ނޭޝަނަލް ސާވިސް ޕްރޮގްރާމް (ދިވެހި ވަތަނީ ހިދުމަތުގެ) ތަމްރީނަށް ހޮވުނު ދެވަނަ ބެޗު މިއަދު ފުރައިފިއެވެ.

އެކަން އިއުލާންކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ދިވެހި ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނު ފުރިހަމަ ކުރި ޒުވާނުންގެ ތެރެއިން، ދިވެހި ވަތަނީ ގިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން ބ. ކިހާދޫގައި ގާއިމު ކޮށްފައިވާ އެމްއެންޑީއެފްގެ ތަމްރީނު މަރުކަޒަށް މިއަދު ފުރާފައިވާ ކަމަށެވެ.

އަދި ހަމަ އެހެންމެ ރާއްޖޭގެ 35 ރަށަކަށް ނިސްބަތްވާ، 16 އަހަރާއި 19 އަހަރާއި ދެމެދުގެ 66 ޒުވާނުން ބައިވެރިވާ މި ތަމްރީނުގައި ތަފާތު ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުސަތުލިބިގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މި ޕްރޮގްރާމަކީ، ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް އިސްކަންދީގެން ހިންގުމަށް ހަމަޖެހިފައިވާ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

ކުރިއަށް އޮތް ހަަތަރު އަހަރު، ކޮންމެ އަހަރަކު 1000 ކުދިން ތަމްރީނު ކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު މޯލްޑިވްސް ނޭޝަނަލް ސާވިސްގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވާފައި ވަނީ މިދިޔަ ޖުލައި މަހުއެވެ. މާލެ ސިޓީ، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ތ.ވޭމަންޑޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައި ވަނީ ބައިވެރިން ހޮވުމުގެ މަރުހަލާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވާ ދެވަނަ ބެޗު، ޖުމްލަ 66 ކުދިން ބައިވެރިވޭ

އެގޮތުން ތަމްރީންގެ ފުރަތަމަ ބުރަށް ހޮވުނު 340 ބައިވެރިން މާފިލާފުށީގައި ތަމްރީނުތައް ކުރިއަށްގެންގޮސްފައިވާއިރު ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުން ދަސްވެނިވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުއެވެ.

13 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 96 ޕަސެންޓް ދަރިވަރުން ވަނީ ތަމްރީނުގައި ކަނޑައަޅާފައިވާ މިންގަނޑުތައް ހާސިލުކޮށް، ސެޓިފިކެޓް 3 އިން ސިވިކް އެޑިޔުކޭޝަން އެންޑް ލީޑާޝިޕް އެވޯޑް ހާސިލުކޮށްފައެވެ.