މާލެއަތޮޅު ފުށިދިއްގަރުފަޅު ހިއްކައި، އެ ތަނުން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދީގެން ހިންގުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫއުގެ އެއްބަސްވުމުގެ އެންމެހައި ތަފްސީލުތައް ހާމަކުރުމަށާއި، ބިދޭސީންނަށް ބިން މިލްކުވާ ގޮތަށް އެއްވެސް މުއާމަލާތެއް ނުހިންގުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސަރުކާރަށް ގޮވާލައިފިއެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ނަމުގައި ދައުލަތުން ބޮޑު ހޭދައެއްކޮށްގެން ހިންގާ ފުށިދިއްގަރުފަޅު މަޝްރޫއުގެ ދަށުން، އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް އެ ފަޅުގެ ބޮޑު ބައެއް ދިނުމަށް ސަރުކާރުން ހިންގަމުންދާ މުއާމަލާތްތަކާ މެދު އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމަށެވެ. އެމްޑީޕީން އަބަދުވެސް ބޭރުގެ އިންވެސްޓަރުންނަށާއި މިނިވަން ވިޔަފާރިއަށް މަރުހަބާ ކިޔާ ކަމަށާއި ނަމަވެސް، މި މުއާމަލާތާ ގުޅިގެން އެ ކުންފުނިން ހާމަކޮށްފައިވާ މައުލޫމާތާއި ސަރުކާރުން ހާމަކުރާ ވާހަކަތަކާ ދެމެދު ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، އެ ގައުމަށް އެހާ ބޮޑު ފައިދާއެއް ވާން އޮތް މަޝްރޫއެއްނަމަ، އެކަމުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ހާމަނުކޮށް ސިއްރުކުރުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި އެ ޕާޓީން ވަނީ ސިފަކޮށްފައެވެ.
އެހެންކަމުން، އީގަލް ހިލްސް ކުންފުންޏާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ މުއްދަތާއި، ދައުލަތުން އުފުލަންޖެހޭ މާލީ އިލްތިޒާމުތަކާއި މަސްއޫލިއްޔަތުތައް އަދި އެ ފަރާތަށް ދީފައިވާ މާލީ ލުއިތަކާއި އިސްތިސްނާތަކުގެ އެންމެހައި ތަފްސީލުތައް ވަގުތުން ރައްޔިތުންނަށް ހާމަކޮށްދިނުމަށް އެމްޑީޕީން ވަނީ ދިވެހި ސަރުކާރަށް ގޮވާލާފައެވެ.
ހަމައެއާއެކު، މި މަޝްރޫއުގެ ދަށުން ދިވެހިރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ އެއްވެސް އުސޫލަކަށް އެއްބަސްވެފައިވޭތޯ ނުވަތަ މުސްތަގުބަލުގައި އެފަދަ ހައްގެއް އުފަންވެދާނެ އެއްވެސް ކަމެއް ހިމެނިފައިވޭތޯ ސާފުކޮށްދިނުމަށްވެސް ވަނީ އެދިފައެވެ. ދިވެހިރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކޮށްދިނުމުގެ އެއްވެސް އިހުތިޔާރެއް ސަރުކާރަށް ލިބިގެން ނުވާކަން ހަނދާންކޮށްދެމުން، އެމްޑީޕީން ބުނީ ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ އަދި ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ.
އެހެންކަމުން، މިފަދަ ނިންމުމެއް ނިންމަންވާނީ ރައްޔިތުންގެ މެދުގައި ނަގާ ހިޔާލު ހޯދުމުގެ އާންމު ވޯޓަކުން ކަމަށްވާތީ، ރައްޔިތުންގެ ރުހުމެއް ނެތި މިފަދަ އެއްވެސް މުއާމަލާތަކަށް ނުވަނުމަށް އެމްޑީޕީގެ ބަޔާނުގައި ސަރުކާރަށް ވަނީ ބާރުއަޅައި ގޮވާލައިފައެވެ.
