1 މަސް ތެރޭ އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ މި ނިމުނު ޖަނަވަރީ މަހު ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ނިމުނު ޖެނުއަރީ މަހު 224،788 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށާއި މިއީ ނިމުނު ޑިސެމްބަރު މަހުގެ ރެކޯޑު މުގުރާލާ އަދަދެއް ކަމަށެވެ. އެގޮތުން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އައިސްފައިވަނީ 224،455 ފަތުރުވެރިން ކަމަށް ތޯރިގު ވަނީ ވިދާޅުވެފައެވެ.

ތޯރިގު ވިދާޅުވީ ޖެނުއަރީ މަހު ހެދުނު މި ރެކޯޑަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މި އަހަރު ލިބުނު އާ އުންމީދީ ފެށުމެއް ކަމަށާއި، މިކަމުން ދައްކުވައިދެނީ އެންމެން އެކުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުން ކާމިޔާބު ހާސިލު ކުރެވޭނެ ކަމަށެވެ.

މީގެއިތުރުން ރާއްޖެއަށް މިހާތަނަށް އެއް ދުވަހަކަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކަށް ފެބްރުއަރީ 1 ވަނީ ވެފައެވެ. އެގޮތުން ފެބްރުއަރީ 1 ވަނަ ދުވަހު 10،253 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރުޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި ސަރުކާރުގެ އަމާޒުގެ ތެރެއިން އެންމެ ބޮޑު އަމާޒަކީ 2027 ވަނަ އަހަރު ޓޫރިޒަމް ދާއިރާ އިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އެރުވުން ކަމަށްވެސް ޓޫރިޒަމް މިނިސްޓަރު ތޯރިގު ވިދާޅުވެފައިވެއެވެ. އެގޮތުން ތޯރިގު ވިދާޅުވީ އެމަގަށް ކުރެވޭ މަސައްކަތުން މިވޭތުވެ ދިޔަ ދެ އަހަރު ތެރޭ މި ސިނާއަތަށް 6،665 އެނދު ހިދުމަތަށް ނެރެފައިވާ ކަމަށެވެ.