ވަކި އަދަދަކަށްވުރެ ކުޑަ ބީލަންތަކަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ބީލަންތަކެއްގެ ގޮތުގައި ހަމަޖައްސަން މަސައްކަތް ކުރަމުންދާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގެތެރެއިން މިހާރަށްވުރެ ފަހި ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ އޮފީސްތަކުން އާއްމުކޮށް އިއުލާންކޮށްގެން ކުރިއަށް ގެންދާ ބީލަންތަކުގެ ތެރެއިން ޖުމުލަ އަގުގެ ގޮތުން ވަކި އަދަދަކަށްވުރެ ކުޑަ ބީލަންތަކަކީ ހަމައެކަނި ކުދި އަދިމެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ބީލަންތަކެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އަދި ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވާދަވެރިކަން އިތުރުވާނެގޮތަށް އެ ނިޒާމު ބައްޓަންކުރުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށެވެ.
މީގެއިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ދައުލަތަށް ދައްކަންޖެހި މިހާތަނަށް ނުދެއްކި ވާ ޓެކުހުގެ ފައިސާ ސެޓްލްކުރާނެ ފަސޭހަ ގޮތެއް މޯލްޑިވްސް އިންލަންޑް ރެވެނިޔު އޮތޯރިޓީއާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ މަޝްވަރާކޮށް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓްރީން އިތުރަށް ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭ ހިދުމަތްތަކާއި ފީތައް ވީ އެންމެ ކުޑަކޮށް ދެވޭނެގޮތްތައް ހޯދައި އެ ވިޔަފާރިތަކުން ޑޮލަރުން ދައްކަމުންދާ ފީތައް ދިވެހި ރުފިޔާއިން ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ކުރިއަށް އޮތް 2 އަހަރު ތެރޭ ބޮޑެތި ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމާފައި އޮތްއިރު، ބައެއް ލުއިތައް ޖެނުއަރީ 1 ފެށިގެން ތަންފީޒުކުރަން ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ދާދި ފަހުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައި ރައީސް ވަނީ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި ގޮންޖެހުންތަކުގެ ވާހަކަ އަޑުއައްސަވާފައެވެ. ކުދި ވިޔަފާރިތަކަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމަށާއި އަންނަ އަހަރު ކުދި ވިޔަފާރިތަކަށް ހާއްސަ ކޮށްގެން 500 މިލިޔަން ރުފިޔާގެ ލޯނު ދިނުމަށް ނިންމަވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ވަނީ ވިދާޅުވެފައެވެ.
