ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗު ތަމްރީނު ހެދުމަށް ފުރައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން 286 ފިރިހެން، އަދި 64 އަންހެން ދަރިވަރުން ހިމެނޭހެން ޖުމުލަ 350 ދަރިވަރުން ބައިވެރިވެފައިވާކަމަށެވެ.

މި ދަރިވަރުން ޅ. މާފިލާފުށީގައި ހުރި އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުން ތިން މަސްދުވަހު ތަމްރީނު ފުރިހަމަކުރާނެ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމަކީ، ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް އިސްކަންދީގެން ހިންގުމަށް ހަމަޖެހިފައިވާ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ދިވެހި ވަތަނީ ހިދުމަތުގެ މަގުސަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހު ދިރުވައި އާލާކުރުމާއި، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ބިނާކުރުމުގެ އިތުރުން ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާ އެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކުރުން ހިމެނޭ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ހަަތަރު އަހަރު، ކޮންމެ އަހަރަކު 1000 ކުދިން ތަމްރީނު ކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު މޯލްޑިވްސް ނޭޝަނަލް ސާވިސްގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވާފައި ވަނީ މިދިޔަ ޖުލައި މަހުއެވެ. މާލެ ސިޓީ، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ތ.ވޭމަންޑޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައި ވަނީ ބައިވެރިން ހޮވުމުގެ މަރުހަލާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ޓްރެއިނިންގެ ފުރަތަމަ ކޯސް ފުރިހަމަކޮށް 344 ދަރިވަރުން ދަސްވެނިވެފައިވާއިރު، ޓްރެއިނިން ފުރިހަމަކުރާ ދަރިވަރުންނަށް ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން ފުރިހަމަކުރިކަމުގެ ސެޓްފިކެޓާއި، ސެޓްފިކެޓް 3 އިން ސިވިލް އެޑިއެކޭޝަން އަދި ކޮމިއުނިޓީ ވޮލަންޓިއާގެ އިތުރުން ފަޔާ ފައިޓާ އަދި ބޭސިކް ފަސްޓް އެއިޑް ސެޓްފިކެޓާއި ޕިއާ އެޑިއުކޭޝަން ޓްރެއިނިން ޕްރޮގްރާމު ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް ދެވޭނެ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.