އިޒްރޭލުން، ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމު ހުއްޓުވުމަށް ގޮވާލައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅަކީ މިހާތަނަށް ރާއްޖޭގެ ވެރިއަކު ކުރައްވާ އެންމެ ވަރުގަދަ އަދި ސާބިތު މަސައްކަތްޕުޅު ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެއް އަހަރުވުމާ ގުޅިގެން، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ވަހީދު ވިދާޅުވީ 2023ވަނަ އަހަރު ރިޔާސީ ދައުރު ބަދަލުވީއިރު ރާއްޖެއަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކެއް ހުރިކަމަށެވެ. އޭގެތެރޭގައި ހާރިޖީ، ދާހިލީ އަދި އިގްތިސާދީ ގޮތުން ގޮންޖެހުންތަކެއް ހުރިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ދައުރު ބަދަލުވީއިރު ބައެއް ގައުމުތަކާމެދު ދިވެހީންގެ ހިތްހަމަނުޖެހުން ތަކެއް ހުރިކަމަށެވެ. އޭރު އިންޑިއާއެކުއޮތް ޒަމަންވީ ގުޅުމާމެދުވެސް ސުވާލުތަކެއް އުފެދިފައި ހުރިކަން ފާހަގަ ކުރައްވަމުން ވަހީދު ވިދާޅުވީ އިންޑިއާގެ އިތުރުން ޗައިނާއާ މެދުވެސް އޮތް ގުޅުމަށް ނުރަނގަޅު އަސަރުތަކެއް އޭރު އޮތްކަމަށެވެ. ރައީސްް މުއިއުޒު، ރައީސްކަމަށް ވަޑައިގެން މާގިނަ ދުވަހެއްނުވެ އެގުޅުންތައް ބަދަހިކުރަން ގިނަ މަސައްކަތްތަކެއް ކުރެވިކަން ފާހަގަކޮށް ވަހީދު ވިދާޅުވީ މިއާއެކު ދެގައުމާމެދު އޮތް ގުޅުން ބަދަހިވެގެން ދިޔަކަމަށެވެ. އަދި އޭގެސަބަބުން ބައިނަލްއަގްވާމީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރަމުންދާކަމަށް ވަހީދު ވިދާޅުވިއެވެ.

އިތުރަށް ވަހީދު ވިދާޅުވީ ސަރުކާރުން ކުރެއްވި މަސައްކަތްތަކުގެ ތެރެއިން އެންމެ އުފާކުރާކަމަކީ ފަލަސްތީނުގައި ހިނގަމުންދާ ގަތުލް އާންމު ހުއްޓުވުމަށް ކުރަމުންދާ މިންނެތް މަސައްކަތް ކަމަށެވެ. އެގޮތުން އޯއައިސީ ބައްދަލުވުމުގައި ރައީސް ދެއްވި ތަގުރީރަކީ ފަހަކަށް އައިސް ގައުމެއްގެ ވެރިޔަކު ދެއްވި އެންމެ ވަރުގަދަ އަދި ސާބިތު ތަގުރީރުކަމަށް ވަހީދު ވިދާޅުވިއެވެ. އަދި އިޒްރޭލާއި ދެކޮޅަށް ސައުތު އެފްރިކާގެ ފަރާތުން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ހުށައަޅާފައިވާ މައްސަލައަށް ތާއިދުކޮށް ރާއްޖޭގެ ފަރާތުން ވަރަށް ވަރުގަދަ ވަކީލުންގެ ޓީމެއް ފޮނުއްވިކަން ވަހީދު ފާހަގަކުރެއްވިއެވެ.