މަންޝާ ކައިރިއަށް ޖެހެން މަސައްކަތްކުރަމުން އަޒީމް ތަޅުންމަތީ އަތް ވިއްދާލިއެވެ. ތެތް ފިނިކަމެއް އިހްސާސްވުމުން އެދިމާއަށް އަޒީމް ބަލާލީ ޖެހިލުންވެފައި އިނދެއެވެ. މަންޝާގެ ފޫ ދަށުން އޭރު ފެތުރެމުން ދިޔަ ލޭތަށް ފެނި އަޒީމް ކަންތައް ބޮޑުވިއެވެ.

*** *** *** *** *** ***

ޒޯއީއާ މެހެކް ކިޔަވަމުން ދިޔައިރު ލޯގަނޑަށް އަންނަމުން ދިޔަ ބަދަލުތަކަށް ސަކޭރާ ހުރީ ބަލާށެވެ. ގަދަ އަލިކަމެއް އެ ލޯގަނޑުން ފާޅުވަމުން ދިޔައިރު މުޅި ކޮޓަރިތެރެއަށް އެ އަލިކަން އެޅެމުން ދިޔައެވެ. އަލިކަމުގެ ތެރެއަށް ޒޯއީއާ މެހެކް އަދި ސަކޭރާ ގެއްލިގެން ދިޔައެވެ.

ތަނަށް އައި ލޮޅުމާ އެކީ ތަޒްކިޔާއަށް ސިހުމެއް ލިބުނެވެ. ކުދިވެރިންގެ ކޮޓަރިތެރެއިން ނުކުތް ގަދަ އަލީގެ ދަޅައިން އޭނާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ޒިބާނަށް ގޮވަމުން ތަޒްކިޔާ ދުއްވައިގަތީ އެ ކޮޓަރިއާ ދިމާއަށެވެ. ބުނެދޭން ނޭނގޭ ކަހަލަ އިހްސާސެއް ކުރަމުން ދިޔައީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ. ކޮޓަރީގެ ދޮރު ތަންމިނަށް ހުޅުވާލީ ޒޯއީއާ މެހެކްގެ ނަމުން ގޮވަމުންނެވެ. ދެލޯ ބޮޑު ކޮށްލަމުން މުޅި ތަނަށް ތަޒްކިޔާ ކަޅި ހިންގާލީ އޭނާއަށް އެ ފެނުނު އެއްޗެއް ބުނެދޭން ނޭނގުނީމައެވެ. ކުޑައިރުކޮޅެއްކުރިން އެކުދިންނާ އެކީ ސަކޭރާ އެކޮޓަރިތެރޭ ތިބިކަން އޭނާއަށް ޔަގީނެވެ. ގެއިން ނުނިކުމެ އެމީހުން ގެއްލިގެން ދާނީވެސް ވަކި ކޮންތާކަށް ބާވައޭ އޭނާގެ ހިތަށް އެރިއެވެ.

ތަޒްކިޔާގެ ފަހަތުން އެކޮޓަރިއަށް އައިސް ވަތް ޒިބާނަށް ތެޅިގަނެވުނެވެ. ތަޒްކިޔާގެ އަތުގައި ހިފަހައްޓާ ތަޅުވައިގަތީ އޭނާ ގަބުއަރާފައި ހުރި ގޮތުން ޒިބާންގެ ބޮލުގައި ރިހުމެއް އުފެދުނީމައެވެ. އަތް އުފުލާލަމުން އިނގިލިން ކޮޓަރިތެރެއަށް އިޝާރާތް ކޮށްލިއިރު ތަޒްކިޔާ ހުރީ ވާހަކަ ނުދެއްކޭ ހިސާބަށް ގޮއްސައެވެ. މަންޝާ ހޯދުމުގެ ބޭނުމުގައި ޒޯއީއާ މެހެކް އެދިޔައީ ދުނިޔެއަށޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ.

*** *** *** *** *** ***

އަންހެނެއްގެ ވޭނީ ރުއިމުގެ އަޑު އެކުދިންގެ ކަންފަތުގައި ޖެހުމުން ދެލޯ ހުޅުވާލިއެވެ. އެމީހުން ކިޔަވަން ތިބި ތަނަށް ބަލާލެވުނީ އެވަގުތެވެ. ގަސްތަކެއްގެ މެދުގައި ވާ ހުސް ބިމެއްގައި އެކުދިން ކިޔަވަން ތިބި އިރު ބަނބުކެޔޮ ގަހެއްގައި ލޯގަނޑެއް ލަށްކޮށްފައިވާކަން އެކުދިންނަށް ފާހަގަވިއެވެ. ލޯގަނޑު ކައިރީ ދުން އަރަމުން ދިޔަ ތައްޓެއް ހިފައިގެން ހުރި ސަކޭރާ ކުރިއަށް ޖެހިލަމުން ދެކުދިންނާ މުޚާތަބުކޮށް ވާހަކަ ދެއްކީ އެމީހުންނަށް އެ އާދެވުނީ ކޮންތަނަކަށްތޯ ބެލުމުގެ ބޭނުމުގައެވެ.

"މީ ކޮންތަނެއް؟... ދުވަހަކުވެސް މިރަށަށް އައިންތަ؟.." އެމީހުންގެ ވަށާ ލެވިފައިވާ ފަށަލައެއްގެ ސަބަބުން އެތަނުގެ ހަގީގަތް ދެނެގަންނާނެހާ ބާރެއް ސަކޭރާގެ އަތަކު ނެތެވެ. ވަށައިގެން ކަޅި ހިންގާލަމުން ދެކުދިން އެތަނުން ތެދުވީ އެއީ އެމީހުން ދަންނަ މާހައުލަކާ ވައްތަރުވީމައެވެ. މެހެކް އުނދަގުލަކާ ނުލާ ތެދުވިޔަސް ޒޯއީގެ ހަށިގަނޑުގައި ވަރެއް ނެތެވެ. އެކަނި ތެދުވާނެ ހިތްވަރެއްވެސް ނެތެވެ. މެހެކްގެ އެހީގައި ޒޯއީ ތެދުވެ ކުރިއަށް ޖެހިލީ އަންހެނެއްގެ ރުއިމުގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ.

*** *** *** *** *** ***

"އަޅެ މަގޭ ދަރިފުޅު ކޮބާތަ؟ އެއީ އަންހެން ކުއްޖެކޭ. މަމި ކިޔާ ދުވަސް ހަނދާން އެބަހުރިތަ. އަހަރެން ވިހެއީ އެ ކޮޓަރިއަށޭ." ރޮމުން އާދޭސްކުރަމުން އަޒީމްގެ އަތުގައި މަންޝާ އެލިގަތެވެ. މަންޝާގެ ހަނދާނަށް އެދުވަސްތައް އަންނަނީކަން އެނގުމުން އަޒީމް ކަންބޮޑުވިއެވެ. ޒިބާންގެ ކަންތައްތައް މަންޝާގެ ސިކުނޑިއަށް ނާންނަކަން އެއީ ނަސީބެއް ކަމަށް ނިންމާ މަންޝާއަށް ވިސްނައިދޭން އޭނާ މަސައްކަތް ކުރިއެވެ.

"ތި ދައްކަނީ ހާދަ ކުރީގެ ވާހަކައެކޭ.. މަ ބުނީމެއްނު އެކްސިޑެންޓެއް ވެފަ ކުއްޖާ ބައިގެން ދިޔައީއޭ.. އޭގެ ފަހުން މަންޝާ ބަނޑުބޮޑު ނުވާތީނު އަހަރެން ނައުރީންއާ ކައިވެނި ކުރީ..." މަންޝާގެ ބޮލުގައި ފިރުމާލަމުން އަޒީމް ވާހަކަ ދެއްކީ އެ ވާހަކަތައް އޭނައަށް ވިސްނައިދޭށެވެ. ދެއަތަށް ބޯހޫރުވަމުން މަންޝާ ރޮއެގަތީ އެވާހަކަތައް އޭނާ ގަބޫލުކުރަން ބޭނުންނުވީމައެވެ. އެއީ ދޮގުކަން އޭނާގެ ހިތުގެ ކަނަކުން ސިގްނަލް ދެމުންދިޔަ ކަހަލައެވެ.

ދުރުގައި މަންޒަރު ބަލަން ހުރި ޝީންގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. މަންޝާގެ އާދެހާ އޭނާގެ ރުއިން އަޑުއަހަން ޝީންގެ ހިތަށް ކުޅަދާނައެއް ނޫނެވެ. ބައްޕައަށް ފެނިދާނެތީ ދޮރު ބިއްދަށަށް ޖެހި ނިވާވެގެން ހުރެ އެ ވާހަކަތައް އަޑު އަހަމުން ދިޔައިރު އަތުގެ އިނގިލިތަކުން ޝިން އަނގަމަތި ނިވާކޮށްލީ އޭނާއަށް އަޑުލާ ރޮއިގަނެވި ދާނެތީއެވެ.

*** *** *** *** *** ***

" މަންމާ..."

ޒޯއީ ކުރިއަށް ޖެހިލަމުން އޭނާއަށް ފެންނަމުން ދިޔަ ފެން ދުލިފަށެއް ފަދަ ފަށަލައިގައި އަތް ޖައްސާލިއެވެ. އެ އިވެނީ މަންޝާގެ އަޑޭ އޭނާގެ ހިތްބުނަމުން ދިޔައެވެ. ޒޯއީގެ ހަރަކާތަށް ބަލަން މެހެކްއާ ސަކޭރާ ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ ފެންދުލިފަށެއްހެން ވާ ފަށަލައިގައި ޒޯއީގެ އަތްތިލަ ޖައްސާލުމާ އެކީ އެ ފަށަލައިގައި ވިދުމެއް އުފެދިގެން ދިޔައެވެ. ދަޅަ އަޅަމުން ދިޔައިރު އަނެއް ފަރާތުގައި ވާހަކަ ދައްކަން ތިބި މީހުން ފުސްގޮތަކަށް ފާޅުވަމުން ދިޔައެވެ. އެވަގުތު ޒޯއީގެ ބޮލުގައި ތޫނު ރިހުމެއް އުފެދުނެވެ. ކެތްނުވާވަރަށް އެރިހުން ގަދަވެ ބޯ ފަޅައިގެން ދާން އުޅެނީއޭ ހީވިއެވެ.

*** *** *** *** *** ***

ބޮލުގައި ދެއަތުން ހިފަހައްޓާލަމުން މަންޝާ އެހުރިތަނަށް ތިރިވީ އެ ތަދަށް އޭނާއަށް ކެތްނުވީމައެވެ. މަންޝާގެ އަތުގައި ހިފަހައްޓަމުން އަޒީމް ސުވާލުކުރަން ފެށީ މަންޝާއަށް ވަމުންދާ ގޮތް އޭނާއަށް ނަގައިނުގަނެވުނީމައެވެ. "މަގޭ ދަރިފުޅު ހޯދައިދޭންވީ. އަހަރެން އިތުރު ކަމަކު ބުނާކަށްވެސް ބޭނުމެއް ނޫން.. އަހަރެން ބޭނުމީ މަގޭ ދަރި.. އެކުއްޖާ އަށް ހެދީ ކިހިނެއް... މަރުނުވާކަން މަށަށް ޔަގީން..."

ހިތްވަރުކޮށްފައި މަންޝާ ވާހަކަ ދައްކަމުން ދިޔަ އިރު އޭނާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހެމުން ދިޔައެވެ. "އަޒީމް.. އަހަރެންގެ ބޮލުގަ ވަަރަށް ރިއްސާ... އާހް..." މަންޝާގެ ބޮލުގައި އުފެދެމުން ދިޔަ ތަދަށް ކެތްނުވުމުން އޭނާ ގައިގާ އަޅަމުން ދިޔަ ވޭން ކިޔައިދިނީ އަޒީމްގެ އަތުގައި ހިފާ ބާރުކޮށްލަމުންނެވެ. މި އަންނަނީ ކަމަށް ބުނެ އަޒީމް ގޭތެރެއަށް ވަންނަން ދުއްވައިގަތެވެ. ރިޔާޒް ދިން ފެންފުޅި މަންޝާގެ ބޮލަށް އަޅާލުމުން އެކަމުން މަންޝާއަށް ލުޔެއް ލިބޭނޭ އޭނާގެ ހިތަށް އެރުމުންނެވެ.

ހަތަރު މޮށްގަނޑު ޖަހައިގެން އޮތް މަންޝާގެ މެއަށް ހޫނުވަމުން ދިޔަކަން އިހްސާސް ވުމުން މޭގައި އަތް ޖައްސާލެވުނެވެ. ކަރުގައި އަޅާފައިވާ ފަށުގެ ފޫ ރަތްކުލައިން ދިއްލިފައިވީ ނަމަވެސް އެއިންކަމެއް މަންޝާއަކަށް ފާހަގަވާ ވަރެއް ނޫނެވެ. ގައިގާ އަޅަމުން ދިޔަ ވޭނުން މަންޝާގެ ދެލޯ މަރާ ބާރުކޮށްލީ އޭނާގެ ދެލޯ ހުޅުވަން ދަތިވީމައެވެ.

*** *** *** *** *** ***

މެހެކްގެ ކަރުގައި އަޅާފައިއޮތް ފަށުގެ ފޫ ރަތްކުލައިން ދިއްލުމުން އެ ފަށުގެ ފުލުގައި އަތް ޖައްސާލަމުން ޒޯއީ ކުރިއަށް ޖެހިލީ އެ ދުލިފަށް ފޫ ދުއްވާލާފައި އެތެރެއަށް ވަންނާށެވެ. ގައިގެ ހަންގަނޑު އަނދަމުން ދާއިރު ވާ ފަދަ ތޫނު ތަދެއް ޒޯއީގެ ހަށިގަނޑުގައި އަޅަމުން ދިޔަ ނަމަވެސް މަންޝާ ހޯދުމުގެ އަޒުމުގައި އޭނާ ހިތްވަރު ކުރިއެވެ.

ޒޯއީގެ ކަރުގައިވާ ފަށުފުލާ އެއްފަދަ ފުލެއް އުޑަކު ބިމަކު ނުޖެހި ދިއްލިފައިވާތަން ސަކޭރާ އާ މެހެކްއަށް ފެނުމުން ޒޯއީ ކައިރިއަށް އެމީހުން ލެފިގަތެވެ. އެމީހުންނަށް އެތަނުން މީހަކު ފެންނަން ނެތަސް އެކަހަލަ ފަށެއް މަންޝާއަށް ހަދައިދިން ހަނދާނެއް ސަކޭރާ ވިއެވެ. އެމީހުންގެ ލޯތަކަށް ވަންހަނާވެފައިވީ ނަމަވެސް އެތާނގައި އެ އޮތީ މަންޝާކަން ސަކޭރާ ގަބޫލުކުރިއެވެ. "ދަރިފުޅާ.. އެތާ މީހަކު އެބަހުރިތަ؟..."

ކުރިއަށް އިޝާރާތް ކޮށްލަމުން ސަކޭރާ ކުރި ސުވާލުން އެދިމާއަށް ޒޯއީއަށް ބަލާލެވުނެވެ. ޒޯއީއަށް އެ މޫނު ފެނުމުން ދެލޮލުން ކަރުނަތައް އޮހިގެން ދިޔައީ ހިފެހެއްޓުމެއް ނެތިއެވެ. އާ ހިތްވަރަކާ އެކީ ޒޯއީ ކުރިއަށް ޖެހިލިއެވެ.

"މަންމާ....މީ މަންމަގެ ޒޯއީ..."

*** *** *** *** *** ***

ނޫކުލައިގެ ވިދުމެއް ކައިރިން ފާޅުވީހެން ހީވުމުން މަންޝާ ބޯހިއްލާލަމުން ކުރިއަށް ބަލާލީ ބަލިކަށި ގޮތަކަށެވެ. ރީތި އަންހެންކުއްޖެއްގެ ސޫރަ ފާޅުވަމުން ދިޔަތަން މަންޝާއަށް ފެނުނެވެ. އެކުއްޖާގެ ދޫ ހަރަކާތް ކުރަމުން ދިޔަ ނަމަވެސް އޭނާއަށް އެކިޔާ އެއްވެސް އެއްޗެއް ނީވެއެވެ. ފެން ދުލިފަށެއްގެ އެފަރާތުގައިވާ އަންހެންކުއްޖާ އެ ދުލިފަށުގައި އަތް ޖައްސާލަމުން ކުރިއަށް ޖެހުނެވެ. މަންޝާއާ ދިމާއަށް އޭނާގެ އަތް ދިއްކޮށްގެން ހުރި އިރު އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ވޭނާ ހިތްދަތިކަމެވެ. ދުލިފަށް ފޫދުއްވާލާފަ އެ އަންހެން ކުއްޖާގެ އިނގިލިތައް އެތެރެއަށް ވަތް ތަން ފެނުމުން މަންޝާ ދެލޯ ބޮޑުކޮށްލިއެވެ.

ކުރިއަށް ޖެހެން ބިންމަތީގައި ކޭއްތެމުން މަންޝާ މަސައްކަތް ކުރީ އެއީ އޭނާ ދަންނަ މޫނަކާ ވައްތަރުވީމައެވެ. ގައި ހުރި ބާރެއްލާ ކުރިއަށް ޖެހެން މަސައްކަތް ކުރަމުން މަންޝާގެ އަތް ކުރިއަށް ދިއްކޮށްލީ އެކުއްޖާގެ އަތްތިލައިގައި ހިފާށެވެ. ހިތުގެ ކަނަކުން ބުނަމުން ދިޔައީ އެއީ މަންޝާގެ ހިތުގައި ފުނި ޖެހެމުން ދިޔަ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ލިބޭނެ ގޮތެވެ. މަންޝާގެ އަތްތިލަ ކުރިއަށް ދިއްކޮށްލަމުން އަތުގެ އިނގިލިތަކަށް ވާންކޮށްލިއެވެ. އެކުއްޖާވެސް ކުރިއަށް ޖެހިލީ މަންޝާގެ އަތުގައި ހިފާށެވެ. ބަލިކަށިގޮތަކަށް މަންޝާގެ ދޫ ހަރަކާތްކޮށްލިއެވެ.

"ތީ ކާކު؟..."

މަންޝާގެ ބޮލަށް ފިނިކަމެއް އިހްސާސްވަމުން ދިޔުމުން އޭނާ ކުރިއަށް ޖެހެން ގަދަހަދާލިއެވެ. ބޮލުގައި އުފެދިފައިވާ ރިހުމަށް ލުއިކަމެއް ވެރިވި އިރު ލޯމައްޗަށް ފެންނަމުން ދިޔަ މަންޒަރު ފުސްވަމުން ދިޔައެވެ. ބޮލުގެ އިސްތަށިގަނޑު ތެރެއިން އޮހެމުން ދިޔަ ފެންތައް މަންޝާގެ މޫނުމައްޗަށް ފައިބަމުންދިޔައެވެ. އަޒީމް ކިޔަވަމުން ދިޔަ ސޫރަތް މަންޝާގެ ކަންފަތަށް ފޯރުމާއެކު ދެލޮލަށް ބަރުވެ ދެލޯ މެރުނެވެ. ގައިން ވަރުދޫވެ ބިންމައްޗަށް އޭނާ ވެއްޓުނެވެ.

*** *** *** *** *** ***

ޚިޔާލަކަށް ގެއްލިފައި އޮތް ހޫދަށް ވިސްނެމުން ދެވުނީ ޝީން އެދުވަހު ދެއްކި ވާހަކަތަކަށެވެ. އޭނާއަށް އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކާއި އޭނާއަށް ވަމުންދާ ތަފާތު އެކި ކަހަލަ އުނދަގޫތަކުގެ ވާހަކައެވެ. އެ ހުރިހާ ވާހަކައެއް ޝީން ހިއްސާކުރާނީ ހޫދަށް އިތުބާރު ކުރާތީއެއް ނޫންހެއްޔެވެ. ޝީން އެދުވަހު ދެއްކި ވާހަކަތައް ހޫދުގެ ސިކުނޑީގައި ހަރުލާފައިވާ ކަހަލައެވެ. "ހޫދު.. އަހަރެންނަށް އެހީވާނަންތަ؟.. އަހަރެން.... ވަރަށް ބޮޑު ކަމަކު ބުނަން ބޭނުން..."

"ފޯނު ނުނަގާ އޮވެ ނިދަނީތާ؟.. ހާދަ ގުޅައިފީމޭ.." ސިއްސައިގެން ގޮސް ދޮރާ ދިމާއަށް ހޫދަށް ބަލާލެވުނީ އެ ކޮޓަރި ދޮރު މަތީ ހުއްޓިގެން ހުރި ރާއިދު ވާހަކަ ދެއްކުމުންނެވެ.

"ބޭރަށްވެސް ނުނިކުންނަނީތަ؟.. ކިހިނެއްވެފަ ތިއޮތީ... ޝީން ކިހިނެއްތަ ހެދީ.. އެނދުން ނުތެދުވޭ ވަރު ކިޔެވެއްޔެއް ކިޔެވީތަ؟.." ސަމާސާ ރާގަކަށް ރާއިދުގެ ވާހަކަ ހުރި ނަމަވެސް ހޫދުގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހާސްކަމެވެ. ހިނިތުންވާން މަސައްކަތްކުރަމުން އެނދުގެ ހެޑްބޯޑުގައި ބާލީހެއް ލަށްކޮށްލަމުން ހޫދު ލެނގިލިއެވެ.

އެތެރެއަށް ވަދެވަދެ ހުރި ރާއިދުގެ ފިޔަވަޅު ހުއްޓުނީ އޭނާގެ ފޯނު ރިންގު ވާން ފެށުމުންނެވެ. ފޯނަށް ބަލާލަމުން ރާއިދު އެ ފޯނު ސައިލެންޓަށް ލަމުން ތެޅިގަތެވެ. "މަންމަމެން ރަށަށް ދާން އެ އުޅެނީ... މަންޝާ ދައްތަވެސް ގޮވައިގެން ދާ ވަހަކަ ބުނީ... މަންމަމެން ފުރުވާފަ މަ އަންނާނަން... ވަރަށް ސީރިއަސް ޓޯކެއް އެބައޮތް އެކަމަކު ނެތް މަޑުކުރެވޭކަށް... ގަމުން މިކޮޅަށް އައިސަ ގުޅާނަން... ފޯނު ނަގާތި" އެއް ފައްޗަކަށް ހުރިހާ ވާހަކައެއް އަމުނާލަމުން ރާއިދު އެކޮޓަރިން ނުކުމެގެން ދިޔައީ އަފްނާނު ގުޅާތީއެވެ.

ފުން ނޭވާއެއް ދޫކޮށްލަމުން ޝީންއަށް އެހީވާން ކުރެވޭނެ ކަމަކާ ދޭތެރޭ ހޫދު ވިސްނާލިއެވެ. އޭނާގެ ސިކުނޑިއަށް އައީ އެންމެ މީހެކެވެ. ރިޔާޒްބެއާ އެކީ އައްޑޫއަށް އައި އަސްރާރެވެ. ފޯނު ނަގާ ރިޔާޒްގެ ނަންބަރަށް ހޫދު ގުޅާލީ ޝީންއަށް އެހީގެ އަތެއް ފޯރުކޮށްދެވޭނެ ކަމުގެ އުންމީދުގައެވެ.

ދެބުރަކަށް ފޯނު ރިންގްވީ ފަހުން އެކޮޅުން ފޯނު ނަގައިފިއެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ހޫދު ވާހަކަ ދެއްކީ ރިޔާޒްގެ މިސްރާބު ހުރިކޮޅެއް ބަލާށެވެ. "ކޮބާ؟ ކީއްކޮށްލަނީ؟.."

"މި އުޅެނީ ކާށިދޫއަށް ފުރަން... މިރޭ ފްލައިޓުން ޖާގަ ނުލިބޭތީ މާދަމާ ރެއަށް ހަމަޖެއްސޭތޯ މިއުޅެނީ... މަންޝާ ރަށަށް ފޮނުވާލާފަ އެކޮޅަށް ގޮސް އަވަހަށް ފަރުވާ ފަށަން ކަމަށް... ޒައިކް. މިއަދު ފެނިވެސް ނުލާ ތިއުޅެނީ... ހިނގާ ކޮފީއަކަށް ދާން..." ރިޔާޒް ބޭނުންވީ ފުރުމުގެ ކުރިން ހޫދާ ބައްދަލު ކުރާށެވެ.

"އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން އެބައޮތް... މީ އަހަރެންގެ ވަރަށް ބޮޑު އެދުމެއް.. ރިޔާޒްބެއަށް މިކަން ވާނެތަ؟.." ހޫދުގެ ބޭނުން ހާމަކުރުމުގެ ކުރިން ހުއްދައަކަށް އެދޭފަދައިން ސުވާލުކޮށްލިއެވެ.

"ޒައިކްވެސް ދައްކާ ވާހަކަ... ދެން ބުނެބަލަ.. ކޮން ކަމެއްތަ ކޮށްދޭންވީ؟.. އަހަރެމެން އެދިގެން އަމިއްލަ ނަން ބަދަލުކޮށްގެން މިރަށަށް އައިސް ތި ކޮށްދިން ކަންތަކުގެ ބަދަލުގައި.. އިރާދަކުރެއްވިއްޔާ ރިޔާޒްބެއަށް ވީ ވަރަކުން ޒައިކު ބުނާ ކޮންމެ ކަމެއްވެސް ކޮށްދޭނަން... އަވަހަށް ބުނޭ..." ރިޔާޒްގެ އަޑުގައި ވަނީ ލޯތްބާ އޯގާތެރިކަމެވެ.

ހިންދިރުވާލަމުން ރިޔާޒަށް އެ ވާހަކަތައް ހިއްސާކުރަން ހޫދުގެ ދޫ ހަރަކާތްކޮށްލިއެވެ. "އަހަރެންގެ ރައްޓެއްސަކަށް އުޅެނީ ޖިންނިއެއް އަވަލައިގެން.. އޭނަ ސަލާމަތް ކޮށްދީފާނަންތަ... އޭނައަށް ވާ ގޮތެއް ބަލާފަ ކާށިދޫއަށް ދާން މަޑު ކުރަންވީނު.. އަހަންނަށް ހީވަނީ މިހާރު ކަންތައް ވަރަށް ގޯސްވެއްޖެހެން..."

*** *** *** *** *** ***

"ތަޒްކީ... ކޮބާ ކުދިވެރިން؟.. ކޮބާ ބޮޑުދައިތަ؟.. މީ ކޮން ލޯގަނޑެއް؟." ހާސްވެފައި ހުރެ ޒިބާން ވާހަކަ ދައްކަމުން މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލީ ގޭގައި ކުދިވެރިންނާ ސަކޭރާ ނެތްކަން އިހްސާސްވުމުންނެވެ.

ބުނާނެ އެއްޗެއް ނޭނގިފައި އެހުރި ފިޔަވަޅުމަތިން ގުޑިލަންވެސް ނޭނގިފައި ތަޒްކިޔާއަށް ހުރެވުނެވެ. ކޮޓަރިތެރޭ ހުރި ބޮޑު ލޯގަނޑާ ދިމާއަށް ބަލަން ހުރިއިރު އޭގެން އެމީހުންނަށް އެމީހުންގެ ސޫރަ ފެންނަން ޖެހޭނެކަން ތަޒްކިޔާއަށް އެނގުނެވެ. ނަމަވެސް އެ ލޯގަނޑުން ސޫރަ ނުފެންނަންޏާ އެކަމުގެ އަޑީގައި ކޮންމެވެސް ނުބައެއް އުޅެނީއޭ އޭނާގެ ހިތަށް އެރިއެވެ. ތަޒްކިޔާއަށް ފާހަގަ ކުރެވުނު ކަންތައްތައް ޒިބާނަށް ހާމަކުރާކަށް ނުކެރުނެވެ. ސަކޭރާ ކިޔެވި ކިޔެވެލީގެ އެހީގައި އެ ލޯގަނޑު މެދުވެރިކޮށް އެހެންތަނަކަށް ދެވޭނެފަދަ ބާރެއްވާކަން ތަޒްކިޔާއަށް އެނގެއެވެ. އެކަން ހާމަކޮށްފިއްޔާ ޒިބާން ދުނިޔެއަށް ގޮސްދާނެތީ ތަޒްކިޔާ ފަސްޖެހުނެވެ.

ގޮތް ހުސްވެފައިވާ ހާލުގައި ޒިބާން އޭނާގެ އިސްތަށިގަނޑަށް ދެއަތް މަހާލަމުން ކަކޫ މައްޗަށް ތިރިވީ ހަދާނެގޮތް ހުސްވުމުންނެވެ. އަޑުގެ ނެތްތަނަށް ޒިބާން ހަޅޭއްލަވައިގަތީ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލަމުންނެވެ. ޒިބާންގެ ވަރުގަދަ އަޑު މުޅިތަނުގައި ގުގުމާލިއެވެ. އޭނާއަށް މަންޝާ ގެއްލިފައިވިޔަސް ދެކުދިން ކުރެ އެއްކުއްޖަކުވެސް ގެއްލޭކަށް އޭނާ ބޭނުމެއް ނޫނެވެ. އެއީ ޒިބާންގެ ދެލޮލުގެ ނޫރެވެ. ބަލިކަށިވެފައިވާ މިންވަރު އޭނާއަށް އިހްސާސްކުރެވުނު ހިނދު ހަޅޭއްލަވާ ރުއިން ނޫންކަމެއް ކުރެވޭކަށް ނެތޭ ޒިބާންގެ ހިތް ބުނަމުން ދިޔައެވެ.

ކޮޓަރިތެރެއަށް ޖެހުނު ގަދަ ވައިރޯޅިއަށް ތަޒްކިޔާއާ ޒިބާންއަށް ސިހުންވިއެވެ. ދެލޯ ބޮޑުކޮށްލަމުން ދޮރާ ދިމާއަށް އެ ދެމަފިރިން ބަލާލީ ކަމެއް ގޯސްވަނީއޭ ހިތަށް އެރުމުންނެވެ. ހުދު ފޮށާއެއް އަނދެގެން ހުރި ސައިބްރޯތު ފާޅުވީ އެވަގުތެވެ. ހުދުވެފައިވާ ދިގު ތުނބުޅީގައި އަތް ހާކާލަމުން ކޮޓަރިތެރޭ ތިބި މީހުންނާ ދިމާއަށް އޭނާ ބަލާލީ ކަމެއް އޮޅުން ފިލުވުމުގެ ބޭނުމުގައެވެ.

"ކިހިނެއްވީ ދަރިފުޅާ.. ކަމެއް ގޯސްވީތަ.. ޒިބާންގެ ހަޅޭކުގެ އަޑަށް ބައްޕަ މިއައީ..." ކުއްލިގޮތަކަށް އަންނަން ޖެހުނު ސަބަބު އޮޅުން ފިލުވައިދެމުން ސައިބްރޯތު ވަށައިގެން ބަލާލިއެވެ.

"ކޮބާ ކުދިވެރިން... ކިހިނެއްވީ.. ޒިބާން ވާހަކަ ދައްކަބަލަ.." ޒިބާންގެ ދުލުން ބަހެއް ބޭރުނުވާނެކަން އެނގުމުން ސައިބްރޯތު އަޑަށް ބާރުލަމުން އޭނާއަށް ގޮވާލިއެވެ.

ފެންކަޅިވެފައިވާ ދެލޮލުން ސައިބްރޯތާ ހަތަރުކަޅި ހަމަކުރަން ޒިބާން އިސް އުފުލާލިއެވެ. ޖަވާބެއްގެ އިންތިޒާރުގައި ހުރި ސައިބްރޯތަށް ޒިބާންގެ ހިތުގެ ގޮވުން އެނގުނު ކަހަލައެވެ. ސަކޭރާއާ އެކީ ކުދިން ދިޔަ ތަނެއް ނޭނގި ޒިބާން ހާސްވެފައިވާ މިންވަރު އޭނާއަށް އެނގުމުން އެކަމާ ހަމްދަރުދީ ވެވުނެވެ. ޒިބާނާ އެއްބައިވާން އޭނާއަށް ދަތިވީ ސަކޭރާގެ މަސައްކަތް ކުރިއަށް ގެންދިޔައީ ސައިބްރޯތުގެ ލަފަޔާ އެކީގައެވެ. އިސް ޖަހާލަމުން ސައިބްރޯތު ފުންނޭވާއެއް ދޫކޮށްލީ ކުދިންނަށް ކަމެއް ވެއްޖިއްޔާ ޒިބާން އޭނަ ކުށްވެރި ކުރާނެވަރު އަންދާޒާ ކުރެވުމުންނެވެ.

ދެބަފައިންގެ މެދުގައިވާ ހަމަހިމޭންކަން ފެނި ތަޒްކިޔާއަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެކޮޓަރިން ބޭރަށް ޒިބާން ގެންދެވޭނެ ވަގުތެއްގެ އިންތިޒާރުގައި ކެތްމަދުވެފައި އޭނާ ހުރީ ހިތް އަވަސްވެފައެވެ. އިން ތަނުން ތެދުވެ ހަށިގަނޑު ސީދާކޮށްލަމުން ފަހުފަހަރަށް ކޮޓަރި ތެރެއަށް ޒިބާން ނަޒަރު ހިންގާލީ އޭނާއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތީމައެވެ. ކޮޓަރިން ބޭރަށް ނުކުންނަން އެޅި ފިޔަވަޅު ހުއްޓުމަކަށް އައީ އެ ކޮޓަރީ ފާރުގައި ހަރުކޮށްފައިވާ ލޯގަނޑު ފެނުނީމައެވެ. އެ ލޯގަނޑު ކައިރިއަށް ދާން ފިޔަވަޅު އަޅާލިއިރު ތަޒްކިޔާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ޒިބާން ހުއްޓުވަން އޭނާއަށް ކުރެވެން އޮތް ކަމަކާ ދޭތެރޭ ވިސްނާލެވުނެވެ.

ތަޒްކިޔާގެ ސިކުނޑިއަށް މޮޅު ހިޔާލެއް ނުގެނެވެނީސް ޒިބާން އެ ލޯގަނޑު ކުރިމައްޗަށް އަރައިފިއެވެ. ސައިބްރޯތަށް އެ މަންޒަރު ފެނުމުން އޭނާއަށްވެސް ހައިރާންކަމެއް ލިބުނެވެ. ޒިބާނަށް ހުރިހާ ކަމެއް ފަޅާ އެރުމުން ވާނެ ގޮތަކާ ދޭތެރޭ ވިސްނާލެވުނެވެ.

ޒިބާންގެ އަމިއްލަ ސޫރާ އެލޯގަނޑުން ފެންނަން ޖެހޭނެކަމަށް އޭނާ ގަބޫލު ކުރިއެވެ. އެ ލޯގަނޑުން އެއްވެސް މަންޒަރެއް ނުފެންނަކަން އޭނާއަށް އެނގުމުން ހައިރާންވިއެވެ. އަޅިކުލައިގެ ދުންގަނޑަކުން ފުސްވެފައިވާ ލޯގަނޑުން ތަފާތުކަމެއް ނަގައިގަނެވުނެވެ. ޒިބާންގެ އަތް އުފުލާލި ތަން ފެނި ސައިބްރޯތުގެ ދެލޯ ބޮޑުވިއެވެ. ތަޒްކިޔާއަށް ކުރެވޭނެ މާ ބޮޑުކަމެއް ނުވިސްނުމުން އަޑުގެ ނެތްތަނަށް ޒިބާނަށް އޭނާ ގޮވާލީ އެކުރަން އުޅޭ ކަންތައް ހުއްޓުވާށެވެ.

އަތުގެ އިނގިލިކުރި ލޯގަނޑުގައި ޖެހުނު ވަގުތު ތަޒްކިޔާގެ އަޑު ޒިބާނަށް އިވުމުން އޭނާގެ ހަރަކާތް ހުއްޓުނެވެ. ޒިބާންގެ އިނގިލި ކުރި އެ ލޯގަނޑުގައި ޖެހުނު ވަގުތު އެއަށް އައި ބަދަލު ފެނުމުން ޒިބާނަށް އިިތުރު ހައިރާންކަމެއް ލިބުނެވެ. އަނބުރާ ޒިބާންގެ އަތް އެ ލޯގަނޑުގައި ޖައްސާލީ ފެންގަނޑެއްހެން އެ ލޯގަނޑުގެ މަތީ ފަށަލަ ރާޅު ބާނި ލައްވާލި ގޮތުންނެވެ. ޒިބާންގެ އަތް އެލޯގަނޑުގައި ދެވަނަ ފަހަރަށް ޖެހުނު މަންޒަރު ބަލަން ހުރި ތަޒްކިޔާ، ދެއަތުން އަނގަމަތި ނިވާކޮށްލީ އޭނާގެ ހިތުގައި އުތުރި އަރަމުން ދިޔަ ޝައްކު ހަގީގަތަކަށް ވާން އުޅޭނީއޭ ހީވުމުންނެވެ.

ޒިބާންގެ އިނގިލިތައް ފެން ފަށަލަ ފޫދުއްވާލާފައި އެތެރެއަށް ވަންނަން ފެށުމުން، މަންޒަރު ބަލަން ހުރި ސައިބްރޯތަށް ކަމެއް ހަނދާންވެގެން އުޅޭ ފަދައަކުން ތެޅިގަނެވުނެވެ. ޒިބާންގެ ކޮނޑުގައި ހިފާ އެއްފަރާތަކަށް އޭނާ ހޫރާލީ، އެ ލޯގަނޑު ހުރަސްކޮށް އަނެއްފަރާތަށް ދާން މަސައްކަތް ނުކުރުމަށް އެދި އިންޒާރު ދިނެވެ.

(ނުނިމޭ)