މާލޭ ސަރަހައްދުގައި ދިމާވެފައިވާ ވެހިކަލް ޕާކިންގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގައި ވަގުތީ ޕާކިން ސަރަހައްދުތަކެއް ކަނޑައަޅައި އެ ސަރަހައްދުތައް ޕާކިންއަށް ހުޅުވާލައިފިއެވެ.

އެޗްޑީސީއިން ބުނީ ހަތަރު ފުރޮޅުލީ 1،964 ވެހިކަލް ޕާކު ކުރެވޭނެ ޖާގަ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަނޑައަޅާފައިވާ ކަމަށެވެ. މިއީ އެޗްޑީސީ އަދި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ވަގުތީ ޕާކިން ޖާގަތައް ކަނޑައެޅި ސަރަހައްދުތަކާއި އެތަންތަނުން ލިބޭ ޖާގައިގެ އަދަދު:

• މަސްޖިދުލް ވާލިދައިން ކައިރި ސަރަހައްދު: 115 ޖާގަ

• ގާޒީ ސްކޫލު ސަރަހައްދު: 254 ޖާގަ

• ހިޔާ ޓަވަރު-16 ސަރަހައްދު: 1233 ޖާގަ

• ވިނަރެސް ސަރަހައްދު: 362 ޖާގަ

އެޗްޑީސީއިން ބުނީ ވަގުތީ ޕާކިން ސަރަހައްދުތައް ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކީ ހުޅުމާލޭގެ ޓްރެފިކް ފްލޯ ރަނގަޅުކުރުމާއި މަގުތަކުގައި ވެހިކަލްތައް ޕާކުކުރުމުގެ ސަބަބުން ދިމާވާ ތޮއްޖެހުން ކުޑަކުރުން ކަމަށެވެ. އަދި ހުޅުމާލެއިން މިފަދަ ބޮޑު ޖާގައެއް ހަމަޖެއްސުމަކީ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން އެޗްޑީސީއިން ވަނީ ފާހަގަކޮށްފައެވެ.

ވަގުތީ މި އިންތިޒާމުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، ވެހިކަލްތަކަށާއި މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށްވެސް ލުއިފަސޭހަވެ، ލިބޭ ރައްކާތެރިކަން ބޮޑުވާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ. އަދި މާލެ ސަރަހައްދުގެ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ހުޅުވާލި ވަގުތީ ޕާކިން ސަރަހައްދުތަކުގެ ސަބަބުން އުޅަނދު ގެންގުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހައަކަށް ވާނެކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެހިކަލް ޕާކުކުރުމަށް ދިމާވެފައިވާ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޕާކިން ބިލްޑިންތަކެއް ހެދުމުގެ މަސައްކަތް އެޗްޑީސީއިން ކުރަމުންދާކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.