ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައެވެ.
ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް މެއި 26، 2025 ވަނަ ދުވަހު އައްޔަންކުރެއްވި ވަހީދު އިސްތިއުފާދެއްވާފައި މިވަނީ ކުޑަކުދިންނާ ބެހި، ވިޔަފާރިކޮށް އެތައް ޖަރީމާއެއް ހިންގި ބިލިއަނަރު ޖެފްރީ އެޕްސްޓީން ފައިލްސް ގައި ވަހީދުގެ ގާތް ގުޅުމުގެ ވާހަކަތައް ތިލަވެފައިވާ ދަނޑިވަޅެއްގައެވެ.
މި ގޮތުން އެޕްސްޓީން ފައިލްސް ގައި ފާހަގަ ކޮށްފައިވާ ގޮތުން ދުނިޔޭގެ އެތައް ގައުމެއްގެ ގިނަ އަދަދެއްގެ ވެރިންނާއި، ބިލިއަނަރުންނާއި، ފިލްމްސްޓާރުން އަދި ސެލެބްރިޓީންނާއި، ނުފޫޒުގަދަ އެތައް ބަޔަކު އޭނާގެ މުށުތެރޭގައި ގެންގުޅުނު ޖެފެރީ އެޕްސްޓީން އާއި ވަހީދު ބައްދަލު ކުރައްވާފައި ވާ ބައެއް ހާލަތްތަކުގެ ވާހަކަ ފައިލްސްގައިވެއެވެ.
ރާއްޖޭގެ ރައީސް ކަމުގެ އިތުރުން، ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ވަހީދު، ޖެފްރީ އެޕްސްޓީން އާއި ބައްދަލު ކުރައްވަމުން ގެންދެވި އިރު، ކުރައްވާފައި ވާ އިތުރު މުއާމަލާތްތަކަށް ބަލާއިރު، ރާއްޖޭގައި ޕްރިވެޓް އައިލޭންޑެއް ހަދަން މަސައްކަތް ކުރުމާއި، ދިވެހި ދައުލަތުގެ ސިއްކަ ޖެހި ލިޔުން (ވަހީދުގެ ދަތުރު ތާވަލެއް) ހިއްސާކޮށްފައި ވާކަންވެސް އެނގެއެވެ.
