ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) ގެ ޗީފް އެގްޒެކެޓިވް އޮފިސާ ސުލްތާން ބިން އަބްދުއްރަޙްމާން އަލް މުރްޝިދު ތިން ދުވަހުގެ ރަސްމީ ދަތުރެއްގައި ދިވެހިރާއްޖެ ވަޑައިގެންފިއެވެ.
ފިނޭންސް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި ދަތުރަކީ ރާއްޖެ އާއި ސައުދީ ފަންޑާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ ދަތުރެކެވެ. އަދި މި ދަތުރުގައި ސަރުކާރުގެ އިސްވެރިންނާއެކު ރަސްމީ މުހިންމު ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް މުރްޝިދަކީ މީގެ ކުރިންވެސް އެކި ފަހަރު މަތިން ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، ރާއްޖޭގެ ތަރައްގީއަށާއި އުމްރާނީ ކުރިއެރުމަށް ސައުދީ ފަންޑުން ވެދޭ އަގުހުރި އެހީތެރިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަލް މުރްޝިދުއަށް ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތެއް ކަމަށްވާ "ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް" އަރުވާފައެވެ.
ސައުދީ ފަންޑަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއަށް އެކަނިވެސް ސައުދީ ފަންޑުން ވަނީ 217 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެއިތުރުން، ރައީރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ 400 ހައުސިން ޔުނިޓުގެ މަޝްރޫއު ފަދަ އިޖުތިމާއީ އަދި އިގްތިސޯދީ ގިނަ މަސައްކަތްތަކެއް އެ ފަންޑުގެ އެހީގައި ދަނީ ހިންގަމުންނެވެ.
މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސައުދީ ފަންޑުގެ ދީލަތި އެހީތެރިކަމާއެކު އުމްރާނީ، ސިއްހީ، މަސްވެރިކަމާއި ތައުލީމީ ދާއިރާ ހިމެނޭހެން 40 އަށް ވުރެ ގިނަ ތަރައްގީގެ މަޝްރޫއު ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
