ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިންގެ ފުރަތަމަ ކޯސް ފުރިހަމަކޮށް 344 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

އެކަމަށްޓަކައި އިއްޔެ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓާ، ޅ. މާފިލާފުށީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

އެމްއެންޑީއެފްއިން ބުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން މި މަހުގެ 28އަށް އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓާ ޅ. މާފިލާފުށީގައި ކުރިއަށްގެންދިޔަ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިންގެ ފުރަތަމަ ކޯހުގައި ރާއްޖޭގެ 108 ރަށަކަށް ނިސްބަތްވާ 350 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.

64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުން ބައިވެރިވި އެ ކޯހުގައި ދަސްވެނިވި ދަރިވަރުންގެ އެވްރެޖް އުމުރަކީ 18 އަހަރު ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މި ތަމްރީނުގައި ކިޔަވައިދިން މާއްދާތައް:

  • ދިވެހި ގައުމިއްޔަތު
  • ޒިންމާދާރު ރައްޔިތުކަން
  • ލޭންގުއޭޖް ޕްރޮފިޝަންސީ
  • ލީޑާޝިޕް
  • އިސްލާމިކް ސްޓަޑީސް
  • ފިޒިކަލް ޓްރޭނިން
  • ވޯޓާމަންޝިޕް
  • ޑްރިލް
  • ފަސްޓް އެއިޑާ
  • ފަޔާ ފައިޓިން
  • ސެލްފް ޑިފެންސް
  • ކޭމްޕް އެކްޓިވިޓީސް

13 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، 344 ދަރިވަރުން ދަސްވެނިވެފައި ވާއިރު، ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 96 ޕަސެންޓް ދަރިވަރުން ވަނީ ތަމްރީނުގައި ކަނޑައަޅާފައިވާ މިންގަނޑުތައް ހާސިލުކޮށް، ސެޓިފިކެޓް 3 އިން ސިވިކް އެޑިޔުކޭޝަން އެންޑް ލީޑާޝިޕް އެވޯޑް ހާސިލުކޮށްފައެވެ.

މި ޓްރޭނިން ޕްރޮގްރާމަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ގައުމިއްޔަތަށް ލޯބިކުރާ، ކަންކަމާ މެދު ޕޮޒިޓިވްކޮށް ވިސްނާ، ޒިންމާދާރު ދިވެހި ރައްޔިތެއް ބިނާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ ޓްރޭނިން ޕްރޮގްރާމެއްކަން އެމްއެންޑީއެފްއިން ވަނީ ފާހަގަކޮށްފައެވެ.