ހުޅުމާލޭގައި ވަޅިން ހަމަލަދީ، ޓެކްސީ ޑްރައިވަރު ގާސިމް އިބްރާހީމް މަރާލި ކަމުގެ ކުށް ސާބިތުވި އަދުހަމް މުހައްމަދު ފަރާތުން، ގާސިމްގެ އާއިލާއަށް އެއްވެސް ގޮތަކަށް ގުޅަން މަސައްކަތް ނުކުރުމަށް ޝަރީއަތުން އަންގައިފިއެވެ.

އދ މާމިގިލި/ ކަނީރުމާގެ 59 އަހަރުގެ ގާސިމް ހަސަން ކަރަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސް މަގުން ޑިސެމްބަރު 4، 2019 ގައެވެ.

ހައިކޯޓުގައި މިހާރު ހިނގަމުންދާ އެ މައްސަލައިގެ އިސްތިއުނާފު އަޑު އެހުމުގައި ދައުލަތުގެ ވަކީލުންވަނީ ގާސިމްގެ އާއިލާއާ ހަވާލާދީ، އަދުހަމް އާއި ދައްކަން ޖެހޭނެ އެއްވެސް ވާހަކައެއް ނެތް ކަމަށް ބުނެފައެވެ. އަދި އަދުހަމްގެ ވަކީލުން ގާސިމްގެ އާއިލާއަށް ގުޅަން މަސައްކަތް ކުރާ ކަމަށާއި، އެކަން ނުކުރަން އާއިލާއިން އެދޭ ކަމަށް ވަކީލުން ވަނީ ބުނެފައެވެ. އެހެންކަމުން ޝަރީއަތުންވަނީ އަދުހަމްގެ ފަރާތުން އެކަން ނުކުރުމަށް އަންގާފައެވެ.

ގާސިމަށް ވަޅިން ބިރު ދައްކާ އޭނާގެ އަތުން ފައިސާ ފޭރިގަތުމަށް އަދުހަމް މަސައްކަތް ކޮށްފައި ވާއިރު، އޭނާއަށް އެކަން ކާމިޔާބުވެފައި ނުވަނީ، ގާސިމް އަމިއްލަ ދިފާއުގައި އަދުހަމް އަތުން ވަޅި އަތުލުމަށް މަސައްކަތް ކުރުމުންނެވެ. އަދި ގާސިމަށް ވަޅިން ހަމަލާދީފައި ވަނީ ގާސިމްގެ ހަޅޭކުގެ އަޑު ކަނޑުވާލުމުގެ ބޭނުމުގައި ކަމަށް އަދުހަމް ފުލުހުންނަށް ދީފައިވާ އިއުތިރާފުން އެނގެއެވެ.

ގާސިމްގެ ކާރަށް އަދުހަމް އެރީ ފޭރުމަށް ކަމުގައި ވިޔަސް، ގާސިމަށް ވަޅިން ހަމަލާ ދިނުމަށް ފަހު، އެ ކުރެވުނީ މާ ބޮޑު ކުށެއް ކަން އިހުސާސްވެ، އިތުރަށް ފޭރެން މަސައްކަތް ނުކޮށް، އަދުހަމް ވަނީ އެ ސަރަހައްދުން ފިލާފައެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއަށް އަދުހަމް ކުރިން އެއްބަސްވުމަށް ފަހު، ފަހުން އޭނާ ބުނެފައިވަނީ ހަމަލާދެވުނީ ގަސްދެއް ނެތި ކަމަށާއި ހަމަލާދެވުނީ މަސްތުވެގެން ހުއްޓާ ކަމަށެވެ. އަދުހަމްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅީ އޭނާގެ މައްޗަށް ކުށް ސާބިތުވުމާއެކު، ވާރިސުން މަރަށް މަރު ހިފަން އެދިފައި ވާތީއެވެ.