ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓީބިލް އަނބުރާ ދެއްކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި އާންމުންގެ ޑިޕޮސިޓް ފައިސާ ބޭނުންކޮށްގެން ކަމަށް ދެކެވޭ ވާހަކަތައް ފިނޭންސް މިނިސްޓްރީން ދޮގުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ޓީ ބިލް އަނބުރާ ދައްކާފައިވަނީ ބީއެމްއެލްގައި ހުރި އާންމުންގެ ފައިސާއިން ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެކެވެ. މި ފައިސާ ދައްކާފައިވަނީ ދުރާލާ އެކަމަށް ތައްޔާރުވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރަމުންދިޔަ ފައިސާ ބޭނުންކޮށްގެންކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

2019 ވަނަ އަހަރު ނަގާފައިވާ މި ޓީ-ބިލަކީ ސެޕްޓެމްބަރު 17 2026 ގެ ނިޔަލަށް މުއްދަތު ހަމަވާ އެއްޗެކެވެ. ކަނޑައެޅިފައިވާ ތާރީހަށް މި ފައިސާ ދައްކައި ހަލާސްކުރާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން، މެއި 11، 2026 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާންކުރައްވާފައެވެ.

ދަރަނި ދެއްކުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ދައްކާ ވާހަކަތައްވެސް ސަރުކާރުން ދޮގުކޮށްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އޮގަސްޓުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައެވެ.

އެހެންކަމުން ދަރަނީގެ ބޮޑު އަދަދެއް ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ސަރުކާރުންވަނީ ދީފައެވެ.