މ. އަތޮޅު މަދަރުސާގެ ޓީޗަރެއް އެ ސްކޫލްގެ ދަރިވަރުންތަކަކަށް ޖީޏްސީ ގޯނާ ކޮށްފައިވާ މައްސަލައިގައި 5 ދައުވާއެއް ކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައި ގައި ތުހުމަތު ކުރެވޭ ފަރާތަކީ މ. ކޮޅުފުށި، ސާދާގެ، ޝުއައިބު އަބްދުﷲ އެވެ. އޭނާ އަކީ މ. އަތޮޅު މަދަރުސާގެ ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި ހުރެ، އެ ސްކޫލް ދަރިވަރުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަރާތެއް ކަމަށާއި އޭނާގެ މައްޗަށް 5 ދައުވާ އެއް ކުރުމަށް މި މަހުގެ 21 ވަނަ ދުވަހު މ. ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ޝުއައިބު އަބްދުﷲގެ މައްޗަށް ކުރެވޭ ދައުވާތައް
- އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާ - މިއިން އެއް ދައުވާ އަށް އަދަބެއްގެ ގޮތުގައި 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން
- އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުވުމުގެ 2 ދައުވާ - މިއިން އެއް ދައުވާ އަށް އަދަބެއްގެ ގޮތުގައި 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން
- ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ: މި ދައުވާ އަށް އަދަބެއްގެ ގޮތުގައި 1 މަހާއި 6 ދުވަހަށް ޖަލަށްލުން
މި ދަޢުވާތަކަކީ ޝުއައިބު އަބްދުﷲ، މ. އަތޮޅު މަދަރުސާގައި އޭނާ ކިޔަވައިދޭ 2 ކުއްޖެއް ގައިގާ ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީއާއި، އެކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައި ވާތީ ކޮށްފައިވާ ދައުވާތަކެއް ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
މި ދައުވާތައް ސާބިތުވެއްޖެނަމަ، ޝުއައިބު އަބްދުﷲ ގެ މައްޗަށް މަދުވެގެން 60 އަހަރާއި 1 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.
