ކޮރަޕްޝަނާއި ވައްކަން ހިންގާ އެންމެންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލިހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ކޮރަޕްޝަން ނައްތާލުމުގައި ގިނަ މަސައްކަތްތައް މި ސަރުކާރުން މިހާރުވެސް ކުރަމުންދާ ކަމަށާއި އެގޮތުގެ މަތިން މިއަހަރުގެ ފުރަތަމަ ދައުރުގައި އެކަމާ ގުޅޭ ގިނަ ބިލުތަކެއް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ވެސް ދައުލަތުގެ ހިންގުމުގެ ނިޒާމު ޑިޖިޓަލައިޒްކޮށް ނިމުމުން، ކޮރަޕްޝަންގެ ވަބާ ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ވަރަށް ބޮޑަށް ނެތިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން މަޖިލީހަށް ހުށަހަޅާ ބިލް ތަކުގެ ތެރޭގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އެންޓި-ކޮރަޕްޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން އެސެޓް ރިކަވަރީއާ ބެހޭ ބިލު ވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން މި ބިލުތަކުގެ އިތުރުން މަޖިލީހުގެ ކޮމިޓީ މަރުހަލާގައިވާ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ނުހައްގު މުއްސަނދިކަމުގެ ކުށާ ބެހޭ ބިލާއި ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްވުމުން މި ބޮޑު ކޮރަޕްޝަންގެ މައްސަލައަށް ހައްލެއް ގެނައުމަށް ގިނަގުނަ ކުރިއެރުންތަކެއް ލިބޭނެކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކޮރަޕްޝަނާ ވައްކަމާއި ފަސާދަ ހިންގާ އެއްވެސް ފަރާތެއްގެ މައްސަލަ، އެ މައްސަލައިގެ ހެއްކާ އެކު އަޅުގަނޑާ ހަމައަށް ގެނެސްފި ނަމަ، އެ ފަރާތަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ފަސް ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
