ހަހަހަ... ދެން ތިހެން ކިޔާ.. މަށަށް އިނގޭ ކީއްވެ ވީކަމެއްކަން އެއީ..." ޒޯއީ މޭ ފުއްޕާލާފަ އެހެން ބުނެލީ ފޮނިވެލާފައެވެ.
"ކޮންކަމެއްވީ ވާހަކައެއްތަ ތި ދައްކަނީ؟..." ޒިބާންގެ އަޑު ޖެހުމާއެކު މެހެކްއާ ޒޯއީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު ޒިބާން ހުރި ދިމާއަށް ބަލާލަމުން މެހެކް އިސްޖަހާލިއެވެ.
މެހެކް ބަހެއް ނުބުނާނެ ކަން ޒޯއީއަށް އެނގުނެވެ. ބައްޕަ އެއްޗެކޭ ބުނުމުގެ ކުރިން ވާހަކަ އޮޅުވާލަން ޒޯއީ ބޭނުންވިއެވެ. "ބައްޕާ.. ޢީދު މުބާރިކް... ކޮބާ މަންމަ..."
"ދަރިފުޅުމެން ނައިސްގެން ބައްޕަމެން މިތިބީ.. އަވަހަށް އާދޭ ސައިބޯން. ކާފަވެސް އެބައިން.." ޒިބާނަށް އޭނާގެ ދަރިން ކޮންމެވެސް ކަމެއް ސިއްރު ކުރާކަން އެނގުނެވެ. އިތުރު ސުވާލެއް ކުރަން ޒިބާން ބޭނުން ނުވީ މިވަގުތު ގޭގައި ސައިބްރޯތު އުޅޭތީއެވެ. ޒިބާން އެކޮޓަރިން ނިކުތުމުން ހަމަޖެހުމުގެ ނޭވާއެއް ޒޯއީ ބޭރުކޮށްލިއެވެ.
"ބައްޕައަށް އެނގޭނެ..." އިސް އުފުލާލަމުން މެހެކް ބުނި ޖުމްލައިން ޒޯއީ ދެއަތަށް ބޯ ހޫރާލިއެވެ. "ބައްޕައަށް އެނގުނު ނަމަ ސުވާލު ކުރާނެ ދޯ!.. ދެން ވެސް މިހެން ނުތިބެ ހިނގާ ސައިބޯން ދާން...."
އެކި ކަހަލަ މޭވާތަކާއި ކާނާތަކުން މޭޒުމަތި ފުރާލާފައިވާ އިރު ޒޯއީއާއި މެހެކްގެ އިންތިޒާރުގައި އެންމެން ކާމޭޒުދޮށުގައި އިށީންދެގެން ތިއްބެވެ. ސައިބްރޯތުގެ އެކުވެރިންނާ އެކީ އެތައް ބަޔަކު އެ މޭޒު ދޮށުގައި އިށީންދެގެން ތިބިތަން ފެނުމުން ޒޯއީއާ މެހެކް އެމީހުންނަށް ހާއްސަކުރެވިފައިވާ ދިމާލުގައި އިށީނދެ ހަމަޖެހިލިއެވެ. "ދަރިފުޅުމެން ހާދަ ލަސްވީ..." ހިނިތުންވެލަމުން ޒޯއީގެ މޫނަށް ސައިބްރޯތު ބަލާލިއެވެ. ސައިބްރޯތު ވާހަކަ ދައްކަން ފެށުމުން މެހެކް އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. މެހެކްގެ މޫނަށް ފުން ނަޒަރަކުން ސައިބްރޯތު ބަލާލުމުން މޭޒު ކައިރިއަށް ސަކޭރާ ލެފިގަތެވެ.
"ހިނގާ އަވަހަށް ކާން ފަށަމާ... މިހާރު އެންމެން މިތިބީ ހަމަވެފަ..."
*** *** *** *** *** ***
"ކޮން އެންމެންނެއް..." ދެބުމަ ގޮށް ޖަހާލަމުން ރާއިދު ވާހަކަ ދެއްކީ ކިޝަން އެބުނި އެއްޗެއް އޭނާއަށް ނޭނގުމުންނެވެ. ކިޝަންމެންގޭ ސިޓިންގް ރޫމުގައި ރާއިދާ އެކު ހޫދާއި ކިނާން ތިއްބެވެ. އެންމެން އެކަކު އަނެކަކުގެ މޫނަށް ބަލާލީ ކިޝަން އެ ބުނި އެއްޗެއް ރަނގަޅަށް ދޭހަ ނުވުމުންނެވެ.
"ތި ތިން މީހުން އެއްތަންވި ވާހަކަ މިބުނީ... އަހަރެމެން އައްޑޫގައި ގެސްޓްހައުސް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަން މާލެއިން މީހަކު އަންނަ ވާހަކަ ބުނީމެއްނު. މީ ހޫދު... ހޫދުއަކީ މިކަހަލަ މަސައްކަތްތަކަށް ވަރަށް ކުޅަދާނަ ސޮރެއް. ޢީދު ބަންދަށްފަހު ކައުންސިލް އިދާރާއާ އެކީ ބާއްވާ ބައްދަލުވުމަށްފަހު، ވީ އެންމެ އަވަހަކަށް މަސައްކަތް ފެށޭތޯ އުޅެންވީ..." ކިޝަން ވާހަކަ ދައްކަމުން ދިޔައިރު ދެންތިބި ތިން ޒުވާނުން އެވާހަކަތައް ކަނުލާ އަޑުއަހަން ތިއްބެވެ.
މޭޒުމަތީ ހުރި ކޮފީތަށި ތުނބުގައި ޖަހާލަމުން ކޮފީ ފޮދެއް ކިޝަން ބޯލިއެވެ. "ހޫދު ވަރަށް އާވަނެ.. ތިމީހުންނާއެކީ ރަށުތެރެ ދައްކާލަން އެސޮރު ގޮވައިގެން ނިކުންނަންވީނު... މި ދުވަސްކޮޅު ރަށުތެރޭ ނުލާހިކު ކަންކަން ހިންގާލާނެ.. އެސޮރު އެހުރީ މިހާރު ވެސް ފޫހިވެފަ..." ފޯނުގެ ޑިސްޕްލޭއަށް ބަލަންއިން ހޫދާ ދިމާއަށް ލޮލުން އިޝާރާތްކުރަމުން ކިޝަން ވާހަކަ ދެއްކީ ހިނިއައިސް އިނދެއެވެ.
ރާއިދާ ދިމާއަށް ހޫދު ބަލާލަމުން ނިތްއަރުވާލީ ކިޝަން ދެއްކި ވާހަކަތަކަށް އެއްބަސްވުމުގެ ގޮތުންނެވެ. ފޯނު ޖީބަށްލުމަށްފަހު ރާއިދާއި ކިނާނާ އެކީ ހޫދު ބޭރަށް ދިއުމަށް އެ ސިޓިންގް ރޫމުން ނިކުތެވެ. ގޯތިތެރެއަށް ނިކުމެވުމުން އެކަކުއަނެކާ ވާހަކަ ދައްކާލާ ތައާރަފްވިއެވެ. ޢީދު ބަންދަށް ލިބުނު ހަފްތާގައި އެމީހުން ކުރަން ރާވާފައިވާ ކަންތައްތައް ހޫދަށް ކިޔައިދިނުމުން އެ ކަންތައްތަކުގައި ބައިވެރިވާން ހޫދު ބޭނުންވިއެވެ.
"ފެންޖަހާ ހަދަންޏާ އެއްޗެހި ބަދަލުކޮށްގެން ދޯ ދެވޭނީ... މަ މި އަންނަނީ... ފޯނެއް ވެސް ނުގެންދެވޭނެ ދޯ..." ސިޑިއާ ދިމާއަށް ހިނގައިގަންނަމުން ހޫދު ވާހަކަ ދެއްކިއެވެ. "އާން.. އެމީހެއްގެ ސަލާމަތް ހޯދާނީ އެމީހެއް... އަހަރެމެން މިތިބީ މިތާ ބޭރުގަ.. މާ ލަސްނުކުރައްޗޭ..." ކިނާން ގެއިން ބޭރަށް ނިކުންނަމުން އަޑުކޮޅަށް ވާހަކަ ދެއްކީ ހޫދަށް އަޑު އިވޭނެހާ ބާރަށެވެ.
*** *** *** *** *** ***
ކާމޭޒުމަތި ސާފުކޮށް ނިންމާލުމަށްފަހު ކުޑަދޮރުން ބޭރަށް ތަޒްކިޔާ ބަލާލިއެވެ. މެހެކް އާއި ޒޯއީ، އެމީހުންގެ އެކުވެރިންނާ އެކީ ކުޅެން ތިބިތަން ބަލަން ހުރި ތަޒްކިޔާގެ ހަރަކާތް ހުއްޓުނީ އޭނާގެ ސިކުނޑީގައި ފުނި ޖެހެމުން ދިޔަ ހިޔާލުތަކުގެ ސަބަބުންނެވެ. ތަޒްކިޔާގެ މޫނުމަތީ ކުލަވަރު މުޅިންހެން ބަދަލުވެގެން ދިޔައެވެ. މެހެކް އާއި ޒޯއީގެ އުޅުމަށް އަންނަމުން ދިޔަ ބަދަލުތަކުގެ ސަބަބުން ތަޒްކިޔާގެ ބޮލުގައި ރިހުމެއް އުފެދުނެވެ.
މަޑުމޮޅިވެފައިވާ ތަޒްކިޔާގެ މޫނަށް ސަކޭރާ ބަލާލީ ހައިރާންކަމާ އެކީގައެވެ. ފަހަކަށް އައިސް ތަޒްކިޔާ އެކަހެރިކޮށް އިނުމާއި ކޮންމެވެސް ޙިޔާލެއްގެ ތެރެއަށް ގެއްލި ނީންނަ ވަގުތެއް ސަކޭރާއަކަށް ނުފެނެއެވެ. ތަޒްކިޔާގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަމާކީ ޒިބާންއާ ގުޅުންހުރި ކަމެއް ބާވައޭ ހީވުމުން ސަކޭރާ ބޭނުންވީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާށެވެ. "ތަޒްކީ... ކޮންކަމަކާ ތި ވިސްނަނީ؟"
ސިހިފައި ތަޒްކިޔާ ބަލާލީ ލޮލުގައިވާ ކަރުނަތައް ފޮރުވަން ހަލުވިކޮށް އެސްފިޔަތައް ތަޅުވަމުންނެވެ. "ކަމެއް ނުވޭ... ކިހިނެއްވީ ބޮޑު ދައިތާ؟..."ތަޒްކިޔާ ބޭނުންވީ އޭނާ ވިސްނަމުންދާ ކަންތައް އެންމެންނަށް ސިއްރު ކުރާށެވެ. އަވަސް އަރުވާލާފައި ތަޒްކިޔާ އެތަނުން ދާން މިސްރާބުޖެހީ އޭނާއާ ޒިބާންއަށް ހާއްސަކުރެވިފައި ކޮޓަރިއަށެވެ. ތަޒްކިޔާގެ ހަރަކާތްހުރި ގޮތުން ސަކޭރާ އޭނާ ހުއްޓުވާކަށް ބޭނުމެއް ނުވިއެވެ. ކުޑަދޮރުން ބޭރަށް ސަކޭރާ ބަލާލިއިރު ޒޯއީ އާއި މެހެކް ފެނުމުން ސަކޭރާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މެހެކް ފެންނަ ކޮންމެ ފަހަރަކު ޒޭބާ އާއި ކައޭޝާ މަތިން ހަނދާންވެއެވެ. މެހެކް އެންމެ ވައްތަރީ އެ ދެމީހުންނާއެވެ.
ކޮޓަރިއަށް ވަދެވުމުން ތަޒްކިޔާ ގޮސް ކުޑަދޮރު ކައިރީ ހުއްޓިލީ ބޭރު ބަލާށެވެ. ތަޒްކިޔާގެ ލޯ ކުރިމަތިން އެކުދިން ގެއްލޭ ކޮންމެ ފަހަރަކު ތަޒްކިޔާއަށް ހުރެވެނީ ހާސްކަމެއްގެ ތެރޭގައެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ފާރުގައި ވާ ކުރެހުމަށް އޭނާގެ ސަމާލުކަން ހުއްޓުނެވެ.
ފާރުގައި ކުރަހާފައިވާ މަލުގެ ބޯޑަރަށް ބަލަން ހުރި އިރު ތަޒްކިޔާގެ ލޯ މައްޗަށް ސިފަވީ ބެރެބެދި މަލެވެ. އެމާ ބޭނުންކޮށްގެން މަންޝާގެ ކަރުގައި އަޅުވަން ޒިބާން ހަދައިދިން ފަށް ހަނދާން ވުމުން ތަޒްކީޔާއަށް ރޮވުނެވެ. ޒިބާންގެ ފަރާތުން ލޯތްބާ އަޅާލުން ނުލިބުނު ކަމުގައި ވީ ނަމަވެސް ޒޯއީ އާއި މެހެކްގެ ފަރާތުން ތަޒްކިޔާގެ ހިތް ފުރި ބަންޑުންވާ ވާރަށް ލޯބި ލިބެއެވެ. މިއަދު ތަޒްކިޔާ ބިރު ގަންނަނީ އެކުދިން އިންސާނުންގެ ދުނިޔެއަށް ގޮސްދާނެތީއެވެ. ތަޒްކިޔާއަށް އެކުދިން އަބަދުގެ އަބަދަށް ގެއްލި ދާނެތީއެވެ.
ކޮޓަރީގައިވާ މޭޒުދަށަށް ތަޒްކިޔާ ގާތްވެލުމަށްފަހު މަތި ޖަހާފައިވާ ކުޑަ ފޮއްޓެއް ނެގިއެވެ. އެ ފޮށީގެ މަތި ހުޅުވާލުމަށްފަހު އޭގައިވާ ހިލަކޮޅު ތަޒްކިޔާގެ އަތަށް ނެގިއެވެ. އެ ހިލަކޮޅަކީ ތަޒްކިޔާއަށް ވަރަށް މުހިއްމު ހިލަކޮޅެކެވެ. މާޒީގެ ތެރެއިން ބޮޑުކަމެއް ހާސިލްވެފައި ވަނީ އެ ހިލަކޮޅުގެ ޒަރީއާއިން ކަމަށް ވާތީއެވެ. އެ ހިލަކޮޅު އަތުތެރެއަށް ލާ މުށްކަވާލި އިރު ތަޒްކިޔާގެ ހަނދާނަށް އައީ މީގެ ވިހި އަހަރު ކުރީގެ ހަނދާނެކެވެ.
*** *** *** *** *** ***
ވައިގެ ތެރޭ ދަތުރު ކުރަމުން ދިޔަ ޒޭބާގެ ކުރިމައްޗަށް ހުއްޓެމުން ޒޭބާގެ އަތުގައި ތަޒްކިޔާ ހިފެހެއްޓިއެވެ. "ޒޭބާ... ތި ކުރަނީ މޮޔަ ކަމެއް... އެތަނަށް ދާނެ ކަމެއް ނެތް؟..." ތަޒްކިޔާގެ ބަސްހުއްޓުނީ ޒޭބާގެ އަތުގައި އަޅާފައިވާ އަނގޮއްޓި ފެނުމުންނެވެ.
"ތަޒްކީ.. އަހަރެންނަށް މިހުރިހާ ވާހަކައެއް ދައްކާނެ ވަގުތެއް ނެތް.. ޒިބާން އެހެރީ އެތާ ހައްޔަރުވެފަ.. ޒިބާން ބުނި ގޮތަށް އަހަރެން މިކަންތައް ކުރަނީ އެކަމަކު... ތަޒްކީއަށް އަހަންނަށް ކަމެއް ކޮށްދެންޏާ އަހަރެން ބުނާ ގޮތެއް ހަދާދީ.. މިވާހަކަ އެއްވެސް މީހެއް ގާތު ނުބުނާތި؟... އާހް.." އުނަގަނޑަށް އަރަމުން ދިޔަ ތަދަށް ކެތްނުވެގެން ޒޭބާއަށް ރޮވުނެވެ. ޒިބާންގެ ރޭވުން ތަޒްކިޔާއަށް ކިޔައިދިން އިރު ތަޒްކިޔާގެ ލޮލަށްވެސް ކަރުނަ ޖަމާވިއެވެ. ޒޭބާ މަޑުކުރުމެއް ނެތި ދުނިޔެއަށް ދިއުމަށް ދަތުރު ފެއްޓިއެވެ. ތަޒްކިޔާ އެހުރި ފިޔަވަޅުމަތީ ގުޑިލަންވެސް ނޭނގި ހުރީ ދެން ވެދާނެގޮތަކާ މެދު ހިތުގައި ބިރުވެރިކަން އަށަގަންނަން ފެށުމުންނެވެ.
ތަޒްކިޔާއާ ޒޭބާ ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަން ދުރުގައި ސަކޭރާ ހުއްޓެވެ. ޒިބާން އެވާ ޤުރުބާނީއަކީ ކިހާ ބޮޑު ޤުރުބާނީއެއްކަން ވިސްނުމުން ޒިބާނަށް އެހީވާން ސަކޭރާ ބޭނުން ވިއެވެ. ސައިބްރޯތު ކިތަންމެ ނުރުހުން ވިޔަސް ޒިބާންއަށް މިއަދު އެހީވަން ސަކޭރާ ފަހަކަށް ނުޖެހޭނެއެވެ. އެނބުރި ގެއާ ދިމާއަށް ދާން ސަކޭރާ މިސްރާބު ޖެހީ އަވަސް ހައްލެއް ހޯދުމުގެ ބޭނުމަގައެވެ.
ސަކޭރާ ގެއަށް ވަދެ ކިޔެވެލިތައް ކިޔެވުމުގައި އަވަދިނެތި އުޅުނެވެ. ޒޭބާ ދެއްކި ވާހަކަތަކާއި ދޭތެރޭ ވިސްނަން އިން ތަޒްކިޔާއަށް ހިމޭނުން އިނދެވޭ ގޮތެއް ނުވިއެވެ. އަވަސް މިނެއްގައި ގޭތެރޭގައި ދެއަތަށް ދަތުރުކޮށްލަކޮށްލަ އިނދެވުނީ ދެން ހަދަންވީ ގޮތަކާ މެދު ވިސްނާށެވެ. ސަކޭރާގެ ފަރާތުން ޖަވާބެއް ނުލިބި ލަސްވުމުން ތަޒްކިޔާ ދުނިޔެއަށް ދާންވެއްޖެއޭ ހިތަށް އެރީ ކީއްވެކަމެއް ނޭނގެއެވެ. ޒޭބާ އެދުނު ފަދައިން އޭނާގެ ދަރިފުޅުގެ ހައްޤުގައި ޒޭބާއަށް ވީ ވަޢުދު ފުއްދައިދޭން ތަޒްކިޔާ ބޭނުންވިއެވެ.
ދެ ޚިޔާލެއްގައި ހުރެ މަޑުކޮށްލެވުނުކަން އެއީ އޭނާގެ ނަސީބެވެ. ސަކޭރާ އައިސް ދިއްކޮށްލި ހިލަކޮޅުގައި ތަޒްކިޔާ ހިފާ ބާރުކޮށްލިއެވެ. އަތުތެރެއަށް އެ ހިލަކޮޅުލާ މުށްކަވާލަމުން ސަކޭރާގެ މޫނަށް ތަޒްކިޔާ ބަލާލީ ބޮޑު ވާހަކައެއް ބުނަން އެޅޭކަން އެނގުމުންނެވެ.
"މާރިދުންގެ ތެރެއިން އެންމެ ނުބައި އެކަތި އެތާ ވެއްޖެ... ޒޭބާ އާއި މަންޝާގެ ދަރިފުޅު އެތަނުން ސަލާމަތްކޮށްގެން ގެނައުން ވަރުގެ ބުއްދިވެރި ގޮތެއް އަހަންނަކަށް ނުވިސްނޭ..." ތަޒްކިޔާގެ އަތުގައި ހިފަހައްޓައިގެން ހުރި ސަކޭރާގެ ދެލޯ ކަރުނުން ފުރުނެވެ.
"މަންޝާއޯ... ޒޭބާއޯ..." ތަޒްކީގެ އަޑުގައި މަޑު ތުރުތުރެއް ވިއެވެ. ސަކޭރާ ފުން ނޭވާއެއް ލުމަށްފަހު ހަމަޖެހިލަމުން ވާހަކަ ދެއްކިއެވެ. "ތަޒްކީއަށް އެންމެން ސަލާމަތް ކުރެވޭހާ ވަގުތެއް ނޯންނާނެ... ދެދަރިން ސަލާމަތް ކުރެވޭތޯ ބަލާ.. އަވަހަށް ދޭ... ނަމަނަމަ އަތުގައި ތިއޮއް ހިލަކޮޅު އަތުން ވަކިކޮށްނުލާތި... ތި ހިލަކޮޅު އޮތް ހާ ހިނދަކު އެތަނުން އެއްވެސް މީހަކަށް ތަޒްކީއެއް ނުފެންނާނެ..."
ސަކޭރާގެ އަތުން ވީއްލިގެން ޖައްވުގެ ތެރެއިން ތަޒްކިޔާ މިސްރާބުޖެހީ ދުނިޔެއާ ދިމާއަށެވެ. މަންޝާއަށް ފަރުވާ ކުރަމުންދިޔަ ނުވަ ބުރީގެ ބޮޑު އިމާރާތާ ދިމާއަށެވެ. އެ އިމާރާތާ ގާތްވަމުން ދިޔަ ވަރަކަށް ތަޒްކިޔާގެ ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ އުނދަގޫކަމެއް އިހްސާސްވިއެވެ. އިމާރާތުގެ ޓެރަސްބައިގައި އިންސާނުންގެ ބަޔަކު ޒިބާން ހައްޔަރުކޮށްގެން ތިބިތަން ފެނުމުން ތަޒްކިޔާ ޖެހިލުންވިއެވެ. ޒިބާން ސަލާމަތްކުރަން ދާންވީއޭ ހިތަށް އެރި ނަމަވެސް އެވަގުތު ތަޒްކިޔާއަށް މަޑުޖެހިލެވުނީ ޓެރަސްމަތީ ހުރި ކޮޓަރިއެއް ކަހަލަ ތަނަކުން އިވެމުން އައި މަންޝާގެ އަޑުންނެވެ.
އެކޮޓަރިއާ ދިމާއަށް ތަޒްކީ ދިއުމަށް އަވަސްވެގަތެވެ. ކުޑަދޮރު ކައިރީ މަޑުކޮށްގެން ހުރިއިރު އެތެރޭގައި ހިނގަމުން ދިޔަ ހުރިހާކަމެއް ސާފުކޮށް ފެނެއެވެ. އޭރު މަންޝާގެ ބަނޑުގައި ރިއްސަމުން ދިޔައެވެ. މަންޝާގެ މަގަތުގައި ޒޭބާ ހުރިތަން ފެނުމުން ތަޒްކިޔާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ތަޅުންމަތީގައި އޮތް ތުއްތު ކުއްޖާ ފެނުމުން، ޒޭބާ ވިހައިފިކަން އޭނާއަށް ޔަގީން ވިއެވެ. ޒޭބާ އޭރު ހުރީ ބިރުވެރި ސިފައެއްގައެވެ. މަންޝާގެ ގާތުގައި ހުރެ އޭނާ ވާހަކަ ދައްކަމުން ދިޔައީ މަންޝާއަށް ހިތްވަރު ދެމުންނެވެ.
"އަދި ބާރަށް ހިފާލާ... މާ ގިނަ އިރެއް ނުވާނެ.. މަންޝާ... އަދި ތަންކޮޅެއް ބާރަށް..." އޭރުވެސް ޒޭބާ ހުރީ އެ ބިރުވެރި ސިފައިގައެވެ. މަންޝާ ވިއްސަން މަސައްކަތް ކުރަމުން ދަނިކޮށް ކުއްލިއަކަށް މަންޝާގެ ހެޔަށް ގޮތްވެ ގައިން ވަރުދޫވާކަން ޒޭބާއަށް އެނގުނީ ޒޭބާގެ އަތުން މަންޝާ ދޫ ކޮށްލުމުންނެވެ.
"މަންޝާ... މަންޝާ... ލޯހުޅުވަބަލަ..." ޒޭބާ ދެބުރަކަށް މަންޝާއަށް ގޮވާލިއެވެ. މަންޝާ ދެލޯ ހުޅުވާލީ ވަރަށް ވަރުންނެވެ. ޒޭބާ ތަދަށް ހިފަން އެދުމުން ދެން ނުވާނޭ ބުނާފަދަ ގޮތަކަށް މަންޝާ ބޯ ހޫރުވާލިއެވެ.
"ޒޭބާ... އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދީ... އަހަރެންނަށް ދެން ނުވާނެ... މިކުއްޖާ ސަލާމަތްކޮށްދީ..." މަންޝާ ވާހަކަ ދައްކަމުން ދިޔައިރު އަނގައިގަ އެއްވެސް ވަރެއްނެތެވެ. ކަރުތެރެ ހިކިފައިވުމުން ކޮށިކެއްސުމެއް އެރިއެވެ. ޒޭބާއަށް ހަދަންވީ ގޮތް ހުސްވީ އެހިސާބުންނެވެ.
ޒިބާނަށް އޭނާ ވީ ވަޢުދު ފުއްދަން ޒޭބާ ބޭނުންވިއެވެ. އެންމެ ފަހުން ޒޭބާއަށް ފެނުނު އެންމެ މޮޅު ގޮތަށް އޭނާ ކަންތައް ކުރަން ނިންމިއެވެ. މަންޝާގެ އަތުގައި ހިފާލަމުން މަންޝާގެ މޫނަށް ޒޭބާ ބަލާލިއެވެ. މަންޝާގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތްކަން ޒޭބާއަށް އެނގުނެވެ. މަންޝާގެ އެސްފިޔަތަކަށް ވަނީ ބަރުވެފައެވެ. ޒޭބާ ފުންނޭވާއެއް ލަމުން މަންޝާގެ އަތުގައި ހިފާލިއެވެ. މަންޝާގެ ހަށިގަނޑު ތެރެއަށް ފުރޭނިގެން ޒޭބާ ދިޔުމުން މަންޝާގެ ދެލޯ ނޫކުލައިން ދިއްލުނެވެ. ޒޭބާ އެތައް މަސައްކަތެއް ކުރަމުން ދިޔައީ މަންޝާގެ ހަށިގަނޑަށް ގެއްލުމެއް ނުދީ މަންޝާގެ ބަނޑުގައިވާ ދަރިފުޅު ސަލާމަތް ކޮށްދެވޭތޯއެވެ. މިހާރު މަންޝާގެ ހަށިގަނޑުގައި އެ ހިނގަނީ ޒޭބާގެ ބާރެވެ.
އެނދުގައި އޮށޯންނަމުން މަންޝާގެ ދެފައި ދުރުކޮށްލިއެވެ. އެނދުގެ އަރިމަތީގައިވާ ދަނގަނޑުގަނޑުގައި ހިފާ ބާރުކޮށްލަމުން މަންޝާ ތިރީ ތުންފަތުގައި ދަތް އަޅާ ބާރުކޮށްލިއެވެ. ގަޔަށް ލެވުނު ބާރެއްލާ ވިހަން ތަދަށް ހިފާލިއެވެ. ރިހުން ކުޑަވަމުން ދާތީ ޒޭބާ އުންކާރު ދެމުން އައީ ވަރަށް އުނދަގުލުންނެވެ. މާ ގިނަ ވަގުތެއް އެކަމަކަށް ނުނެގިއެވެ. މަންޝާ އޮތް އެނދުމައްޗަށް ކުޑަ ކުއްޖާ ވިހެއުމާ އެކީ ޒޭބާ މަންޝާގެ ހަށިގަނޑު ތެރެއިން ނިކުތެވެ. މަންޝާ ވިހެއީ އަންހެން ކުއްޖެކެވެ. އެކުއްޖާ އޮތީ އިންސާނެއްގެ ސިފައިގައި ވިޔަސް ބުރަކަށީގައި އާދަޔާ ޚިލާފަށް ގިނައިން ކެހެރި ހުއްޓެވެ. އެކުއްޖާ ނަގާ އުރާލަމުން ޒޭބާ އެތުއްތު ކުއްޖާގެ ނިތްކުރިއަށް ބޮސްދިނެވެ. އޭރު ޒޭބާގެ ލޯކަރުނުން ފުރުނެވެ.
ތަޅުން މަތީ އޮތް ޒޭބާގެ ދަރިވެސް އުރާލިއެވެ. ދެކުދިން ގައިގަ ބައްދާލުމަށްފަހު މަންޝާ ގާތުގައި އެދެކުދިން ބާއްވާ ލިއެވެ. ޒޭބާ މިހާރު ހުރީ އޭނާގެ ރީތި ސިފައިގައެވެ. މަންޝާގެ ބޮލުގައި ފިރުމާލަމުން ޒޭބާ ވާހަކަ ދެއްކިއެވެ. "މަންޝާ.. އަހަރެން މިދަނީ ޒިބާން ސަލާމަތް ކުރަން... ޒިބާނަށް އެއްވެސް ދެރަގޮތެއް ނުވާނެ...." ޒޭބާ ދައްކަމުން ދިޔަ ވާހަކަ މަންޝާއަށް ސާފެއް ނުވެއެވެ. އޭނާގެ ލޮލަށް ފެންނަމުން ދިޔަ މަންޒަރު މުޅިންފުސްވެ އެކީ ލޯމެރުނެވެ.
ޒޭބާ އެކޮޓަރިން ނިކުތުމުން ތަޒްކިޔާ އެކޮޓަރިއަށް ވަދެ ދެކުދިންގެ ފޫޅުދަނޑިކަނޑާ ސާފުހުދު ފޮތިގަނޑަކަށްލާ ދެކުދިން އޮޅާލިއެވެ. މަންޝާގެ މަގަތުގައި ދެކުދިން ބާއްވާލުމަށްފަހު ތަޒްކިޔާ އެ ހުރި ދިމާއަށް ތިރި ވިއެވެ. ޓެރަސްމަތީ ކިޔަވަމުން ދިޔަ ކިޔެވެލީގެ އަޑަށް ތަޒްކިޔާގެ ހަށިގަނޑަށް ވެސް ކޮންމެވެސް ވަރަކަށް އުނދަގޫވަމުން ދިޔައެވެ. މުށްކަވާފައިވާ އަތަށް ތަޒްކިޔާ ބަލާލަމުން އެނދުގައި ދެލޯ މަރައިގެން އޮތް މަންޝާއާ ދިމާއަށް ބަލާލިއެވެ.
މަޑުމަޑުން ދެލޯ ހުޅުވާލުމާއެކީ މަންޝާއަށް ބަލާލެވުނީ އޭނާގެ މަގަތުގައި އޮތް ދެކުދިންނަށެވެ. އެކުދިން ތިބީ ނިދާފައެވެ. މަންޝާ އެ ދެކުދިންގެ ގައިގާ ފިރުމާލުމަށްފަހު ތެދުވިއެވެ. އޭރު މަންޝާ އޮތް އެނދުގައިވަނީ ހުސް ލެއެވެ. މަންޝާ ބިންމައްޗަށް ބަލާލީ އޭނާ ލައިގެން ހުރި ހަރުވާޅު ހޯދާށެވެ. މަޑުމަޑުން އެނދުން ފޭބުމަށްފަހު މަންޝާ އޭނާގެ ހަރުވާޅު ލިއެވެ.
ޓެރަސްގައި ކިޔަވަމުން ދިޔަ ކިޔެވެލީގެ އަޑުގަދަވަމުން ދިޔަވަރަކަށް ކަންތައް ގޯސްވެދާނެހެން ތަޒްކިޔާއަށް ހީވުމުން އެނދުގައި އޮތް ދެކުދިން ނަގާ އުރާލިއެވެ. އެވަގުތު އެދެކުދިން ދެލޯ ހުޅުވާލުމަށްފަހު ތަޒްކިޔާގެ މޫނަށް ބަލާލިއެވެ.
ކުދިންނާ ދިމާއަށް މަންޝާ އެނބުރިލީ ކުދިން އަޑުއަޑު ލައްވާތީއެވެ. އެކުދިން އޭރު އެ އެނދަކު ނެތެވެ. އެކުދިން އޭރު ތިބީ އުޑަކު ބިމަކު ނުޖެހިއެވެ. ހީވަނީ މީހަކު އެކުދިން އުރާލައިގެން ހުރިހެނެވެ. މަންޝާގެ މޫނުމަތިން ހައިރާންވުމުގެ ކުލަވަރު ފެނިގެން ދިޔައީ ތަޒްކިޔާ ނުފެންނާތީ ކަން އޭނާއަށް އެނގުނެވެ.
މަންޝާ ކުރިއަށް ފިޔަވަޅު އަޅަމުން ވާހަކަ ދެއްކިއެވެ. "މަގޭ ދަރި....."
ކުދިން ހިފަހައްޓަން މަންޝާ މަސައްކަތް ކޮށްފާނެތީ ތަޒްކިޔާ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. ކުދިން ގޮވައިގެން ކުޑަދޮރާ ދިމާއަށް ތަޒްކިޔާ މިސްރާބު ޖެހިއެވެ. ހައިރާންވެފައި މަންޝާއަށް ބަލަން ހުރެވުނެވެ. ހީވަނީ މީހަކު އެކުދިންތައް ގެންދަނީ ހެންނެވެ. މަންޝާގެ ހަށިގަނޑުގައި މާ ބޮޑު ވަރެއް ނެތުމުން ކުޑަދޮރާ ހަމައަށް އަވަހަކަށް ނުދެވުނެވެ. މަންޝާ އެހިސާބަށް ދާން ވާ އިރަށް އެ ދެކުދިން ވައިގެ ތެރެއިން ވިލާތަކާ ދިމާއަށް ދަތުރު ފެއްޓިއެވެ.
"ނޫން.... މަގޭ ދަރިފުޅު.... ނުގެންދޭ.... މަގޭ ދަރިފުޅު ގެނެސްދީ...." މަންޝާ ރޮއެ އާދޭސް ކުރަމުން ދިޔަ ނަމަވެސް އެކުދިންތައް ދިޔައީ ދުރަށެވެ. ފަޒާގެ ތެރެއިން އެގެއާ ދުރަށް ދިޔައިރު ތަޒްކިޔާ ތިރިއަށް ބަލާލިއެވެ. މަންޝާ ރޮއެ އާދޭސްކުރަމުން ދިޔައެވެ. އެ ދެކުދިން ގެނެސްދިނުމަށް އެދި ރޮމުން ދިޔައެވެ. ތަޒްކިޔާގެ ލަގޮނޑިއަށް ކެތްކުރަން އުނދަގޫވިއެވެ. ދެލޯ މަރާލަމުން އެ ދެކުދިން ގެނެސް މެއާލާ ބޮނޑިކޮށްލަމުން ސަކޭރާ ކައިރިއަށް ދާން އަވަސްވެގަތެވެ.
އެކުދިންގޮސް ލޮލުކޮޅަށް ގެއްލުނު ދިމާއަށް ބަލަހައްޓައިގެން މަންޝާ ހުރިއިރު އޭނާއަށް ރޮވެނީއެވެ. ކުޑަދޮރު ކައިރިން ބިންމައްޗަށް ތިރިވެ ރޮމުން ދިޔައިރު މަންޝާގެ ގައިގާ މާ ބޮޑު ވަރެއް ނެތެވެ.
(ނުނިމޭ)
