އަންހެންމީހާ ފަސްއެނބުރި ހޫދާ ދިމާއަށް ބަލާލަމުން ހިނިތުންވެލިއެވެ. ހޫދުގެ ދުލަށް އެ ނަން އައި ނަމަވެސް ގޮވާލާނެ ހިތްވަރެއް ނުލިބުނެވެ. ހިތާހިތުން އެނަން ކިޔާލެވުނެވެ.

"މަންޝާ..."

ޝީންގެ ފަހަތުން މަންޝާ ހިނގާފައި ގޮސްވަނީ ވަރަށް އާދައިގެ ގޮތަކަށް ހަދާފައިވާ ގެއަކަށެވެ. ގޭގެ ވަށާ ފާރުބުރި ތިރިކަމުން ގޯތިތެރެ ވަރަށް ރީތިކޮށް ފެނެއެވެ. ބޮލުގައި އަތް ހާކާލަމުން ހޫދު ހިނގައިގަތީ އެނބުރި ގެއަށް ދާށެވެ. އެވަގުތު ހޫދު ގައިގާ މީހަކު ޖެހުމުން ސިއްސައިގެންގޮސް "ސޮރީ" އޭ ބުނެވުނެވެ.

ކަޅު ކުލައިގެ ޖިލްބާބެއް ލައިގެން ހުރި މީހެކެވެ. މޫނު ނުފެންނާނެހެން ނިވާކޮށްފައިވާ އަންހެން މީހާ މައާފަށް އެދެމުން ކުރިއަށް ހިނގައިގަތެވެ. މޫނު ބުރުގާ އަޅާފައިވާ އަންހެންމީހާގެ ފިޔަވަޅު ހުއްޓުމުން ހޫދަށް ހައިރާން ކަމެއް ލިބުނެވެ. އޭރު އެ އަންހެން މީހާގެ ނަޒަރު ހުސްވެފައި ވަނީ މަންޝާ އާއި ޝީން ވަތް ގެއާ ދިމާއަށެވެ.

އިރުކޮޅަކު މަޑުކުރުމަށްފަހު އެ އަންހެންމީހާ ކުރިއަށް ހިނގައިގަތެވެ. ހިނގާފައި ގޮސް ޖެހިގެން އޮތް މަގަށް ލަނބާލަންދެން އެމީހާއާ ދިމާއަށް ހޫދު ބަލަން ހުރީ ފުން ވިސްނުމެއްގައެވެ.

"އޭ... ކޮބާ ޝީން؟.. އޭނަ ގަޔަށް ފެން ޖެހީތަ؟.." އަޑުބާރުކޮށް ރާއިދު ގޮވާލުމުން ހޫދަށް ސިހުމެއް ލިބުނެވެ. ރާއިދާއި ކިނާން އައިސް ހޫދާ އަރާ ހަމަކުރުމަށްފަހު ހޫދު އަތުގައި އޮތް ފެން ކޮތަޅަށް ބަލާލިއެވެ.

"މަ އޭރުވެސް ބުނިން ދޯ އަވިއްސެއް ކަހަލަ މަންޖެއެކޭ އެއީ... ހިނގާ ގެއާ ދިމާއަށް ދާން... އަދި އެބަޖެހޭ ސްޓޭޖް ރީތި ކުރާ ތަނަށް ދާން..." ކިނާންމެންނާ އެކީ ގެއަށް ދާން ހިނގައިގަންނަމުން ޝީން ވަތް ގެއާ ދިމާއަށް ހޫދު ބަލާލީ ޝީން ފެނިދާނެ ކަމުގެ އުންމީދުގައެވެ.

*** *** *** *** *** ***

ކާމޭޒު މަތީ ހުރި ތަށިތައް ނަގަމުން ނައުރީން ވާހަކަ ދެއްކީ އަޒީމާއެވެ. "މިރޭ ޝޯވް ބަލަން ދާނަންތަ؟.. މާލޭން ލަވަކިޔާ މީހުންނާއި ނަށާ ގްރޫޕްތައް ގެނެސްގެން އުޅޭ ވާހަކަ ނަޖުދާމެން ބުނި..." ނައުރީން ވާހަކަ މެދުކަނޑާލީ ސިންކު ކައިރިއަށް އަޒީމް ކައިރިވެ އަތް ދޮންނަން ފެށުމުންނެވެ. އަޒީމްގެ ހަރާކާތް ހުރި ގޮތުން ހީވަނީ ކޮންމެވެސް ކަމަކާ ނައުރީން ދެކެ ރުޅި އައިސްފައި ހުރިހެނެވެ. ކާގެއިން ނިކުންނަން އަޒީމް ދިޔައިރު ވެސް ނައުރީން ދެއްކި ވާހަކައަށް ޖަވާބު ނުދިނުމުން އޭނާ ހިތުގައި ޖެހުނެވެ.

ޝީންއާ އެކީ މަންޝާ ކާގެއަށް ވަދެ ކާމޭޒު މަތީގައި ހުރި ތަށިތަކުގެ މަތި ނަގާ ބަލާލިއެވެ. ކާގޭ ދޮރުމަތީގައި އަޒީމް މަޑުކޮށްގެން ހުރީ މަންޝާގެ ހަރަކާތްތަކަށް ބަލާށެވެ. ނައުރީނަށް އެތަން ފެނުނު ނަމަވެސް އެމަންޒަރު ނުފެންނަ ކަމަށް ހަދައިގެން ސިންކު ކައިރީ ތަށި ދޮންނަން ހުރީ އިސްޖަހައިގެންނެވެ.

"ޝީން... ކާން ވީނު؟.. މަސްހުންޏާ، ރޮއްޓާ، މަސްރިހައާ، ރިހާކުރު ވެސް އެބަހުރި..." މޭޒު ދޮށުގައި އިން ޝީންއާ ދިމާއަށް ތައްޓެއް ދިއްކޮށްލަމުން މަންޝާ ވާހަކަ ދެއްކިއެވެ. "ރޮއްޓާ.. ރިހާކުރާ ކާނީ..." ރިހާކުރު ތަށި ގާތްކޮށްލަމުން މަންޝާގެ މޫނަށް ޝީން ބަލާލިއެވެ.

"މަންޝާ ސައިބޮއެފިންތަ؟.." ކާގޭ ދޮރުމަތީ މަޑުކޮށްގެން ހުރި އަޒީމް ބުނި ޖުމްލައިން ނައުރީންގެ ދެލޯ ބޮޑު ވެގެން ދިޔައެވެ. މަންޝާ، އަޒީމާ ދިމާއަށް ބަލާލަމުން ދެއަތަށް ބޯ ހޫރާލީ ނޫނެކޭ ބުނާށެވެ. "މަންޝޫ ވެސް އިށީނދޭ އަޅުގަނޑާ އެކީ ކާން..." ރޮށިތަށީގެ މަތި ނަގަމުން ޝީން ވާހަކަ ދެއްކިއިރު އޭނާ އިނީ ތެލުލި ރިހާކުރު ފުޅި ފެނުމުން ކުޅު ދިޔާވެފައެވެ.

އަޒީމް ދިއުމުން ނައުރީން ވެސް ބޭރަށް ނިކުންނަށް ހިނގައިގަތެވެ. މަންޝާ ހުރުމުން ކާގޭގައި މަޑުކުރަން ނައުރީން ބޭނުމެއް ނުވިއެވެ. "މަންމާ.. ކޮންތާކަށް ތިދަނީ؟ އާދެބަލަ ޝީންއާ އެކީ ކާން..." އަނގަޔަށް ރޮށިކޮޅެއް ލައިގެން އިން ޝީން ދެލޯ މަރާލީ ތެލުލި ރިހާކުރުގެ މީރު ރަހައިން އޭނާއަށް ހިތްހަމަޖެހުމެއް ލިބުމުންނެވެ.

"މިއަދު ހެނދުނު ގެއަށް އައިގޮތަށް މުޅި ރަށްކުޑަކޮށްފަ ދޯ ތި އައީ.. މިހާރު ބޮޑު އަންހެނަކަށް ވީމަ ތިފާޑަށް ނޫޅޭށޭ ކިތައް ފަހަރު ބުނެފިން.. މަންމަ ސައިބޮއެފިން... އެބަ އަންނަން... މާމަ ގޭދޮށަށް ވެސް ދާންޖެހޭ..." ނައުރީން ކާގެއިން ނިކުމެގެން މިސްރާބުޖެހީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. ނައުރީންގެ ހަރުކަށި ބަސްތައް އަޑު އިވުމުން ދުލު ކުރީގައި ޝީން ދަތް އަޅާލަމުން ދެލޯ ފިއްތާ ބާރުކޮށްލިއެވެ. ނައުރީން އެތަނުން ދިޔަކަން ޔަގީންވުމުން ރޮށިކޮޅެއް ވަކިކޮށްލުމަށްފަހު ރިހާކުރު ކޮޅެއްގައި ޖައްސާލަމުން ޝީން ހިނިގަނޑެއް ޖަހާލިއެވެ.

"ދަތުރު ކިހިނެއްތަ؟..." އާދައިގެ މަތިން ޝީން ރަށަށް އައުމުން ދަތުރާ ބެހޭގޮތުން މަންޝާ ސުވާލުކުރާ ބީދައިން އަހާލިއެވެ.

"ރަނގަޅު..." ފަރުވާ ކުޑަގޮތަކަށް ޝީން ޖަވާބުދިނެވެ.

"ދެންމެ ޝީންގެ ފަހަތުން ދުވެފަ އައީ ކޮން ފިރިހެން ކުއްޖެއްތަ؟.. މިރަށުން ވަރަށް ނުފެންނަ މޫނެއް އެއީ... ރީތިވެސް ކުއްޖެއް.. ނޫންތަ؟..." މަންޝާ ކުރި ސުވާލުން ޝީން ކަރުގައި އަޅައިގަންނަ ގޮތް ވުމުން ކެއްސަން ފެށިއެވެ. މޭޒުމަތީ ހުރި ފެންތަށި ތުނބުގައި ޖަހަމުން ޝީން ފެން ކޯވަރެއް ބޯލިއިރު ލަދުރަކި ގޮތަކަށް ހީލިއެވެ. ފެންތަށި މޭޒުމަތީ ބެހެއްޓުމަށްފަހު ހޫދުއާ ޝީން ދިމާވި ގޮތް އޭނަ ކިޔައިދިނެވެ.

"ރޭގަ އައި ފްލައިޓުން އޭނާއާ ދިމާވީ.. އަހަރެމެން ތެރޭ އުޅުނު ހުރިހާ ކެބިން ކްރޫއިން ވެސް ބުނި އޭނަ ވަރަށް ރީއްޗޭ... ދެން މިކޮޅަށް އައިއްސަ މިއުޅޭ ރާއިދު މަގޭ ގަޔަށް ފެންޖަހަން އުޅޭތީ ދުވެފަގޮސް ކިނާންމެން ގެއަށް ވަނީ ފިލަން... އެގޭ ގެސްޓް ރޫމަކަށް ވަންނަންވެގެން މައްޗަށް އެރީ ރޫމް ތަޅުލާފަ ހުރީމަ ޝީން އެ ދޮރުގަ ލެގިގެން ހުއްޓާ އެ ފިރިހެން ކުއްޖާ ދޮރު ހުޅުވީ.. އަހަރެން ކިރިޔާ ނުވެއްޓުނީ.. ދެން ދެންމެ މަގުމަތިން ފެނިގެން ފެންޖަހަން ވެގެން އަހަރެން ފަހަތުން އެ އައީ... އަސްލު އޭނާ ވަރަށް ރީތި... ހެންޑްސަމް..." ހޫދުގެ ސޫރަ ޝީންގެ ލޯމައްޗަށް ސިފަވަމުން ދިޔައެވެ. އެއްފައްޗަކަށް ހޫދު އާއި ޝީން ދިމާވި ގޮތް ކިޔައިދެމުން ދިޔައިރު ޝީންގެ މޫނަށް މަންޝާ ބަލަން އިނީ ހިނި އައިސްފައެވެ.

"އޭނައަށް ކިޔާނީ ކޮން ނަމެއް ތަ؟..." ހޫދުއާ ބެހޭގޮތުން މައުލޫމާތު އޮޅުން ފިލުވަމުން މަންޝާ އަހާލިއެވެ.

ދެކޮނޑު އަރުވާލަމުން ނޭނގޭ ކަމަށް ބުނެ ކެއުމައިގެން ޝީން އަވަސްވެގަތެވެ.

*** *** *** *** *** ***

އަޒީމްގެ އުޅުމަށް އަންނަން ފެށި ބަދަލުތަކުން ނައުރީންގެ ހިތަށް އުނދަގޫވިއެވެ. މަންޝާއާ ދޭތެރޭ އަޒީމް ވިސްނާ ފިކުރުކުރަމުންދާ ކަން އެނގުމުން ނައުރީންގެ ބޮލުގައި ރިހުމެއް އުފެދުނެވެ. ކޮޓަރިތެރޭ ކުޅެންހުރި ޝާޔާ ފެނުމުން އެކުއްޖާގެ ބޮލުގައި ނައުރީން ފިރުމާލިއެވެ.

"މަންމީ... އަހޫ ކައިރިއަށް ދަންތަ؟ ޕްލީސް... މަންމީ އަޅުގަނޑު ވަރަށް ފޫހިވެފަ މިހުރީ.. ޕްލީސް..." އާދޭހުން ފުރިގެންވާ ރާގަކަށް ޝާޔާ ވާހަކަ ދެއްކީ ނައުރީންގެ އާން ބަސް ހޯދާށެވެ. ޖެހިގެން ހުރި ގޭގަ އުޅޭ، ޝާޔާއާ އެއް ކުލާހެއްގައި ކިޔަވާ ކުއްޖާ ގާތަށް ދާން ހުއްދައަށް އެދި ޝާޔާ މަޑުކޮށްލިއެވެ. ނައުރީން މަޑުމަޑުން ބޯ ޖަހާލުމުން އުފަލުން އައިސް އޭނާގެ މަންމަ ގައިގާ ބައްދާލިއެވެ.

"ތެންކިއު މަންމީ..." ފުމެމުން ކޮޓަރިން ނުކުމެގެން ޝާޔާ ދިޔައީ ޖެހިގެން ހުރި ގޯއްޗަށެވެ. އެވަގުތު ނައުރީންގެ ފޯނު ނަގާ އިބްޒީމާގެ ނަންބަރަށް ގުޅާލިއެވެ.

"ހަލޯ.. މަންމާ.. އަޅެ ވަރަށް ބިޒީތަ؟.." އިބްޒީމާ ފޯނު ނެގުމާއެކު ނައުރީން ވާހަކަ ދައްކަން ފެށިއެވެ. އިބްޒީމާ ކިހިނެއްވީތޯ އެހުމުން ނައުރީން ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

"އަޅެ މަންމާ.. އެއްކަލަ އެތި ތައްޔާރު ކޮށްފިންތަ؟.. ދުވަހެއް ދުވަހެއް އަޒީމްގެ ކަންތައް މައްޗަށް ދާން ފަށައިފި... މަންޝާއަށް މާ ހެޔޮފުޅުވެގެން އުޅެނީ... އަބަދު މާ މަންޝާ ވެގަނެގެން.. ކުރިން ފަހަރުވެސް މަންމަ ކަންތައްކޮށްދޭލެއް ލަސްވެގެން އަޒީމް އަހަރެން ވަރިކުރާ ހިސާބަށް ދިޔަ... މިހާރު ހަމަ އެހެން ފުސް މޫނު ހަދާފަ އެ ހުންނަނީ.. މަ ވާހަކަ ދެއްކިޔަސް ހިރުވާލިތަން ކަހާލާހެންވެސް ހީނުވޭ... އަޅެ އެކަންތައް އަވަސްކޮށްދީ ބަލަ..."

ނައުރީންގެ ވާހަކަ މެދުކެނޑުމުން އިބްޒީމާ އެދުނީ އަވަހަށް އެގޭ ދޮށަށް އައުމަށެވެ. ލައިގެން ހުރި ހެދުމަށް ބަލާލުމަށްފަހު އަލަމާރި ތެރެއިން ވަށް ބުރުގަލެއް ނަގާ ނައުރީން ބޮލަށް މަހާލިއެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓިލީ މޫނު ބަލާ ލޯގަނޑުން އޭނާ ހުރި ގޮތް ބަލާށެވެ. އެއަށްފަހު އިބްޒީމާމެން ގޯއްޗަށް ދާން ނައުރީން އަވަސްވެގަތެވެ.

ގެއިން ނިކުންނަށް ފައިވާނަށް އަރަން ހުރި ނައުރީންގެ ފިޔަވަޅަށް ހުއްޓުމެއް އައީ ދާދި ކައިރިން އޭނާގެ ނަމުން މީހަކު ގޮވާލުމުންނެވެ. ބޭރަށް ނިކުމެވެން ހުރި ދޮރާ ދިމާއަށް ނައުރީން ބަލާލީ އެއިވުނު އަޑަށް ސަމާލުކަން ދެމުންނެވެ. ހެވިދިލިފައި ޟިރާރު ހުރީ ނައުރީންއާ ދިމާއަށް ބަލާށެވެ. ޟިރާރުގެ އެބެލުމުން ކޮންމެވެސް ވަރެއްގެ އުނދަގޫ ކަމެއް އިހްސާސްވާން ފެށުމުން އަޅާފައިވާ ވަށްބުރުގަލުގައި ހިފާ ދަމާލުމަށްފަހު މޭމަތި ނިވާކޮށްލަމުން ނައުރީން ހިނިތުންވާން މަސައްކަތް ކުރިއެވެ.

"ކޮން ދިމާއަކަށް.. މިއޮއް ހޫނުގަ..." މަގުފާރު ބުރިމަތީ އެއްއަތް އަޅުވާލަމުން ޟިރާރު ވާހަކަދެއްކީ ނައުރީނާ ދިމާއަށް ބަލަމުންނެވެ.

"އަޒީމް މަންމަ ގުޅައިގެން މިދަނީ... ޝީންއާ މަންޝާ ވެއްޖެ އެތެރޭގަ... އާދޭ އެތެރެއަށް..." ޟިރާރު އެތެރެއަށް ވަނުމުން ނައުރީން ގެއިން ނިކުތުމަށް އަވަސްވެގަތެވެ. ޟިރާރަށް ފަސްދީ ގެއިން ނިކުމެވުމާއެކީ ނައުރީން ތުންތަޅުވާލީ ކުދި ކިޔަމުންނެވެ. "އަތް ބަޅުވެފަ ހުއްޓަސް މަށާ ދިމާއަށް ބެލޭތޯ އެބަ ބަލައެއްނު... ވަރަށް ފޫހިވޭ..."

ނައުރީން ބުނި ބަސްތައް ޟިރާރަށް އަޑު އިވުނެވެ. ވާގިނެތިފައިވާ ކަނާއަތާ ދިމާއަށް ބަލާލަމުން ޟިރާރު ދެބުމަ ގޮށްޖަހާލިއެވެ. އޭނާގެ ވާގިނެތިފައިވާ އަތާ މައްލަވަ ނުކުރާ ކުއްޖަކު އެރަށުގައި މަދުވާނެއެވެ. އެތައް އަހަރުތަކެއް ވަންދެން ބޭސްފަރުވާ ކުރުމުން ވެސް ޟިރާރުގެ ކަނާއަތް ރަނގަޅު ކުރެވޭ ގޮތެއް ނުވިއެވެ. މީހުންގެ ފަރާތުން އިވޭ މަލާމާތުގެ ބަސްތައް އަޑުއަހާ އަހާ އޭނާ ވަރުބަލި ވެއްޖެއެވެ.

ޖީބުން ފޯނު ނަގާ ނަންބަރަކަށް ގުޅާލަމުން ޟިރާރު ކަންފަތުގައި ފޯނު ޖަހާލިއެވެ. އެކޮޅުން ފޯނު ނެގުމުން ޟިރާރުގެ ތުންފަތާ ކުޅެލީ ލާނެއް ހިނިތުންވުމެކެވެ.

*** *** *** *** *** ***

"ކިހިނެއްވީ؟... މަށަށް ތި ގުޅިއްޔޯ؟... ކަންތައްގަނޑެއް ލައްވާލީތަ؟..." އިބްޒީމާ ހަރު އަޑުން ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ކުރިމަތީގައި ހުރި ފޮތްތަކުން ގަނޑުތަކެއް އުކަމުން ދިޔައެވެ.

"އާން.. ދެން ކަމަކު ޖެހުނީމަދޯ މަށަށް ގުޅޭނީ... އިބްޒީމާއަށް ވެސް ނުކެރޭވިއްޔަ މަށަށް ގުޅާލާކަށް..." ޟިރާރު ވާހަކަ ކުރިއަށް ގެންދިޔަ އިރު އިބްޒީމާ އިނީ އެވާހަކަތައް ކަނުލާ އަޑު އަހާށެވެ. "ބަޅުވެފައި މިއޮތް އަތް ރަނގަޅު ކޮށްދީފާނަންތަ؟.. މީހުން އަތްބަޅޭ ކިޔާވަރުން މަށަށް ކަމެއްވާ ވަރެއް ނޫން.. ކޮންމެ ގޮތެއް ހަދާފަ ވެސް މިއަތް ރަނގަޅު ކުރަން އެބަޖެހޭ.."

އިބްޒީމާ ގާތަށް އައި ނުބައި ހިނިގަނޑު ކޮންޓްރޯލް ކުރަމުން އޭނާ ވިސްނާލިއެވެ. "އާން.. ތިކަން ކުރެވިދާނެ.. އެކަމަކު އެކަން ކުރަން ބަލި މީހަކު ބޭނުންވާނެ... އެކަން ކަލެއަށް ވާނެތަ؟.. ވަންޏާ އަވަހަށް ތިކަމާ އުޅެންވީ..."

ޟިރާރުގެ ފަރާތުން ޖަވާބެއް ނުލިބުމުން އިބްޒީމާ ބޭނުންވީ އަވަހަށް ފޯނު ބާއްވާފައި ނައުރީންއަށް ކޮށްދޭން ބުނި ކަންތައް ނިންމާލާށެވެ.

*** *** *** *** *** ***

އިބްޒީމާ ދިރިއުޅެނީ އެކަނިމާ އެކަނި މީހުން ނޫޅޭ ހިސާބެއްގައެވެ. އެގެއަށް ވަނުމާ އެކު ނައުރީނަށް ސިހުމެއް ލިބުނީ ގޯތިތެރެއިން އެއްފަރާތުން ފެންނަން އޮތް ކެޔޮފީނި ތެރެއިން އެއްޗެއްގެ ހިލަން ވުމުންނެވެ. އިރުއޮއްސި އަނދިރި ވެއްޖެ ހިނދެއްގައި އެގެއަށް ނައުރީނަށް އައިސް އުޅޭކަށް ނުކެރެއެވެ. ކެޔޮފީންޏާ ދިމާއަށް ކަޅި ޖަހާނުލާ ބަލަން ހުރެވުނީ އެއީ ނައުރީނަށް ހީވި ހީވުމެއްތޯ ޔަގީން ކުރާށެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ނައުރީން ގޭތެރެއަށް ވަންނަން ކުރިއަށް ފިޔަވަޅު އަޅާލިތަނާ އަނެއްކާ ވެސް ކެޔޮފީނި ތެރެއިން އެއްޗެއް އުޅޭހެން ހީވުމުން ނައުރީން މަޑުޖެހިލިއެވެ. ކެޔޮފީނި ތެރެއިން ކަޅު ކުލައިގެ ބުޅަލެއް ނިކުމެ އަޑެއް ލައްވާލުމުން ހިތްހަމަޖެހުމުގެ ނޭވާއެއް ނައުރީން ބޭރުކޮށްލިއެވެ.

ސަލާމް ގޮވާލުމަށްފަހު ގޭގެ އޮޅިގަނޑު ގިރާ ކުރަމުން ފެންޑާ ތެރެއަށް ނައުރީން ނަޒަރު ހިންގާލިއެވެ. ގޭތެރެއަށް ވަދެގެން ގޮސް އިބްޒީމާ އުޅޭ ކޮޓަރީގެ ދޮރު ހުޅުވާލަން ހިފާލި އިރު އެ ދޮރު ވަނީ އެތެރެއިން ތަޅުލާފައެވެ. އެހެންކަމުން އެ ދޮރުގައި ދެތިންބުރަކަށް ޓަކި ޖަހާލަމުން އިބްޒީމާއަށް ނައުރީން ގޮވާލިއެވެ. އަނެއްކާ އިބްޒީމާ ގޭގަ ނޫޅެނީ ބާވައޭ ހިތަށް އެރުމުން އިބްޒީމާގެ ނަންބަރަށް ގުޅާން އަވަސްވެލިއެވެ. ފޯނުގެ ސްކްރީނަށް ބަލަން އިސްއޮބާލައިގެން ހުއްޓާ ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުމުން ނައުރީނަށް ސިހުމެއް ލިބުނެވެ.

އިސްއުފުލާލި ވަގުތު ކޮޓަރި ދޮރުމަތީ، ހާމުންޑިކުކުޅެއްހެން ބޯ ހާވައިގެން ހުރި މީހާ ފެނުމުން ނައުރީނަށް ތެޅިގަނެވުނެވެ. ކަރުބުޑުން ހަޅޭއްލަވައިގަތީ ދެއަތުން މޫނު ނިވާ ކުރަމުންނެވެ. ނައުރީންގެ ހަޅޭކުގެ އަޑު ނުކެނޑެނީސް ފިނި އަތްތިލައަކުން ނައުރީންގެ އަތުގެ މުލައްދަނޑީގައި ހިފިކަން އިހްސާސްވުމުން ކުރިއަށްވުރެ ބާރަށް ހަޅޭއްލަވަމުން ދެއަތް ތަޅުވާލިއެވެ.

"ސާބަހޭ... މައިތިރިވެބަލަ.. ކަންފަތް ފަޅައިގެން ހިނގައްޖެއޭ..." އިބްޒީމާގެ އަޑު ޖެހުމާ އެކީ މޫނުމަތިން އަތް ނަގަމުން ނައުރީން ރަނގަޅަށް ބަލާލިއެވެ. އިބްޒީމާކަން އެނގުމުން ނައުރީން ފުން ނޭވާއެއް ބޭރުކޮށްލަމުން މޭމަތީ އަތް ހާކާލީ ހިތްހަމަޖެހުމެއް ލިބުމުންނެވެ.

"ނޭނގޭނެދޯ.. މަހީކުރީ ފުރޭތައެކޭ.." އިބްޒީމާގެ ފަހަތުން އެކޮޓަރިއަށް ވަތް އިރު ދުވި ނުބައިވަހުން ނައުރީން އަނގަމަތި ނިވާކޮށްލީ މޭނުބައި ކުރާތީއެވެ. ކޮޓަރީގެ އެއްފަރާތެއްގައި ހުރި މޭޒު ކައިރިއަށް އިބްޒީމާ ޖެހިލުމުން އެކޮޓަރި ތެރެއަށް ނައުރީން ނަޒަރު ހިންގާލީ އެތަނުން ފަރުހަކި ފާޑު ވަހެއް ދުވުމުންނެވެ. އެ ކޮޓަރިއެކޭ ކުޑަވަރެއްގެ ގޮނޑެކޭ ތަފާތެއްނެތެވެ. ތަރުތީބެއް ނެތި އެއްޗެހިތައް އުކާލާފައިވާ އިރު އެ ކޮޓަރީގައި ވަނީ ފަނޑު އަލިކަމެކެވެ.

"އަން.. މީތި ހުޅިއަށް ލައްވާފަ ރަނގަޅަށް ހަރުކޮށްލާ.. ތިން ދުވަސްވަންދެން މި އިސްތަށިގަނޑުން ވަކި ނުކުރާތި.. މި ފަހަރު މިހަދާ އެތިން ލައްކަ ދުވަސްވަންދެން ހިފަހައްޓަން ޖެހޭނެ.. ކޮބާތަ އަޒީމް؟.." ކަޅުކުލައިގެ ފޮތިކޮޅު ދިއްކޮށްލަމުން ހަދަންވީ ގޮތް އިބްޒީމާ ރަނގަޅަށް ކިޔައިދިނެވެ. ދޭތެރެއަކުން ނައުރީންގެ ފަހަތުގައި ހުރި އަލަމާރިއާ ދިމާއަށް އިބްޒީމާ ބަލަމުން ދާކަން ނައުރީނަށް ފާހަގަވުމުން އެދިމާއަށް ފަސްއެނބުރި އޭނާއަށް ބަލާލެވުނެވެ.

"މިރޭ އަޒީމް އަންނަންވާއިރަށް ފެންވަރާ ރީތިވެގެން ހުޅީތެރެއަށް ލައްވައިގެން ހުންނާނީ.. މިރޭ އެހެން ރޭރެއާ ތަފާތު ވާނެ... ޖެހިޖެހިގެން ތިންރޭ އެއްދާން ކުރަން ޖެހޭނެ.." އިބްޒީމް ދެއްކި ވާހަކަތަކަށް ސަމާލުކަން ދެމުން ބޯޖަހާލި ނަމަވެސް އެވަގުތު ނައުރީންގެ ހިތުގައި ބިރުވެރިކަމެއް އަށަގަތެވެ.

އިބްޒީމާ ހަވާލުކުރި ފޮތިކޮޅަށް ބަލަން ހުރެ ނައުރީން ވިސްނާލިއެވެ. "މީ އަހަރެން ގެނެސްދިން އަޒީމްގެ ގަމީހުގެ ބައެއް ދޯ... އަޒީމްގެ އިސްތަށިތަކުންނާ ނިޔަފަތިތަކުން ކީއްކުރީ؟.."

"އެހުރިހާ އެއްޗެއް ބޭނުންކޮށްގެން ހެދި އެއްޗެއް ތިއީ... ދެންދޭ ގެއަށް އަހަރެން މިއުޅެނީ މީހަކަށް ބޮޑުކަމެއް ކޮށްދޭން ވެގެން.." އިބްޒީމާ ބޭނުންވީ ނައުރީން އެތަނުން ފޮނުވާލާށެވެ. ނައުރީން ބޯ ޖަހާލުމަށްފަހު އެގެއިން ނިކުތުމަށް އަވަސްވެގަތެވެ.

ފެންޑާތެރޭ އިބްޒީމާ މަޑުކޮށްގެން ހުރީ ނައުރީން ދަންދެނެވެ. ނައުރީން ދިއުމުން ތުންތަޅުވަމުން އިބްޒީމާ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ކޮޓަރިތެރޭ ހުރި މާރިދާ ދިމާއަށް ލޯ އަޅާލިއެވެ. ރަތްކުލައިން އޭގެ ދެލޯ ދިއްލިފައި ހުރިއިރު، ފަސްޖެހުމެއް ނެތި އެ މަޚްލޫގު ކުރިމައްޗަށް އިބްޒީމާ ހުއްޓުނެވެ.

"ކިހިނެއްވީ؟... އަހަރެން ކަލޭ ކައިރީ މިތަނަށް އަންނާކަށް ނުބުނަށް..." އުނަގަނޑުގައި އަތް ވިއްދާލަމުން އިބްޒީމާ ވާހަކަ ދެއްކިއެވެ."

އަހަރެން ބުނިންދޯ އަހަރެން ބޭނުމީ މަންޝާއޭ... އޭނާ ރުހުމުގަ އަހަންނާ އެކީ އުޅޭނެހެން ހީވޭތަ؟" ބިޔަކޮށް ހުރި ރޫފަސް ވާހަކަ ދެއްކިއިރު އޭނާގެ ލޮލުގައިވާ ރަތްކުލަ ގަދަވަމުން ދިޔައެވެ.

(ނުނިމޭ)