މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރިޝްވަތު ހިފުމުގެ 7 ދައުވާގެ ތެރެއިން 5 ދައުވާ ސާބިތުވުނުވާކަމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ނިންމާފައިވާކަމަށް ޕީޖީން ބުނެފައެވެ.
މިއަދު ކްރިމިނަލް ކޯޓުން ވަނީ އަބްދުالله މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރިޝްވަތު ހިފުމުގެ 7 ދައުވާގެ ތެރެއިން 5 ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ.
ޕީޖީން ބުނީ މި 5 ދައުވާ ސާބިތުނުވާކަމަށް ނިންމާފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތް ކުރުމެއްނެތި، ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން، ސާބިތުނުވާކަމަށް ކަނޑައެޅި ދައުވާތަކުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.
އިތުރަށް ޕީޖީން ބުނީ މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު ލިބުމުން ކަމަށާއި އެހެން ކަމުން އެ ރިޕޯޓް ލިބުމުން އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު މޯލްޑިވް ގޭސްގެ މެނޭޖީން ޑިރެކްޓަރަކަށް ހުންނެވި މައުމޫނުގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެޕްރީލް 18، 2024 ގައެވެ. އޭނާއާއި އޭނާގެ އާއިލީ ބައެއް މީހުންނަށް މޯލްޑިވް ގޭހުގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލްއިން ފައިސާ ފޮނުވާ ކަމަށް ތުހުމަތުކޮށްފައިވާއިރު މި މައްސަލާގައި މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރިޝްވަތު ހިފުމުގެ 2 ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، 12 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށް މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ވަނީ ހުކުމްކޮށްފައެވެ.
