ފަތުރުވެރިކަމުގެ ދާއިރާގެ ތަކެއްޗާ ހިދުމަތްތަކުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އިތުރުވުމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ޕީއެސްއައިޕީ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ހަލުއިވާން ފަށާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ޑިސެމްބަރު 18، 2025 ގެ ނިޔަލަށް، ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ ވަނީ 36.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ، 2024 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 33.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.8 ބިލިއަން ރުފިޔާ ނުވަތަ 11.5 އިންސައްތައިގެ އިތުރުވުމެކެވެ.
މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން މިއަހަރުގެ މި މުއްދަތުގެ ތެރޭގައި ޓީޖީއެސްޓީ ގެ ގޮތުގައި 15.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ބޮޑު ބައި ހިއްސާކުރަނީ ޓީޖެއެސްޓީއަށެވެ. އެގޮތުން ޓިޖީއެސްޓީގެ ގޮތުގައި 10.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 8.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.3 ބިލިއަން ރުފިޔާ ނުވަތަ 15.1 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 25.0 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 2.5 ބިލިއަން ރުފިޔާ އިތުރުވެ 27.5 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 7.5 ބިލިއަން ރުފިޔާއިން 9.1 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ.
މިއަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ގެ ނިޔަލަށް ޖުމްލަ ހަރަދުތައް 38.9 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު ފާއިތުވި ހަފްތާގައި ހަރަދުތައް އިތުރުވި މައިގަނޑު ސަބަބަކީ ދަރަނީގެ ހިދުމަތަށް ކުރެވުނު ހަރަދުތަކެވެ. ރިކަރަންޓް ހަރަދުތަކުގެ ތެރެއިން، މުހިންމު ހަރަދެއް ކަމަށްވާ ސަބްސިޑީތަކަށް 3.4 ބިލިއަން ރުފިޔާ ހަރަދުކުރެވިފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ހަރަދުކުރެވުނު 3.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 190.3 މިލިއަން ރުފިޔާ ކުޑަ އަދަދެކެވެ.
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ޖުމްލަ 7.5 ބިލިއަން ރުފިޔާ ހަރަދުކުރެވިފައިވެއެވެ. އެގޮތުން ޕީއެސްއައިޕީގެ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ބައި ހަރަދުކުރެވިފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށެވެ. އެގޮތުން، 4.4 ބިލިއަން ރުފިޔާ ހަރަދުކުރެވިފައިވާއިރު، އޭގެ ތެރޭގައި އެއާޕޯޓު ތަރައްގީކުރުމަށް 3.2 ބިލިއަން ރުފިޔާ އާއި ބްރިޖް ހެދުމަށް 870.3 މިލިއަން ރުފިޔާ ހިމެނެއެވެ. ސިއްހީ ދާއިރާއަށް ކުރެވުނު ޕީއެސްއައިޕީ ހަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 145.5 މިލިއަން ރުފިޔާއިން 453.1 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 307.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މީގެ އިތުރުން ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް 2.0 ބިލިއަން ރުފިޔާއަށް ކުޑަވެފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކުރެވުނު 11.5 ބިލިއަން ރުފިޔާގެ ޑެފިސިޓަށްވުރެ 9.5 ބިލިއަން ރުފިޔާ ނުވަތަ 82.5 އިންސައްތަ ކުޑަ ޑެފިސިޓެކެވެ. ޕްރައިމަރީ ބެލެންސް 2.5 ބިލިއަން ރުފިޔާގެ ސަރަޕްލަސްއަކަށް ވަނީ ރަނގަޅުފައެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތުގައި ހުރި 6.9 ބިލިއަން ރުފިޔާގެ ޕްރައިމަރީ ޑެފިސިޓްއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
