޑު މޮހެވޭތޯއެވެ. ވާގަނޑު އައްސާފައިވާ ދިމާލުން މަންޝާގެ އަތަށް ތަދުވިއެވެ. އަތުގެ ކުޑަހުޅާ ހިސާބު ރަތްވެ ވާގަނޑު ކޭއްތުމުގެ ސަބަބުން ހަންގޮސް ލޭ ފެންނަން ފެށިއެވެ. ހިތްވަރުކުރަމުން އެ ވާތަކުން މިންޖުވާން މަންޝާ މަސައްކަތް ކުރަމުން ދިޔައެވެ. އެ ދަގަނޑު ގަނޑުގައި ވާގަނޑު ކޭއްތެމުން ދިޔަވަރަކަށް ވާގަނޑު ތުނިވެ މަންޝާގެ އަތަށް ދޫކަމެއް ލިބެމުންދިޔަކަން އޭނާއަށް އިހްސާސްވިއެވެ. އަތަށް ވާންވާނެހެން ގައިހުރި ބާރެއްލާ މަންޝާ ދަމައިގަތެވެ. ނަސީބު ރަނގަޅުކަމުން އެ ވާތަކުން އަތް މިންޖުވެއްޖެއެވެ.

އޭނާ ތެދުވަން މަސައްކަތްކުރިއެވެ. ފައިގައި އައްސާފައިވާ ވާތައް މޮހެލުމަށްފަހު ބަނޑުގައި ފިރުމާލީ ބަނޑަށް ވާންވެ ހަރުއަރާފައި ހުރުމުންނެވެ. ބަނޑުގައިވާ ދަރިފުޅުގެ ހަރަކާތްތައް އަވަސްވަމުން ދިޔަވަރަކަށް މަންޝާގެ ހަށިގަނޑަށް އިތުރު ވަރުބަލިކަމެއް އިހްސާސްވަމުން ދިޔައެވެ. ކަރުހިއްކާ ފެންބޮވާފައި ވުމުން ހިންދިރުވާލެވުނެވެ. އެނދުން ތެދުވަން އުޅެފައިވެސް މަންޝާ މަޑު ޖެހިލިއެވެ. އޭނާގެ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތަކުން ތެދުވުމަކީ ބުއްދިވެރިކަމެއް ނޫންކަން އޭނާއަށް ވިސްނުނެވެ.

އެނދުގައި އަޅާފައިވާ ރަޖާގަނޑުގައި ހިފަހައްޓާލަމުން ދެއަތަށް ބާރުކޮށްލެވުނީ އޭނާގެ ބަނޑާ އެކު އުނަގަނޑުގައި ގަދަރިހުމެއް އަރައިގަތުމުންނެވެ. ރިހުމަށް ކެތްނުވާނޭކަން އެނގުމުން މުޅިގައިން ވަރު ދޫކޮށްލަމުން އެނދުމައްޗަށް އޭނާ ވެއްޓިގަތެވެ.

ބަނޑުގައި ރިއްސާފައިވަނީ އިންތިހާއަށެވެ. ކެތްނުވޭނެކަން އޭނާއަށް އެނގުނެވެ. އިސްއުފުލާލަމުން ސީލިންގާ ދިމާއަށް ބަލާލެވުނީ އެކަނިމާ އެކަނި އެހާލުގައި އޮވެ ވިހަން އޭނާއަށް މަޖުބޫރުވީމައެވެ.

ގައިގާ އަޅަމުން ދިިޔަ ވޭނުން މަންޝާ ދިޔައީ ތުރުތުރު އަޅަމުންނެވެ. އެހާލުގައި މަންޝާ ދެފައި ކުރުކޮށްލަމުން އެނދުގެ އަރިމަތީގައިވާ ދަނގަނޑުގަނޑުގައި ހިފާ ބާރުކޮށްލީ ތިރީ ތުންފަތުގައި ދަތް އަޅާ ބާރުކޮށްލަމުންނެވެ. ގަޔަށް ލެވުނު ބާރެއްލާ ވިހަން ތަދަށް ހިފާލިއެވެ. ރިހުން ކުޑަވަމުން ދާތީ އަޑުގެ ނެތްތަނަށް ހަޅޭއްލަމުން އުންކާރުދެމުން އޭނާ ދިޔައީ ވަރަށް އުނދަގުލުންނެވެ. މާ ގިނަ ވަގުތެއް އެކަމަކަށް ނުނެގިއެވެ. މަންޝާ ވިހައިފިއެވެ. އޭނާއަށް ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އިވެމުންދިޔަ ނަމަވެސް ތެދުވާނެ ހިތްވަރެއް ނުލިބުނެވެ. ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެސްފިޔަތަކަށް ބަރުވެ ދެލޯ މެރިގެން ދިޔައީ އޭނާގެ ހެއަށް ގޮތްވުމުންނެވެ.

*** *** *** *** *** ***

ތަންމިނަށް ދެލޯ ބޮޑުކޮށްލަމުން މަންޝާ ބަލާލީ އޭނާ އޮތް އެނދާ ދިމާއަށެވެ. އެއީ އޭނާއަށް ފެނުނު ހުވަފެނަކަށް ވިޔަސް އެކަން ވެދިޔަގޮތް އޭނާގެ ހަނދާނަށް އައުމުން ހިތުގައި ރިހުމެއް އުފެދުނެވެ. އޭނާއަށް ލިބުނީ އަންހެން ކުއްޖެކެވެ. އޭނާގެ ދަރިފުޅު އޭނާއަށް ގެއްލުނީ އެ ކުއްޖާ ލިބުނު ދުވަހުއެވެ. މަންޝާ ހޮސްޕިޓަލަށް ގެންގޮސް ރަނގަޅުވުމުން އަޒީމްއާ އޭނާގެ އާއިލާއިން ނިންމީ އެމީހުންނާއެކީ ރަށަށް ބަދަލުވާށެވެ. ދިމާވި އެކްސިޑެންޓެއްގައި ބަނޑުގައި އޮތް ދަރިފުޅު ބައިގެން ދިޔައީކަމަށް މަންޝާ ގާތުގައި އަޒީމް ބުނެ އެވާހަކަތައް އޮއްބާލީ މަންޝާގެ ހަނދާނުން އެބައި ފޮހެވިފައި ހުރީމައެވެ.

ރުޅިއައިސް ރަތްވެފައިވާ ހާލުގައި މަންޝާ ތެދުވެ ރީތިވިއެވެ. ލޯގަނޑު ކުރިމަތީ ހުރި އިރު ދޭތެރެއަކުން މަންޝާގެ ބަނޑުގައި އޭނާ ފިރުމާލައެވެ. ރީތިވާ މޭޒުގެ ވަތްގަނޑު ހުޅުވާލި ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އޭގައި އޮތް ފަށެވެ. އެފަށްނަގާ ކަރުގައި އަޅާލުމަށްފަހު އޭގެ ފުލަށް މަންޝާ ބަލާލިއެވެ. ބިއްލޫރި ފުލެއްގެތެރޭ ރަތްކުލައިގެ ރީތި މަލެއް އިން އިރު އޭގެ ވަށާ އެ ފެންގަނޑުތެރޭ އެނބުރެމުންދިޔަ ރަންކުލައިގެ ކުނޑިތަކަށް ބަލަން ހުރެވުނެވެ.

އަނެއްކާވެސް މަންޝާގެ އަތް އޭނާގެ ބަޑުގައި ޖައްސާލިއެވެ. އޭނާގެ ދަރިފުޅު ދުނިޔޭގައި ހުރިކަން އޭނާއަށް އިހްސާސްވަމުން ދިޔައީ ކީއްވެގެން ހެއްޔެވެ. މީގެ ކުރިން މިފަދަ އިހްސާސެއް ނުވާތީ އޭނާ ހައިރާންވިއެވެ. ދޮރު ހުޅުވާލަމުން ކޮޓަރިތެރެއަށް ވަތް ޝީންއާ ދިމާއަށް މަންޝާ ބަލާލީ ދެބުމަ ގޮށްޖަހާލަމުންނެވެ. މަންޝާ ނުހޭލާ ލަސްވުމުން އޭނާ އައީ މަންޝާ ރަނގަޅުތޯ ބަލާށެވެ.

"މަންޝޫ... އާޔޫ އޯކޭ..." ހައިރާންވެފައި ޝީންއާ ދިމާއަށް ބަލަން ހުރި މަންޝާއާ މުޚާތަބުކޮށް އޭނާ ވާހަކަ ދެއްކީ މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލަމުންނެވެ. އިއްޔެ މަންޝާ އުޅުނު ގޮތުން ޝީން ހުރީ އެކަމާ ކަންބޮޑުވެފައެވެ. ޝާޔާއާ މުޚާތަބުކޮށް ވާހަކަ ދެއްކި ގޮތުން ޝީންގެ ހިތުގައި އެތައް ސުވާލުތަކެއް ފެންމަތިވެފައިވިޔަސް އެއިން ކަމަކާ ބެހޭގޮތުން ސުވާލެއް ކުރާކަށް އޭނާއަކަށް ނުކެރުނެވެ.

މަަޑު ފިޔަވަޅުތަކެއްގައި ޝީންއާ ދިމާއަށް މަންޝާ ހިނގައިގަތެވެ. ޝީންއާ ދިމާއަށް އޭނާ ބަލަމުން ދިޔައީ ތަފާތު ގޮތަކަށް ކަން ޝީންއަށް ފާހަގަ ކުރެވުނެވެ. ޝީންގެ އަތުގައި ހިފާލަމުން އޭނަގެ ހަށިގަނޑަށް ބަލަމުން ދިޔަ މަންޝާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ލޮލުން ކަރުނައިގެ ވިދުން ފާޅުވަމުން ދިޔައެވެ.

"ދަރިފުޅާ.... ދަރިފުޅާ..."

ޝީންގެ މޫނުގައި ފިރުމާލަމުން މަންޝާ ވާހަކަ ދެއްކީ ލޯތްބާ އެކީގައެވެ. އަމިއްލަ ދަރިން ފަދައިން ނައުރީންގެ ދަރިން އޭނާ ގެންގުޅުނީ ނުހަނު ލޯބިންނެވެ. ނަމަވެސް މިއަދު މަންޝާއަށް އިހްސާސްވަމުން ދިޔައީ މުޅިން ތަފާތު އިހްސާސެކެވެ. އޭނާއަށް ލިބުނު އަންހެންކުއްޖާ މަތިން ހަނދާންވުމުން ހިތުގައި އެތައް ސުވާލުތަކެއް ފުނިޖެހި އޭނާގެ ހޭ ބުއްދިއާ ކުޅެމުން ދިޔަކަހަލައެވެ. ޝީންގެ އުމުރުން ވިހި އަހަރު ވާން އުޅެނީއެވެ. މަންޝާގެ ދަރިފުޅު ހުރިނަމަވެސް ވާނީ އެހާވަރެވެ.

"މަގޭ ދަރިފުޅާ..." މަންޝާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހެމުން ދިޔަތަން ބަލަން ހުރި ޝީންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މިއީ ދުވަހަކުވެސް މަންޝާ އުޅުނު ގޮތެއް ނޫނެވެ.

"މަންޝޫ... މީ ޝީން... ކިހިނެއްވީ..."

ޝީންއަށް ދައްކާނެ ވާހަކައެއް ނޭނގުނެވެ. އޭނައަކީ ޝީންކަމަށް ބުނެ މަންޝާގެ އަތުގައި ހިފާ ތަޅުވާލިއެވެ. ސިހިފައި ޝީންގެ މޫނަށް މަންޝާ ބަލާލިއެވެ. ހަތަރުކަޅި ބައްދަލުވެގެން ދިޔަވަގުތު މަންޝާގެ ހަނދާނަށް މާޒީގެ ދުވަސްތަކެއް ސިފަވެގެން ދިޔައެވެ.

ބަނޑުގައި ރިއްސާތީ ނައުރީން އައިސް މަންޝާއަށް ގޮވީ ގޭގައި އިތުރު މީހަކު ނެތީމައެވެ. އަޒީމަށް ގުޅާގުޅާ ފޯނު ނުނެގުމުން ނައުރީން ގޮވައިގެން މަންޝާ ހޮސްޕިޓަލަށް ދާން އަވަސްވެގަތީ ނައުރީންގެ ބަނޑުގައި އުފެދެމުންދިޔަ ރިހުމުގެ ދޭތެރެ ކައިރިވަމުން އައި މިންވަރު އެނގި ވަގުތު ކުޑަތަންވަނީކަން އެނގުމުންނެވެ. ހޮސްޕިޓަލާ ހަމައަށް ދެވުނީ ވަރަށް ހާލުންނެވެ. ބޯކޮށް ވާރޭ ވެހެމުން ދިޔަ ރެއެއްކަމުން ޓެކްސީއެއް ލިބުނީ ވަރަށް އިރުވީ ފަހުންނެވެ.

އެމީހުން ތިބީ ހޮސްޕިޓަލުގައި ކަމަށް ލިޔެ އަޒީމާ އިބްޒީމާއަށް މެސެޖެއް ފޮނުވާލީ އެމީހުންނަށް އެމެސެޖް ލިބުމުން އަވަހަށް އެތަނަށް އަންނާނެ ކަމަށެވެ. ނައުރީން ވިހެއީ އަންހެން ކުއްޖެކެވެ. ވިއްސާ ކޮޓަރި ދޮރުމަތީ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި މަންޝާއަށް ނަރުސްކުއްޖާ ގޮވާލުމުން އެ ދިމާއަށް ދާން އޭނާ އަވަސްވެގަތެވެ. ހުދު ކުލައިގެ ރަޖާ ގަނޑަކަށް ލާ އޮޅާލާފައިވާ ތުއްތު ކުއްޖާ ދިއްކޮށްލަމުން ދެމައިން ރަނގަޅު ކަމަށް ނަރުސްކުއްޖާ ބުނެލީ ހިނިތުންވަމުންނެވެ. އެ ތުއްތު ކުއްޖާގެ މޫނަށް ބަލަން ހުރި މަންޝާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.

"ޝީން...." ވައިއަޑުން މަންޝާ ބުނެލިއެވެ.

"މަންޝޫ...." ހިޔާލަކަށް ގެއްލިފައި ހުރި މަންޝާއަށް ހޭވެރިކަމެއްވީ އޭނާގެ އަތުގައި ހިފާ ޝީން ތަޅުވާލުމުންނެވެ. ޝީންގެ މޫނަށް ބަލާލުމަށްފަހު އޭނާގެ ދެއަތުން މޫނު ފޮހެލިއެވެ. ނޭފަތް ދަމާލަމުން މަގޭ ދަރިފުޅޭ ކިޔާ ގޮވަމުން އެކޮޓަރިން ނުކުމެ މަންޝާ ދުއްވައިގަތީ މޮޔައެއް ފަދައިންނެވެ.

(ނުނިމޭ)