ކުޑަކުދިންގެ ވިޔަފާރި ކޮށް އެކުދިންގެ ފަރަތުން ޖިންސީ ޣަރީޒާ ފުއްދަމުން ދިޔަ ބިލިއަނަރު ޖެފްރީ އެޕްސްޓީންގެ އަނދިރިފަރާތް އެނގިވަޑައި ނުގަންނަވާ ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކުރީގެ ނައިބުރައީސް އަދި ފަހުން ރައީސް މުހައްމަދު ނަޝީދު (އަންނި) ގެ ވެރިކަން ވެއްޓުމާއެކު ރައީސަކަށް ވެވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ނަން، އެޕްސްޓީން ފައިލްސް ގައި 244 ފަހަރު ފާހަގަ ކޮށްފައިވާ އިރު އެމަނިކުފާނު ޖެޕްރީ އެޕްސްން އާ ބައްދަލުކުރެއްވިކަން ވެސް ވަނީ ހާމަވެފައެވެ.

އެޕްސްޓީން ފައިލްސް ލީކުވެ، އެ މައްސަލަ ހޫނުވެފައިވާއިރު ވަހީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެ މަނިކުފާނު އެޕްސްޓީންއާ އެކު ބޭއްވެވި އެއްވެސް ބައްދަލުވުމަކީ އިޖުތިމާއީ ބައްދަލުމެއް ނޫން ކަމަށެވެ. އަދި އެޕްސްޓީންއާ އެކު ސިޔާސީ ޕާޓީއެއް ނުވަތަ ނުރަސްމީ ބައްދަލުވުމެއް ނުބާއްވަވާ ކަމަށާއި އެ ބައްދަލުވުންތަކަކީ މަގާމުގެ ހައިސިއްޔަތުން، އެހެން އޮފިޝަލުންނާ ވެސް އެކުގައި ބޭއްވެވި ބައްދަލުވުން ތަކެއް ކަމަށެވެ.

މީގެ އިތުރުން މި ބަޔާނުގައި ވަނީ ވަހީދު އެޕްސްޓީންއާ ބައްދަލުކުރެއްވީ ރާއްޖެ އަށް ވަރަށް ބޮޑަށް އެހީ ބޭނުންވެފައި ވަގުތެއްގައި މާލީ އަދި ބަޖެޓަރީ ބޭނުންތަކަށް ލަފާ ބޭނުންވެފައި އޮތް ވަގުތެއްގައި ނުފޫޒު ގަދަ އަދި އިހުތިރާމް ލިބިގެންވާ ސިޔާސީ ބައެއް ލީޑަަރުންގެ ލަފާގެ މަތިން ކަމަށެވެ.

އެޕްސްޓީންއަށް 2008 ގައި ކުރި ތުހުމަތުތަކާއި އެ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރުކުރިކަން ރައީސް ވަހީދަށް އެނގިވަޑައި ނުގަންނަވާކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ އޭނާގެ މައްޗަށް 2008 ގައި ކުރި ދައުވާތައް ކުރީ ކިހާވަރެއްގެ ޖަރީމާތަކަކާ ގުޅިގެން ކަން ވަހީދަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ވަހީދު އެހެން ވިދާޅުވި އިރު، ސިޔާސީ މަތީ މަގާމެއްގައި ހުންނަވައި ބައްދަލު ކުރެއްވެނީ ކާކާކަން ވަހީދަށް އެނގިވަޑައިނުގެންނެވި އިރު، މީޑިއާތަކުގައި ވެސް އެޕްސްޓީންގެ ވާހަކަ އޮތީ ތިލަކޮށްފައެވެ. 2008 ގެ ފަހުން ގާތްގަނޑަކަށް 9 އަހަރު (2017) އާ ޖެހެންދެން ވަހީދު އެޕްސްޓީނާ ގުޅުން ބޭއްވެވިކަން ލީކްވެފައިވާ ލިޔެކިޔުންތަކުން އެނގެއެވެ.

ދުނިޔޭގެ އެތައް ގައުމެއްގެ ގިނަ އަދަދެއްގެ ވެރިންނާއި، ބިލިއަނަރުންނާއި، ފިލްމްސްޓާރުން އަދި ސެލެބްރިޓީންނާއި، ނުފޫޒުގަދަ އެތައް ބަޔަކު އޭނާގެ މުށުތެރޭގައި ގެންގުޅުނު ޖެފެރީ އެޕްސްޓީން އާއި ޑރ. ވަހީދު ބައްދަލު ކުރައްވާފައި ވާ ބައެއް ހާލަތްތަކުގެ ވާހަކަވެސް އެޕްސްޓީން ފައިލްސްގައި ވެއެވެ.